މަލާއިކަތްބޭކަލުން- 14: އާދަމުގެފާނާއި މަލަކުލްމައުތުގެފާނު

ކިޔުމަށް ހޭދަވާނީ 2މ 26ސ
މަލާއިކަތްބޭކަލުން- 14: އާދަމުގެފާނާއި މަލަކުލްމައުތުގެފާނު

ޢަލީ އިޙްޞާން ފިރާޤް

 

އާދަމުގެފާނާއި މަލަކުލްމައުތު: 

އާދަމުގެފާނު މަރުހިއްޕެވުމަށްޓަކައިވެސް މަލަކުލް މައުތުގެފާނު ވަޑައިގެން އެކަލޭގެފާނާ ވާހަކަފުޅު ދެއްކެވިކަން ސާބިތުވެއެވެ.  

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.  

މާތްﷲ އާދަމުގެފާނު ހެއްދުވުމަށްފަހު، އެކަލޭގެފާނުގެ ބުރަކަށިފުޅުގައި ފިރުއްމަވައިލެއްވިއެވެ. އެހިނދު އެކަލޭގެފާނުގެ ދަރިންގެ ތެރެއިން ޤިޔާމަތާހަމައަށް ދާންދެން އެކަލާނގެ އުފައްދަވާނެ ހުރިހާ މަޚްލޫޤުން އެކަލޭގެފާނުގެ ބުރަކަށިފުޅުން ނުކުތެވެ. އަދި އެއިން ކޮންމެ އިންސާނެއްގެ ދެލޯދޭތެރޭގައި ނޫރެއްލެއްވިއެވެ. ދެން އެމީހުން އާދަމުގެފާނަށް ހުށައެޅުއްވިއެވެ. އެހިނދު އާދަމުގެފާނު ދެންނެވިއެވެ. އޭ މިއަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއީ ކޮންބައެއްތޯއެވެ؟ މާތްﷲ އެންގެވިއެވެ. މިއީ ކަލޭގެފާނުގެ ދަރީންނެވެ. އެމީހުންގެ ތެރެއިން ބޭކަލެއްގެ ދެލޯފުޅުގެ ދެމެދުގައިވާ ނޫރު ފެނިވަޑައިގެން އާދަމުގެފާނު އަޖާއިބުވަވަޑައިގެން  އެބޭކަލަކަށް އިޝާރާތްކުރައްވައި ދެންނެވިއެވެ. މިއީ ކޮންބޭކަލެއްތޯއެވެ؟ މާތް ﷲ އެންގެވިއެވެ. އެއީ ކަލޭގެފާނުގެ ދަރިންގެތެރެއިން ފަހުގެ އުއްމަތުގެ ބޭކަލެކެވެ. އެބޭކަލަކަށް ދާއޫދުގެފާނުގެ ނަންފުޅުން ނަންދެވިގެންވެއެވެ. އެހިނދު އާދަމުގެފާނު ދެންނެވިއެވެ. އޭ މިއަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އެބޭކަލަކަށް ދެއްވާފައިވާ އުމުރަކީ ކޮބައިތޯއެވެ؟ މާތްﷲ އެންގެވިއެވެ. ފަސްދޮޅަސް އަހަރެވެ. އާދަމުގެފާނު ދެންނެވިއެވެ. އޭ މިއަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އެކަލޭގެފާނަށް ތިމަންކަލޭގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރު އިތުރުކޮށްދެއްވާނދޭވެ! ދެން އާދަމުގެފާނު އުމުރުފުޅު ނިމުމުން މަލަކުލް މައުތު އާދަމުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެހިނދު އާދަމުގެފާނު ދެންނެވިއެވެ. ތިމަންކަލޭގެފާނުގެ އުމުރުފުޅުން އަދި ސާޅީސްއަހަރު ބާކީއެބައޮތް ނޫންތޯއެވެ؟ މަލަކުލް މައުތު ދެންނެވިއެވެ. ކަލޭގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރު ކަލޭގެފާނުގެ ދަރިކޮޅުން ވަޑައިގެންނެވި ދާއޫދުގެފާނަށް ނުދެއްވަންތޯއެވެ؟ ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. އާދަމުގެފާނު އިންކާރުކުރެއްވީއެވެ. އަދި އާދަމުގެފާނުގެ ދަރިންވެސް އިންކާރުކުރީއެވެ. އާދަމުގެފާނު ހަނދުމަ ނެތުނީއެވެ. އާދަމުގެފާނުގެ ދަރިންވެސް ހަނދާންނެތުނީއެވެ. އާދަމުގެފާނަށް ކުށެއް ކުރެއްވުނީއެވެ. އާދަމުގެފާނުގެ ދަރިންނަށްވެސް ކުށް ކުރެވުނީއެވެ."

{ جامع الترمذي/ كتاب تفسير القرآن عن رسول الله صلى الله عليه وسلم/ قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ ޙަދީޘް ނަންބަރު 3076}

 

 

މިއަދު އޮންލައިން