ޢާއިޝަތު ރަފާޙް ޢަލީ
ކީރިތި ޤުރްއާނަކީ ﷲ ސުބްޙަނަހޫ ވަތަޢާލާގެ ކަލާމްފުޅެވެ. ކީރިތި ޤުރްއާނަކީ އަޅުގަނޑުމެން ހުރިހާ ޙާލަތެއްގައިވެސް ހަނދުމަކުރަންޖެހޭ ފޮތެކެވެ.
ކީރިތި ޤުރްއާނުގައި އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންކަމުގެ ޙައްލު ބަޔާންކޮށްދެއްވާފައިވާވެއެވެ. އެގޮތުން:
· އީމާންކަން ދައްވަނީނަމަ:
ﷲ ތަޢާލާ އަޅުގަނޑުމެން އިންސާނުން މިދުނިޔެއަށް ފޮނުއްވާފައި ވަނީ އަޅުކަން ކުރުމަށެވެ. އެގޮތުން އަބަދުވެސް ޛިކުރުކުރުމާއި، ހެޔޮ ޢަމަލުތައް ކުރުމުގައި ދެމިހުރުމަށް އަޅުގަނޑުމެންނަށް އަމުރުކުރައްވާފައިވެއެވެ. އަދި އެއީ ވަރަށް މުހިއްމު ކަމެކެވެ.
ﷲ ތަޢާލާ ރަޢްދު ސޫރަތުގެ 28 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ ﴿٢٨﴾
މާނައީ:"އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ (28)"
· ކަންބޮޑުވާނަމަ:
ދުނިޔޭގައި އުޅޭއިރި އިންސާނުންނަށް އެތައް ކަމެއް ދިމާވެއެވެ. ހިތާމަވެރި ކަންކަން ދިމާވެއެވެ. ކަންބޮޑުވެ ވިސްނަންޖެހޭ އެތައް ކަންކަމެއް އާދެއެވެ. އަދި ކަންބޮޑުވެ ހާސްވާނަމަ އަދި ހިތާމަވެރި ކަމެއް ކުރިމަތިވެއްޖެނަމަ އެންމެ ފުރަތަމަވެސް ﷲ ތަޢާލާ ހަނދުމަކުރުމަކީ އެކަމުގެ ހެޔޮ ޖަޒާ އެމީހަކަށް ލިބިގެންދާނެ ކަމެކެވެ. ﷲ ތަޢާލާ އަޅުގަނޑުމެންނަށް ކެތްތެރިވުމަށް އަންގަވާފައިވެއެވެ. އަދި ކެތްތެރިންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާކަން ވެސް އަންގަވާފައިވެއެވެ.
ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 45 ވަނަ އާޔަތުގައި ވަަޙީ ކުރައްވާފައިވެއެވެ.
وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلْخَٰشِعِينَ ﴿٤٥﴾
މާނައީ: "އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.) (45)"