ޖަނާޒާތަކުގައި ބައިވެރިވާން ގޮސްތިބޭ ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކަށުނަމާދުކޮށް މައްޔިތާ ވަޅުލުމުން އެކަން ނިމުނީ ކަމަށެވެ. އެހެންވެ އެހިސާބުން މައްޔިތާގެ މަތިން ހަނދާން ނައްތާލައި ދުނިޔަވީ ކަންކަމަށް އެނބުރިގަންނަތަން ފެނެއެވެ. އެއީ ކަންތައް ކުރަން އޮތް ގޮތް ނޫންކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ.
މައްޔިތާ ވަޅުލައި ނިމުމުން އެއީ ނިމުނީ ކަމަށް ނުހަދާށެވެ. މައްޔިތާގެ މައްޗަށް ހެޔޮދުޢާކުރުން 7 ގަޑިއިރަށް ކުރިއަށް ގެންދަންވާނެއެވެ. އެހެނީ ކައްވަޅގައި ސުވާލުކުރެއްވެވުމުގެ ހިނގާނެ ވަގުތތަކެވެ. ވީމާ ގޭގައި ތިބެގެން ޢާއިލާގެ އެންމެންނާއި ހެޔޮއެދޭ އެންމެންވެސް 7 ގަޑިއިރުވަންދެން ދުޢާކުރަމުން ގެންދަންވާނެއެވެ.
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! މީހަކަށް އެހެން މީހެއްގެ ކިބައިން އެއްވެސް ކަމަކަށް އެދެވޭނީވެސް އަދި ވަޞިއްޔަތެއް ކުރެވޭނީވެސް ދުނިޔޭގައި ހުރެއެވެ. މަރުވުމަށްފަހު އެފުރުޞަތު ގެއްލިގެންދެއެވެ. އޭނާއަށްޓަކައި ހެޔޮދުޢާކޮށްދިނުމަށް އެންމެންގެ ކިބައިން އެދެންވެސް ކިތަންމެ ވަރަކަށްވެސް ބޭނުންވާނެއެވެ. ނަމަވެސް މަރުވުމަށްފަހު އެފުރުޞަތެއް ނުލިބޭނެއެވެ.
ވީމާ ކޮންމެ މީހަކު މަރުވިނަމަވެސް އޭނާއަށްޓަކައި ހެޔޮދުޢާކުރުން ގިނަކުރާށެވެ. އޭނާގެ ފާފަތައް ފުއްސަވައި ފުރާނައަށް ހެޔޮރަޙްމަތް ލެއްވެވުން އެދި ގިނަގިނައިން ދުއާކުރާށެވެ! މައްޔިތާ އެންމެ ބޮޑަށް އެދޭނީ އެކަމަށެވެ. އަދި މައްޔިތާއަށް ފައިދާކުރާނެ ކަމަކީވެސް ހެޔޮދުޢާ އާއި ދެންވެސް އާޚިރަތްދުވަހު ފައިދާކުރާނެ ކަންކަމެވެ.
- ޢައިޝަތު ޝުކުރިޔާގެ ޖަނާޒާގައި ޝައިޚް އިބްރާހީމް ފަރިދު އަހްމަދު ދެއްވި ނަޞޭޙަތުގެ ތެރެއިން