ދުޢާކުރަން ލަދުގަންނަންޖެހޭ ޙާލަތުގައި ނުތިބޭ މީހުންނަށް އަބަދުވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެ! އިން ޝާ ﷲ: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ދުޢާކުރަން ލަދުގަންނަންޖެހޭ ޙާލަތުގައި ނުތިބޭ މީހުންނަށް އަބަދުވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެ! އިން ޝާ ﷲ: ބިލާލް އައްސަދު

ﷲ ތަޢާލާގެ ޙަޟްރަތުން ތިމާއަށް ކަންތައްތަކެއް ބޭނުންވާކަން ގިނަ ބައަކަށް އިޙްޞާޞްކުރެވެނީ ކޮންމެވެސް ބާވަތެއްގެ މުޞީބާތެއް ކުރިމަތިވުމުންނެވެ. ހިތްދަތިކަން، އަތްމަތިދަތިކަން ފަދަ ކަންކަން ކުރިމަތިވުމުންނެވެ. ބަލިޙާލެއްގައި އުޅެންޖެހުމުންނެވެ. 

އެކަމަށް އަހުރެންވެސް އެއްބަސްވަމެވެ. އެބާވަތުގެ ކަންކަން ކުރިމަތިވުމުން ﷲ ތަޢާލާގެ މަތިން ގިނައިން ހަނދުމަކުރެވޭނެއެވެ. އަދި ﷲ ތަޢާލާގެ ރަޙްމަތަށްވެސް ބޮޑަށް އެދެވޭނެއެވެ. އެކަމަކު ބުނަންހެއްޔެވެ؟ އަހުރެމެންގެ ކިބައިގައިވެސް ޒިންމާތަކެއް އެބަވެއެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވެގެން ތިބުމެވެ. 

އަހުރެމެންގެ ފައިދާއަށް މެނުވީ އެއްވެސް ކަމެއް ﷲ ތަޢާލާ އަހުރެމެންނަށް ނަހީކުރައްވަވާފައެއް ނުވެއެވެ. އެންމެ ބޮޑެތި ފާފަތައް ކަމުގައި ﷲ ތަޢާލާ ލައްވަވާފައިވަނީ އެކަމެއް ކުރުމުން އަހުރެމެންނަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަންކަމެވެ. އެއްވެސް ފާފައަކަށް އަރައިނުގަނެ ހުންނަން މަސައްކަތްކުރަންވީ އެސަބަބަށްޓަކައެވެ. 

ނިކަން މިގޮތަށް ވިސްނައިބަލާށެވެ! ތިބާ އޮތީ މީހަކަށް ދަރަނުވެރިވެފައެވެ. ދަރަނި އަދާކުރެވެން އޮތްއިރުވެސް ތިބާ އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. އެހެން ހުއްޓައި އަނެއްކާވެސް އަތްމަތިދަތިވީއެވެ. އެޙާލަތުގައި ކުރިން އެހީތެރިވެދިން މީހާގެ މަތިން ކިތަންމެ ވަރަކަށް ހަނދާންކުރިނަމަވެސް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ލަދުންވެސް އޭނާ އާއި ކުރިމަތިލާން ނުކެރޭނެ ނޫންހެއްޔެވެ؟ 

ލޮބުވެތި އެކުވެރިންނޭވެ! ކޮންމެ ދުވަހަކު މިދަނީ ނަމާދުތަކަށް ދަރަމުންނެވެ. އެހެން ފަރުޟުތަކަށްވެސް ދަރަމުންނެވެ. ސުންނަތް ނަމާދުތަކަށް އިހްމާލުވަމުންނެވެ. އެހެން ހުއްޓައި ބޮޑު މުޞީބާތެއްގެ ތެރެއަށް ވެއްޓުމުން އެކަމުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަން ލަދެއް ނުގަންނާނަންހެއްޔެވެ؟ 

ލޮބުވެތި އެކުވެރިންނޭވެ! މިޙާލަތަށް ނުވެއްޓޭށެވެ! ތިމާ އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ގެންދާށެވެ! ކޮންމެ ވަޤުތެއްގައިވެސް ދުޢާކުރަން ދެއަތް އުފުލައިލަން ލަދުގަންނަން ނުޖެހޭނެ ގޮތަށް ޢަމަލުތައް ބަހައްޓަން މަސައްކަތްކުރާށެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ އަބަދުވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. ކުރާ ދުޢާ ޢިޖާބަކުރައްވަވައި އެމީހެއްގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

- ބިލާލް އައްސަދުގެ ދަރުސަކުން

 

މިއަދު އޮންލައިން