ބައިވެރިޔާ ދޮގުހެދީމާ ރުޅިގަދަވެ ރަތަށްއަރާއިރު ތިބާ ބައިވެރިޔާއަށް ދޮގުހަދަނީ ދޮގުހެދީމާ ބައިވެރިޔާގެ ލޯބި ގަދަވާނެކަމަށް ބަލައިގެންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ބައިވެރިޔާ ދޮގުހެދީމާ ރުޅިގަދަވެ ރަތަށްއަރާއިރު ތިބާ ބައިވެރިޔާއަށް ދޮގުހަދަނީ ދޮގުހެދީމާ ބައިވެރިޔާގެ ލޯބި ގަދަވާނެކަމަށް ބަލައިގެންތަ؟

މިޘާލެއްގެ ގޮތުން ދޮގުހެދުމަށް ބަލާށެވެ! ދޮގުހެދުމަކީ ބޮޑު ފާފައެކެވެ. ނަމަވެސް ދޮގުހެދުން ޢާންމުވަމުން އައިސް އެއީ ގިނަ ބައަކު އެއްވެސް ވަރަކަށް ބިރެއް ޖެހިލުންވުމެއް ނެތިކުރާކަމަށް މިއޮތީވެފައެވެ. އެކަމުގެ ސަބަބުން އިތުބާރުކުރެވޭ މީހަކު ނެތްކަމަށް ބުނެވޭ ޙާލަތަށް ކަންކަން މިވަނީ ގޮސްފައެވެ. 

އެހެން މީހަކު ތިމާއަށް ދޮގެއް ހަދައިފިނަމަ އިންތިހާއަށް ރުޅިގަދަވެއެވެ. އެމީހަކަށް ނަފްރަތުވެސް ކުރެއެވެ. އެމީހަކަށް އިތުބާރުކުރުންވެސް ހުއްތައިލައެވެ. ނަމަވެސް އެހެން މީހުންނަށް ތިމާ ދޮގުހަދައެވެ. އެއްވެސް ޖެހިލުމެއްވެސް ނެތިއެވެ. އެހެންވެ ދެން މިބައިލަނީ ދެމަފިރިންގެ މެދުގައި މިކަން އޮތް ޙާލަތަށެވެ. 

އެއީ ދެމަފިރިންނެވެ. ބައިވެރިޔާ ދޮގުހަދައިފިނަމަ އެއީ ބޮޑު ޠޫފާނެއްވަރުގެ ބޮޑުކަމަކަށް ހަދައެވެ. އެއީއަކީވެސް މައްސަލައެއް ނޫނެވެ. ތެދުވެރިކަން ގެއްލިއްޖެނަމަ އެކުގައި ދިރިއުޅުމަކީ ކުރަން ފަސޭހަ ކަމަކަށް ނުވާނެތީއެވެ. އިތުބާރު ނުކުރެވޭ މީހަކާއިއެކު އުފާވެރިކަމުގައި ދިރިނުއުޅެވޭނެތީއެވެ. 

ސުވާލަކީ ބައިވެރިޔާއަށް ތިމާ ދޮގުހަދަނީ ކީއްވެގެން ހެއްޔެވެ؟ ބައިވެރިޔާ ދޮގުހެދުމުން ތިމާ އަންނަ ގަދަ ރުޅި، ތިމާ ބައިވެރިޔާއަށް ދޮގުހެދުމުން ބައިވެރިޔާ ނުއަންނާނީ ހެއްޔެވެ؟ ދޮގުހެދުމުން ތިބާއަށް ބައިވެރިޔާގެ އިތުބާރު ގެއްލުނުފަދައިން ތިބާ ދޮގުހެދުމުން ތިބާގެ އިތުބާރު ބައިވެރިޔާއަށް ނުގެއްލޭނީ ހެއްޔެވެ؟ 

ގިނަ ކައިވެނިތަކެއް ރޫޅެން މެދުވެރިވާ އެންމެ ބޮޑު އެއްމައްސަލައަކީވެސް ދޮގުހެދުމެވެ. ސިއްރުކުރެވޭނެ ކަމަށްބަލައި ދޮގުހަދަނީއެވެ. އެވަޤުތު އެކަން ޙައްލުވުމުން އެކަން އެހިސާބުން އެނިމުނީ ކަމަށް ބަލައި ދޮގުހަދަނީއެވެ. ނަތީޖާ މުޅިން ތަފާތެވެ. އިސާހިތަކު ޙަޤީޤަތް ފަޅާއަރައެވެ. ޙަޤީޤަތް ހާމަވެއެވެ. އެހިސާބުން ދިރިއުޅުން ބަދަލުވެގެންދަނީ ބޮޑު ބިލާހަކަށެވެ. ޠޫފާނަކަށެވެ. އެހިސާބުން ގިނަ ފަހަރު އޮންނަނީ ކައިވެނި ޜޫޅޭ ޙާލަތަށް ކަންކަން ގޮސްފައެވެ. 

ލޮބުވެތި އެކުވެރިންނޭވެ! ބަނގުރަލަކީ ނުބައި ހުރިހާ ކަމެއްގެ މަންމަ ފަދައިން ދޮގުހެދުމަކީ ނުބައި ހުރިހާ ކަމަކަށް މަގުފަހިކޮށްދޭ، ދިރިއުޅުން ބަނދުރޫޓުވާ އެންމެ ބޮޑު ސަބަބެވެ. ދޮގުހެދުމާއި ދުރުހެލިވެގެން ނޫނީ އެއްވެސް ކަމަކުން ޙަޤީޤީ ކާމިޔާބީއެއް ނުލިބޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން