ދުނިޔޭގެ ފައިސާވެރިން، ބިލިއަނަރުން، މިލިއަނުން ޑޮލަރު ދީފައި އެބަ ކުރެހުންތައް ގަނެލައެވެ. ގަނެގެން ގެންގޮސް ފާރުތަކުގައި ނުވަތަ އެނޫންވެސް ތަންތަނުގައި ބަހައްޓައެވެ. އަހަރެން ކުރަން މިއުޅޭ ސުވާލަކީ 500 މިލިއަން ޑޮލަރަށް ކުރެހުމެއް ކަމަށް 100 ކުރެހުން ގަނެގެން ގެންގޮސް ކިތަންމެ އިއްޒަތުގައި އެކުރެހުންތައް ބެހެއްޓި ނަމަވެސް އެއަށް ބެލުން ނޫން އެއްވެސް ކަމެއް ތިމާއަށް ކުރެވޭނެ ހެއްޔެވެ؟
ދެވަނަ ސުވާލަކީ ކިތަންމެ ވަރަކަށް ކުރެހުންތަކަށް ބެލި ނަމަވެސް އަދި އެއިގައި ފިރުމި ނަމަވެސް އެއިން އެއްވެސް ކަމެއްގެ ބަދަލުގައި އެތަކެއްޗަށް ތިބާއަށް ކޮށްދެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން ތިބާ އާއި ދިމާއަށް ބަލައިލެވޭނެ ހެއްޔެވެ؟ ތިމާ ގަތީ 1000 މިލިއަން ޑޮލަރަށްކަން އެ ކުރެހުމަށް އެނގޭނެ ހެއްޔެވެ؟ އަދި ގަތީ ކާކުކަންވެސް އެނގޭނެ ހެއްޔެވެ؟
ދުނިޔެއާއިމެދުވެސް ވިސްނަންވީ ހަމަ މިއުޞޫލުންނެވެ. އުފަލުގައި ދުނިޔޭގައި ތިބާ އުޅެން ޒީނަތުގެ ގޮތުގައި ބޮޑެތި ހޭދަތައް ކުރަމުން ގެންދާއިރު އެކަމުން ތިބާއަށް ލިބޭނީ ކޮން އެއްޗެއް ހެއްޔެވެ؟ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ދުނިޔޭގައި ހުރިއިރު ހިތް ހަމަޖައްސަން އެތައް މިލިއަނެއް ޚަރަދުކޮށްގެން ކުރި އެއްވެސް ކަމެއް ހިފައިގެން ދެވޭނެ ހެއްޔެވެ؟
ގަހަނާ ފަދަ ތަކެތި ގަތުމުގައިވެސް ވިސްނައިލާށެވެ. ތިމާއަށް ކޮންމެހެން ބޭނުންވާވަރަށްވުރެ ގިނައިން ނުގަންނާށެވެ. މިއަދު މަރުވިނަމަވެސް ދާންޖެހޭނީ ގަނެފައި ހުރި ހުރިހާ ގަހަނާތައް ބަހައްޓައިފައެވެ. އެކުގައި ގެންދެވޭނީ ކޮށްފައިވާ ހެޔޮ ޢަމަލުތަކެވެ. ޞަދަޤާތެވެ!
ދިރިއުޅުމަށް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި ބޭކާރު އެއްވެސް ޚަރަދެއް ނުކުރާށެވެ! އެކަންކަމުން ތިމާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ތިމާއަށް އެއްވެސް ޙަޤީޤީ ފައިދާއެއް ނުކުރާނެ ކަންކަން ކުރަން ފައިސާ ހޭދަ ނުކުރާށެވެ! އެއިގެ ބަދަލުގައި އެއްވެސް ފައިސާއެއް ބާކީ ކުރެވިއްޖެނަމަ އަވަހަށް އާޚިރަތް ދުވަހުގެ އެކައުންޓަށް ޖަމާކުރާށެވެ! މާނައަކީ ޞަދަޤާތްކުރާށެވެ! ﷲ ގެ މަގުގައި ހޭދަކުރާށެވެ!
ބައަކު ތަނަވަސްކަމުގައި ދިރިއުޅެމުންދިއަ ނަމަވެސް ދުނިޔޭގެ އާބާދީގައި އެންމެ ގިނައީ ފަޤީރުންނެވެ. ދުވަސް ނިމިގެންދާއިރު އެންމެ ފަހަރަކު ބަނޑުހައިކަންފިލަންދެން ކާނެ އެއްޗެއް ނުލިބި ތިބި އެތައް ސަތޭކަ މިލިއަން މީހުން ދުނިޔޭގައި އެބައުޅެއެވެ. އެއިން އެންމެ މީހަކަށް އެންމެ ފަހަރަކު ކައިލާނެ އެއްޗެއް ދިއްކޮށްލިއްޔާ އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ތިބާއަށް ކުރާނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން