ރިޒުޤް ތަނަވަސްވުމަށްއެދޭނަމަ ފުރަތަމަ ކަމަކަށް ދެން އެހެން ގޮތެއް ނެތިގެން ނޫނީ އެހެން މީހުންގެ ކިބައިން ކަންކަމު ނުއެދޭށެވެ. އެއިރުން އެމީހާގެ ބޭނުންތައް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެތެވެ. އަދި އެމީހަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ މިންވަރަށް ޝުކުރުވެރިވާ މީހަކަށް ތަނަވަސްކަން އިތުރުކުރައްވަވައި ދެއްވަވާނެތެވެ.
މީސްތަކުންނޭވެ! ޞަދަޤާތް ދިނުން ފަށަން އޮތީވެސް އެމީހެއްގެ ބެލެނިވެރިކަމުގެދަށުގައިވާ މީހުންނާއި ހަމައިންނެވެ. އަނބިދަރިންނާއި އެނޫންވެސް ތިމާއަށް ޚަރަދުކުރަން ވާޖިބުވާ މީހުންނާއި ހަމައިންނެވެ. އެންމެ މަތިވެރި ޞަދަޤާތަކީވެސް އެމީހުންނަށް ކުރާ ޞަދަޤާތެވެ.
ކަން މިހެން އޮތްނަމަވެސް ބައެއް މީހުން ގިނަ ޘަވާބު ލިބޭނެ ކަމަށް ބަލައި އެމީހުންނަށް ޚަރަދުކުރަންޖެހޭ މީހުންނަށް ޚަރަދުނުކޮށް އެހެން މީހުންނަށް އެބަ ޚަރަދުކުރެއެވެ. ނިކަން ވިސްނައިލަބަލާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑު ގޮތަށް ، އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ގޮތަށް ޞަދަޤާތް ނުކޮށް އެންމެ ބޮޑު ފައިދާ (އެންމެ ގިނަ ޘަވާބު) ހޯދޭނީ ކިހިނަކުން ހެއްޔެވެ؟
ޚަރަދުކުރުމުގައިވެސް ލިބޭ މިންވަރަށް ބަލައިގެން ޚަރަދުކުރާށެވެ! ތިމާ ކޮންމެ ވަޤުތަކުވެސް މަރުވެދާނެއެވެ. އެހިސާބުން އަނބިދަރިންނަށް ނިކަމެތިކަން ލިބޭނެއެވެ. ވީމާ ކޮންމެވެސް މިންވަރެއް ފަހަށް ރައްކާކުރަން މަސައްކަތްކުރަންވާނެއެވެ. ހެޔޮ ނިޔަތުގައި އެކަމަށް މަސައްކަތްކުރާނަމަ އެކަމަށް މަގު ފަހިކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ
- ބިލާލް އައްސަދުގެ ދަރުސަކުން