"މުއްސަނދި، ތަނަވަސް" މިފަދަ ބަހެއްގެ އަޑުއިވޭއިރަށް ހިތަށް ވަންނަނީ ފައިސާއެވެ. ފައިސާ ގިނަވުމެވެ. ނަމަވެސް އެއީ އަދި އެންމެ ރަނގަޅު މާނައެއް ނޫނެވެ. ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވާ ކިތަންމެ ބޮޑު މުއްސަންޖަކަށް ނަމަވެސް ހިތްހަމަޖެހުން ނުލިބޭނަމަ އަތުގައި ހުރި ފައިސާތަކުން ކުރާނެ ފައިދާއެއް ނެތެވެ.
ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ.
"އެންމެ ބޮޑު މުއްސަންޖަކު ކަމުގައިވާން ބޭނުން ނަމަ ތިމާއަކީ ކުރިމަތިވާ ކޮންމެ ޙާލަތެއްގައިވެސް "މިއަޅާ ބަރޯސާވަނީ، ވަކީލުކުރަނީ އިނބަ ﷲ އަށެވެ. އިނބަ ﷲ ދެއްވެވި މިންވަރަށް ޝުކުރުވެރިވާ އަޅެއްކަމުގައި މިއަޅާ ވަމެވެ" އެކަންކަން ހިތާއި ދުލުން ބަޔާންކުރާ މީހަކަށްވާށެވެ!"
މިބަސްފުޅަށް ބަލައިފިނަމަ އެންމެ ބޮޑު މުއްސަންޖަކީ އެމީހާގެ ހިތް ﷲ ތަޢާލާ އާއި ގުޅިފައިވާ މީހެކެވެ. އެފަދަ މީހުންނަށް ކޮންމެފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް ކަންބޮޑުވެގެނެއް ނުއުޅޭނެއެވެ. އެމީހުން އަބަދުވެސް ބަރޯސާވާނީ ފައިސާއަކަށް ނޫނެވެ. ﷲ ތަޢާލާއަށެވެ.
އެމީހުން ތިބޭނީ ހުރިހާ ކަމެއްގައިވެސް އަދި ހުރިހާ ޙާލަތެއްގައިވެސް ﷲ ތަޢާލާއަށް ވަކީލުކޮށްގެންނެވެ. ކިތަންމެ މަދު ފައިސާކޮޅެއް އަތުގައި ހުރިނަމަވެސް އެދުވަހަކު އަތުގައި އޮތް މިންވަރަކީ އެންމެ ގިނަ އަދަދުކަމަށް ޤަބޫލުކޮށް ހުންނާނީ އަބަދުވެސް އުފަލުންނެވެ.
ހިތްހަމަޖެހިގެން ދިރިއުޅެވޭ އެންމެ ބޮޑު މުއްސަންޖަކަށްވުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއްކަމަށް މިބުނަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. ކޮންމެ ޙާލަތެއްގައިވެސް ﷲ ތަޢާލާއަށް ބަރޯސާވެ، އެކަލާނގެއަށް ވަކީލުކޮށް އަދި ދެއްވެވި މިންވަރަށް ޝުކުރުކޮށް ވަކީލުކޮށްގެން ހުންނަ މީހަކަށްވުރެ އުފަލުގައި އަދި އެމީހަކަށްވުރެ ބޮޑު ތަނަވަސްކަމުގައި ހުންނަ ހަމައެކަކުވެސް ނުހުންނާނެތެވެ. އެއީ ހަމަ ޔަޤީންކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން