ހިތަށް ހަމަޖެހުން ލިބި ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ދެމިހުންނަން ބޭނުންވާ މީހާ 6 ކަމެއް ކުރަންޖެހެއެވެ! އެއީ:
1 ވަގުތު ޖެހުމުން ނަމާދުކުރަން އިސްކަން ދިނުމާއި
2 ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުމާއި
3 ބަނޑުފުރޭވަރަށް ނުކެއުމާއި
4 އެކު އުޅެން ހެޔޮލަފާ މީހުން އިޚްތިޔާރުކުރުމާއި
5 ޛިކުރްކުރުން ގިނަކުރުމާއި
6 ހެނދުނާއި ހަވީރު އިސްތިޣްފާރުކުރުމެވެ.
މިއިން އެއްވެސް ކަމަކީ އެމީހަކު ކުރަން ބޭނުންވެއްޖެ ނަމަ ކުރަން އުނދަގޫ ކަމެއް ނޫނެވެ. ކުރަން ޖެހޭ ކަމަކީ އެކަމަށް ނިޔަތް ގަނެ ގަދައަޅައި މަސައްކަތްކުރުމެވެ. ދުނިޔަވީ އުފާތަކަށް ހޭދަކުރާ ވަގުތުތައް މަދުކޮށް މި ބަޔާންކުރި ކަންކަމަށް ވަގުތު ހޭދަކުރުން އިތުރުކުރުމެވެ.
ރަނގަޅު ގޮތުގައި ތިމާގެ ވަގުތުތައް ތާވަލުކުރާށެވެ! ޓީވީ ބެލުމާއި އެނޫންވެސް މުނިފޫހިފިލުވުމުގެ އަމަލުތައް ކުރުން ހުއްޓައިލާށެވެ! ޓީވީ ބަލާނަމަވެސް އެއެއްޗެއް ބެލުމުން ތިމާއަށް ފައިދާކުރާނެ އެއްޗެއް ނޫނީ ނުބަލާށެވެ! އެއްޗެއް ބެލުމުން ތިމާގެ އާޚިރަތަށް ފައިދާކުރާނެ އެއްޗެއް ނޫނީ ނުބަލާށެވެ! ތިމާގެ ދިރިއުޅުމަށް ފައިދާ ނުކުރާނެ އެއްޗެއް ނުބަލާށެވެ! ތިމާގެ ޢަޤީދާ އިތުރަށް ވަރުގަދަވާނެ ފަދަ ޕްރޮގްރާމްތައް ބެލުން ގިނަކުރާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން