ހަނދުމަކޮށްދިނުމެއް!: ސުވަރުގެ އެދޭމީހާ އަބަދުމެ ހަނދާނުގަ ބަހައްޓަންޖެހޭ 3 ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ހަނދުމަކޮށްދިނުމެއް!: ސުވަރުގެ އެދޭމީހާ އަބަދުމެ ހަނދާނުގަ ބަހައްޓަންޖެހޭ 3 ކަމެއް-

ފުރަތަމަ ކަމަކީ: 

"މަރުމަތީގައި ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ޝަހާދަތްކިޔައިފި މީހަކު ސުވަރުގެ ވައްދަވާނެ" ކަމަށް ޙަދީޘްފުޅުގައި އެބަ އޮތެވެ. އެޙަދީޘްފުޅުގެ މާނައަކީ އޭނާ ޝަހާދަތްކިޔާފައިވީތީ ދުނިޔޭގައި އެމީހަކު ކުޅަ ޢަމަލުތަކުގެ ހިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވެއްދެވުމެއް ނޫނެވެ. 

ވީމާ ތިބާއަށް ކުރެވިފައިވާ ފާފަތަކުގެ ސަބަބުން ނަރަކައިގައި ހޭދަކުރަން ޖެހިދާނެ ޢަދަދުވެސް ނުއެނގޭ އެތައް ޓްރިލިއަން ޓްރިލިއަން އަހަރުތަކަށް ބިރުވެތިވާށެވެ! ފާފަކުރުމާއި ވީހައި ބޮޑަކަށް ދުރުހެލިވާން ގަދައަޅައި މަސައްކަތްކުރާށެވެ. 

ދެވަނަކަމަކީ: 

ޙަދިޘްފުޅުގައި އޮތީ މުސްލިމް އަޚަކަށް އެމީހާއަކީ ނިކަމެތި މީހެއްގެ ގޮތުގައި ދުށުމަކީވެސް ފާފައެއް ކަމަށެވެ. ވީމާ ތިމާއަށް ތަނަވަސްކަމެއް ލިބުމުން ނުވަތަ މަތިވެރިކަމެއް  މިންވަރުކުރެއްވެވުމުން ބޮޑާވެ ނުގަންނާށެވެ. އެންމެންނަކީވެސް ތިމާފަދަ އިންސާނުންކަން ޤަބޫލުކޮށް ހެޔޮކޮށް ހިތާށެވެ! 

މުސާރަދީގެން ގެންގުޅޭ ނޯކަރުންނަށްވެސް ހެޔޮކޮށް ހިތާށެވެ! އެއީވެސް ހަމަ ތިބާފަދަ އިންސާނެކެވެ. ހަށިގަނޑުގައި އޮންނާނީ ހަމަ ތިބާގެ ހިތްފަދަ ހިތެކެވެ. އޭނާގެ ހިތުގައި ޖެހޭފަދަ ބަހެއް ބުނެފިނަމަ މާބޮޑަށް އަސަރުކުރާނެއެވެ. 

ނިކަމެތިންގެ ހިތުގައި ޖައްސުވާ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެން ނުވެތެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުމުން މަޙްރޫމްވުމަށްވުރެ މީހަކަށް ލިބޭނެ ބޮޑު ދެރައަކީ ކޮބައިހެއްޔެވެ؟ 

ތިންވަނަ ކަމަކީ: 

މިއަދު އެންމެ ގިނަ ބައަކު އެއްވެސް ބިރެއް ނެތި ފާފަތައް ކުރަމުން އެގެންދަނީ ދުލާއި ޖިންސީ ގުނަވަނުންނެވެ. ޙަދީޘްފުޅުގައި އޮތީ ދުލާއި ޖިންސީ ގުނަވަން ރައްކައުތެރިކޮށްފި މީހަކަށް ސުވަރުގެ ވައްދަވަން ތިމަން ރަސޫލާ ޖާމިނުވެވަޑައިގަންނަވާނެ ކަމަށެވެ. މާނައަކީ ﷲ ތަޢާލާ އެމީހަކު ސުވަރުގެ ވައްދަވާނެ ކަމެވެ. 

ވީމާ ސުވަރުގެ އެދޭމީހާ އެ ދެ ގުނަވަން ރައްކައުތެރިކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

 

މިއަދު އޮންލައިން