ބޭވަފާތެރިވެ، ނުބައިމަގުތަކުން ކުރިއަށް ދިއަ ފިރިއެއްގެ އުޅުން ބަދަލުކުރޭތޯ އަނބިމީހާ ކުރި ކާމިޔާބު ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ބޭވަފާތެރިވެ، ނުބައިމަގުތަކުން ކުރިއަށް ދިއަ ފިރިއެއްގެ އުޅުން ބަދަލުކުރޭތޯ އަނބިމީހާ ކުރި ކާމިޔާބު ކަންތައް-

ޝައިޠޯނާގެ މަގުން ކުރިއަށް ދެވޭ ގިނަމީހުންނަކީ އިޞްލާޙްވާ ބައެއް ނޫންކަމަށް ބުނެވެން އެބައޮތެވެ. ނަމަވެސް ރަނގަޅު ގޮތް ވިސްނުމުން އިޞްލާޙްވާ މީހުންވެސް ތިބެއެވެ. ތިރީގައި އެވަނީ ބޭވަފާތެރިވެ ނުބައި މަގުތަކުން ދިއަ ފިރިއަކު އިޞްލާޙްކުރުވޭތޯ އަނބިމީހާ ކުރި ކުޑަކުޑަ އެކަމަކު ކާމިޔާބުކަމެއްގެ ވާހަކައެވެ. 

އޭ އަހަރެންގެ ޙަޔާތުގައި ލޯބިވީ ހަމައެކަނި އިންސާނާއެވެ! ތިބާ އާއި އަހަރެން ކައިވެނިކުރީ ހާދަ ގިނަ ވައުދުތަކެއް ތިބާ ވުމުންނެވެ. ހާދަ ވަރަކަށް ޔަޤީންކަން ދިނުމުންނެވެ. އަހަރެންނާއި ވަކިނުވާނެ ކަމަށެވެ. ބޭވަފާތެރި ނުވާނެ ކަމަށެވެ! ޢުމުރަށް އެކުގައި އުޅޭނެ ކަމަށެވެ. ދެމީހުން އެކުގައި ސުވަރުގެ ވަންނަން މަސައްކަތްކުރާނެ ކަމަށެވެ. 

އޭ އަހުރެން ލޯބިވީ މީހާއެވެ! މިއަދު އެހުރިހާ ކަންކަން ވެފައި މިވަނީ ހަމައެކަނި މާޒީއަށެވެ! ތިބާގެ ފުށުން ފެންނަމުން މިދަނީ ތިބާގެ ކިބައިން ފެނިދާނެ ކަމަށް ކުރިން ހީވެސް ނުކުރެވި ހުރި ކަންކަމެވެ. މިއަދު އަހުރެން ބުނެލަން އޮތީ އެންމެ ވާހަކައެކެވެ. ކޮށްލަން ބޭނުމީ އެންމެ ސުވާލެކެވެ! 

ބޭވަފާތެރިވެފައި ސިއްރުކުރިއްޔާ ނޫނީ ފައުޅުކުރިއްޔާ ތިބާއަށް ވާނީ ކޮން މޮޅެއް ހެއްޔެވެ؟ ".....ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައި ވާހާކަމެއް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." އަލްމުލްކް ސޫރަތުގެ 13 ވަނަ އާޔަތުގައި މިފަދައިން ވަޙީކުރައްވަވާފައިވާކަން ތިބާއަށް ނުއެނގެނީ ހެއްޔެވެ؟ 

ވީމާ ތިބާ ތިއަކުރާ ކަންކަމަށް އަހަރެން އެއްވެސް ވަރަކަށް ކަންބޮޑެއް ނުވަމެވެ! ތިބާގެ ކިބައިން އެއްވެސް ކަމަކަށް ބޭނުމެއް ނޫނެވެ. އެއްވެސް ކަމަކަށް އެދޭކަށްވެސް ބޭނުމެއް ނޫނެވެ! އަހަރެން ވާގިއެދޭނީ ﷲ ގެ ޙަޟްރަތުންނެވެ! ތިބާ ކުރާ ކަންކަމުގެ އިތުރުން ތިބާގެ ހިތުގައިވާ ކަންކަން ވެސް މޮޅަށް ދެނެވޮޑިގެންވާ ﷲ ގެ ޙަޟްރަތުންނެވެ! އަހަރެން މަސައްކަތްކުރާނީ އެކަލާނގެ އަންގަވާފައިވާ މަގުން ކެތްތެރިންގެ ތެރެއިންވުމަށެވެ. 

މިއީ އަހުރެންގެ ބައިވެރިޔާއަށް އަހަރެން ދިން ކުޑަކުޑަ ނޯޓެކެވެ! ބުނެލަން ބޭނުމީ މިނޯޓު ދިނުމުން ޙަޔާތުގެ ކަންކަން ބަދަލުވިކަމެވެ. އޭނާގެ ހިތަށް ރަޙްމް ވަދެ ކުށް ޤަބޫލުކޮށް އިޞްލާޙްވިކަމެވެ. މި ނޯޓު ހާމަކޮށްލީ އަހަރެން ކުރި ފަދައިން ހިތްދަތިކަން އިޙްޞާޞްކުރާ މީހުންނަށް ޢިބްރަތަކަށްވެދާނެ ކަމަށްޓަކައެވެ! 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން