އަޅުގަނޑުމެން ދެމަފިރިންނަކީވެސް ކައިވެންޏަށްފަހުގައިވެސް ވަޒީފާއަދާކުރަމުން އައި ދެމީހުންނެވެ. ފިރިމީހާއަށްވުރެ 2،3 ގަޑިއިރުކުރިން އަޅުގަނޑަށް ގެއަށް ދެވެއެވެ. ގެއަށް ދެވުމާއިއެކު އަޅުގަނޑު އަވަހަށް އެނބުރިގަންނަނީ ގޭތެރޭގެ މަސައްކަތަށެވެ. ގޭތެރެ ހަމަޖައްސައި ފިރިމީހާ ގެއަށް އަންނަންވާއިރަށް ކައްކައި ހެދުމަށެވެ.
އެމަސައްކަތްތައް ނުނިމިގެން އުޅެނިކޮށް ފިރިމީހާ ގެއަށް އާދެއެވެ. އެހެންވެ ފެންވަރައި ނަލަހެދިގެން ފިރިމީހާ އާއި ބައްދަލުކުރާނެ ވަގުތެއް އެދޭތެރެއަކު ނުލިބެއެވެ. އެހެންވެ ފިރިމީހާގެ ޝަކުވާއަކަށްވެފައި އޮންނަނީ އޭނާ އަންނަންވާއިރަށް މަރުޙަބާކިޔަން ނަލަހެދިގެން ނުހުންނަ ކަމެވެ. ދާހިއްލާ ފޯވެގެން ހުންނަކަމުގެ ޝަކުވާއެވެ. ގައިން ބަދިގެވަސްދުވާކަމުގެ ޝަކުވާއެވެ.
އެކަމުގެ ޝަކުވާތައް ބޮޑުވުމުން މަސައްކަތްކުރާގޮތް ބަދަލުކޮށްލީމެވެ. ގޭތެރޭގެ މަސައްކަތާއި ކެއްކުން ފަދަ ކަންކަން ކުރުން ފަހަށް ބަހައްޓާފައި ފެންވަރައި ނަލަހެދި ސެންޓުޖަހައިގެން ހުންނަން ފެށީމެވެ. 2، 3 ދުވަހު އެގޮތަށް ހުންނަންވާއިރަށް އެގޮތެއްވެސް ކަމަކު ނުދިއައެވެ. ގޭތެރެ ތަރުތީބު ނުކުރެވޭތީ އާއި ނުކެއްކި ހުންނަ މައްސަލަ މާބޮޑު މައްސަލައަކަށް ވެއްޖެއެވެ.
އަޅުގަނޑު ބުނީމެވެ. "އަނބިމީހާއަށް ތިއަ ދެނީ ފުޅަނގީގެ ދަރަޖައެވެ. ތިއަ ޖައްސަނީ ފުޅަންގަށް ޖެހޭ ޙާލެވެ. ކަނޑުގައިނަމަ ބޮޑެތި މަސްތައް އައިސް ކައިލާނެއެވެ. އުދުއްސައިގެންފިނަމަ ބާޒު ނަޖަހައިގަންނާނެއެވެ. ސަލާމަތް އެއްވެސް ގޮތެއް ނެތެވެ. ޙައްލަކީ ކޮބައިހެއްޔެވެ؟"
އެހެންބުނުމުން ފިރިމީހާވެސް ކުރީ ހަމަ އެސުވާލެވެ. "މިއީ ޙައްލުވާންޖެހޭނެ ކަމެކެވެ. ޙައްލަކީ ކޮބައިހެއްޔެވެ؟" ޖަވާބުގައި ބުނީމެވެ. "ކަލާއަށް މަރުޙަބާކިޔަން ރީތިވެގެން ހުންނަމަކުން ކަލާ އަންނަންވާއިރަށް ހުރިހާ މަސައްކަތެއް ނުނިންމޭނެއެވެ. ޙައްލަކީ މަސައްކަތް ނުނިންމޭތީ ޝަކުވާނުކޮށް ނިންމަންހުރި މަސައްކަތްތައް ކުރުމުގައި ބައިވެރިވެ އެހީތެރިވުމެވެ. އެއިރުން ހުރިހާ މައްސަލަތަކެއް ޙައްލުކުރެވުނީއެވެ. ކަލާ އަންނަންވާއިރަށް ރީތިވެގެންވެސް ހުރެވޭނެއެވެ. ގޭތެރޭގެ ކަންކަންވެސް ކުރެވޭނެއެވެ."
ފިރިމީހާ ބުނީ ގެއަށް އައުދެވޭއިރު އޭނާ ހުންނަނީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށެވެ. އަޅުގަނޑު ބުނީ ތިއަ ވަރުބަލި ހަމަ އަހަރެންވެސް ވާނެ ނޫން ހެއްޔެވެ؟ މަސައްކަތް މިކުރަނީ ވަރުބަލިކަމާއިއެކުގައި ނޫންހެއްޔެވެ؟
ފިރިމީހާ ބުނީ އެހެންވީމާ ރަނގަޅުވާނީ އޭނާ އަންނަންވާއިރަށް ރީތިވެގެން ނުހުރިނަމަވެސް ކައްކައި ގޭތެރޭގެ މަސައްކަތްތައް ކުރުން ކަމަށެވެ. ޖަވާބުގައި އަޅުގަނޑު ބުނީ ތިއައުޅެނީ އަޅުގަނޑަށް ރީތިވެގެން ނުހުރެވޭކަން ބަހަނާއަކަށް ހަދައި އިތުރު އަންތބަކު ހޯދަންވެގެން ކަމަށާއި އެފުރުޞަތު ނުދޭނެ ކަމަށެވެ.
ފިރިމީހާއަކީ ކަންކަމުގެ ޙަޤީޤަތް ޤަބޫލުކުރާ މީހަކަށްވާތީ އަޅުގަނޑު ދެއްކި ވާހަކަތައް ޤަބޫލުކުރިއެވެ. ބުނީ ގޭތެރޭގެ ކަންކަން ތަރުތީބުކޮށް ނުނިންމުނު ނަމަވެސް ކައްކާފައި ބެހެއްޓުމަށެވެ. ގެއަށް އަންނަންވާއިރަށް ހުރިހާ ކަމެއް ފުރިހަމަނުކުރެވިގެން ޝަކުވާ ނުކުރާނެ ކަމަށެވެ. އެވަރުންވެސް ގޭތެރޭގެ ކަންކަން ކުރަން އެހީތެރިވެދޭކަށް އެއްބަހެއް ނުވިއެވެ.
އަޅުގަނޑަށް މިދިމާވި މައްސަލައަކީ ވަރަށް ގިނަ އަނބިންނަށް ކުރިމަތިވާ މައްސަލައަކެވެ. ޙައްލުނުކުރެވިގެން ދެމީހުން ވަކިވާންވެސް ޖެހިފައި އެބަހުއްޓެވެ. ވީމާ އަޅުގަނޑަށް ދިމާވި ކަންކަން މިއަދުނޫހުގެ ކިޔުންތެރިނަށް ޙިއްޞާ މިކުރީ ފައިދާއެއް ކުރާނެ ކަމުގެ އުންމީދުގައެވެ.
- ނާޒިމާ / މިއަދުނޫހުގެ ކިޔުންތެރިއެއް