ތައުބާވެ، ތައުބާވުންމަތީގަ ތިބޭ މީހުންނަށް ފުރައްސާރަކުރުމަކީ ޝައިޠޯނާކުރުވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ތައުބާވެ، ތައުބާވުންމަތީގަ ތިބޭ މީހުންނަށް ފުރައްސާރަކުރުމަކީ ޝައިޠޯނާކުރުވާ ކަމެއް!

ކިތަންމެ ގިނ އަދަދަކަށް، ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވުމުން އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަނީ ﷲ ތަޢާލާއެވެ. ﷲ ތައާލާ އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވަނީ އެމީހަކު މާޒީގައި ކޮށްފައިވާ ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ޙާލުގައެވެ.

ވީމާ އެހިސާބުން މާޒީ އާއިމެދުގައި އިތުރަށް ވިސްނުމުގެ އެއްވެސް ބޭނުމެއް ނެތެވެ! އެހިސާބުން މާޒީ އެވަނީ ނެތިގެން ގޮސްފައެވެ. ތައުބާވެ ތައުބާވުންމަތީގައި ހުރިނަމަ އެމީހަކީ ފާފައެއް ނުކުރާ މީހަކު ފަދަ ޠޯހިރު މީހެކެވެ.  

ފާރާމުގައި ޖަހާލައްތައް ބްލީޗްފަދަ އެއްޗެއް ޖަހައިގެން ފިލުވައިލުމުން ފޭރާން ސާފުވާ ފަދައިން ތައުބާވުމުން މީހާ އެވަނީ ސާފުވެފައެވެ. ހިތް އެވަނީ ޠޯހިރުވެފައެވެ. ތައުބާވެ ތައުބާވުންމަތީގައި ދެމިހުރިނަމަ އެމީހާގެ މާޒީގެ އެއްވެސް ކަމަކާއިމެދު ﷲ ތަޢާލާ ސުވާލެއް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ ސުވާލުކުރައްވަވާނީ ތައުބާވުމަށް ފަހު ކުރާ އަމަލުތަކުގެ މައްޗަށެވެ.  

ވީމާ ތައުބާވުމަށްފަހު މީސްތަކުން ކިޔައިފާނެ އެއްޗަކަށް ނުވަތަ ކޮށްފާނެ މަލާމާތަކަށް ނުވިސްނާށެވެ! މަލާމާތްކޮށްފިނަމަ އެކަމުން ވެސް ތިބާއަށް ދެއްވަވާނީ ޘަވާބެވެ! ﷲ ތަޢާލާގެ މަގުގައި ސާބިތުވާށެވެ! މިސްކިތަށް ދިއުން ގިނަކުރާށެވެ! ފިރިހެނަކު ނަމަ ތުނބުޅިވެސް ދިގުކުރާށެވެ! އަންހެނަކު ނަމަ ޙިޖާބަވެސް އަޅާށެވެ! ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ހުރިހާ ޢަމަލުތަކެއްވެސް ކުރާށެވެ! ހަމައެކަނި ކުރަންވީއެއް ނޫނެވެ! ކުރުން ގިނަކުރަންވީއެވެ! 

ބައެއް މީހުން، އެމީހުންނަށް ކުރިން ކުރެވެމުން އައި ފާފަތައް ކުރުން ހުއްޓާލައި އުޅުން އިޞްލާޙްކޮށް ތައުބާވުމަށްފަހުގައިވެސް އެކަން ހާމަކުރަން ލަދުވެތިވެއެވެ. ޖަމާއަތަށް ނަމާދަށް ދިއުމާއި ތުނބުޅި ބެހެއްޓުމާއި ޙިޖާބް އެޅުން ފަދަ ކަންކަން ކުރަން ލަދުގަނެއެވެ. އެއީ އޭނާއަށް ކުރިން ކުރެވުނު ފާފަތައް އެނގޭ މީހުން ކޮށްފާނެ މަލާމާތާއި ފުރައްސާރައަށް ލަދުވެތިވެ ޖެހިލުންވާތީއެވެ.  

އީމާންކަމުގައި ސާބިތުވެއްޖެ މީހާ އެހެން މީހުން ކިޔައިފާނެ އެއްވެސް އެއްޗަކާއިމެދު ޖެހިލުމެއް ނުވާނެއެވެ. ބިރުވެތިވާނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. ޖެހިލުން ވާނީވެސް އަދި ލަދުވެތިވާނީވެސް ހަމއެކަނި ﷲ ތަޢާލާއަށެވެ! ވީމާ ފުރިހަމަގޮތުގައި އީމާންވެގެން ހުރި މީހަކަށްވާށެވެ! އެއިރުން ޢަޒުމް ގުޑުވައެއް ނުލެވޭނެއެވެ!  

އަދި ކީއްހެއްޔެވެ؟ ތައުބާވުމުން އެމީހަކަށް މަލާމާތް ކުރާނަމަ އެމީހަކީ ޖާހިލެކެވެ. ޝައިޠޯނާގެ ބައިވެރިއެކެވެ. އެފަދަ މީހުން އެކުރަނީ ބިރުހުރި ކަމެކެވެ. އެހެނީ އެ މަސައްކަތްކުރަނީ މީހަކު ދީނާއި ދުރަށް ޖެއްސުވުމަށެވެ.  

ޖާހިލުން ކުރާ ކަންކަމަށް މުސްލިމުން ކަންބޮޑެއް ނުވާނެއެވެ! މުސްލިމެއްގެ ގޮތުގައި ސާބިތުވުމުން އޮންނާނީ ހުރިހާ މައްސަލަތަކަށްވެސް ޙައްލު ލިބިފައެވެ! އެފަދަ މީހުންނަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ދާނީ ލިބެމުންނެވެ! ރަޙްމަތް ދާނީ އޮހެމުންނެވެ. ދީނިގައި ސާބިތުވެ ހުރުމަށް ދާނީ ހިތްވަރު ލިބެމުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން