މިވާހަކަ މިރޭ ދައްކާލަން އެބަޖެހެއެވެ. ކަންކަން ހަނދާންނެތޭލެއް އަވަސްކަމުންނެވެ. އިއްޔެ ތިމާއަށްޓަކައި ޤުރްބާންވީ ބައިވެރިޔާގެ މަތިން މިއަދު ހަނދާން ނުހުންނަ މީހުން ގިނަވާތީއެވެ. އަދި ފާއިތުވެގެން މިދިއައީ އެންމެ 2،3 އަހަރެވެ. މިހައި އަވަހަށް ހަނދާން ނެތުނީއެވެ. ތިމާއަށްޓަކައި އެދުވަހު ޤުރްބާންވީ އަނބިންގެ މަތިން ފޫހިވެ މިހާރުވެސް ވަރިކުރަން ފަށައިފިއެވެ. ވީމާ މިވާހަކަ ދައްކަން މަޖުބޫރުވަނީއެވެ.
ކައިވެނިކުރާއިރު އަންތބަކު ކަމުގައި ވެސް އަދި ފިރިއަކު ކަމުގައިވެސް އިޚްތިޔާރުކުރަން ޖެހޭނީ ﷲ ތަޢާލާ އަށް ބިރުވެތިވާ ތަޤްވާވެރިންނެވެ. މިރޭ ބަހެއް ބުނެލަން މަސައްކަތް މިކުރަނީ ﷲ ތަޢާލާ އަށް ބިރުވެތިވާ އަނބިން ހޯދުމުގެ ފައިދާ އަބަދުވެސް ކުރާނެ ކަމުގެ ވާހަކައިންނެވެ. ހިތްހަމަޖެހުން ލިބި އުފަލުގައި ދިރިއުޅެވޭނީ އެއިރުން ކަމަށްވާތީއެވެ.
ފަހަކަށް އައިސް މުޅި ދުނިޔޭގެ އެންމެންނަށް އެއްފަހަރާ ކުރިމަތިވި އެންމެ ބޮޑުވަބާއަކީ ކޮރޯނާގެ ވަބާއެވެ. އެކަމުގެ ދަތިކަން ނުފޯރާ މީހަކު، ޢާއިލާއެއް ނުވަތަ ދެމަފިރިއަކުވެސް ނެތެވެ. އެޙާލަތުގައި ކެތްތެރި ތަޤްވާވެރި އަނބިން ދައްކައިދިން ރިވެތި ނަމޫނާގެމަތިން މިއަދުވެސް ހަނދާންކުރަން އެބަޖެހެއެވެ.
އެއްޗެއް ނުލިބިގެން ޝަކުވާއެއް ނުކުރެއެވެ. އެންމެން ގޭގައި ބަންދުވެގެން ތިބެން ޖެހުނު ދުވަސްވަރު ބޮލުގައި ކާޅުކޮށާހެން ކޮށައި އުނދަގޫތަކެއްވެސް ނުކުރެއެވެ. އަބަދުފެންނާތީ ފޫހިވެގެނެއްވެސް ނުއުޅެއެވެ. އަބަދު ގޭގައި ފިރިމީހާ އުޅޭތީ ފޯނާއި ނުކުޅެވިގެން ކަންބޮޑުވގެނެއްވެސް ނުއުޅެއެވެ.
ﷲ ތައާލާއަށް ބިރުވެތިވާ ދީންވެރި ތަޤްވާރި އަނބިން ތިބީ ﷲގެ މިންވަރުފުޅަށް ކެތްތެރިވެ ޝުކުރުވެރިގެންނެވެ. ކައިލާނެ ކިތަންމެ ކުޑަ މިންވަރެއް ލިބުނު ނަމަވެސް ތިބީ އުފަލުންނެވެ. ފިރިމީހާ އާއި އެއްވެސް ޝަކުވާއެއް ނުކުރެވެއެވެ.
ކެތްތެރިވެގެން އެމީހުން ތިބީ އެހާލަތު ކުރިމަތިވެގެން އުޅެނީ ފިރިމީހާގެ ސަބަބުން ނޫން ކަމާއި ދުނިޔޭގައި ކޮންމެ ދުވަހަކުވެސް ލިބޭނީ ﷲ ދެއްވެވި އެއްޗެއް ދެއްވެވި މިންވަރަކަށްކަން ޤަބޫލުކޮށް ޝުކުރުވެރިވެގެން ތިބީއެވެ.
އެއިގެ ބަދަލުގައި އަނެއްކޮޅާއިމެދު ވިސްނާލަމާހިނގާށެވެ. އަގުބޮޑު ކާނާއަށް އޯޑަރުކުރާނެ ފައިސާ ހުސްވުމުން އަތުގައި ހުރި އަގުބޮޑު ތަކެތި ނުއަގުގައި ވިއްކިއެވެ. އެކަންކުރީވެސް ވަރަށް ޙީލަތްތެރި ގޮތަކަށެވެ. ކުދި ދަރިންގެ ބޮލުގައި ކަންކަން އަޅުވައި އެކުދިންނަށްޓަކައި ކަމަށް ހަދައިގެންނެވެ. ބައެއް އަނބިން ވަރިވެގެން ތަނަވަސްމީހުންނާއި ގުޅެންވެސް މަސައްކަތްކުރިއެވެ. ފިރިމީހާގެ ބޯ ރަނގަޅަށް ގޮއްވާލިއެވެ.
ކުރު ގޮތަކަށް މިބުނެލީ ތަޤްވާވެރި އަނބިންނާއި އެނޫން އަނބިންގެ ކިބައިން ފެނިގެންދިއަ ބޮޑުތަފާތެވެ. ވިސްނަންވީ ހަމައެކަނި ކޮރޯނާގެ ޙާލަތަކަށް ނޫނެވެ. އަތްމަތިދަތިކަން ކޮންމެ ދުވަހަކު ކޮންމެ ވަގުތަކުވެސް އިޙްޞާޞްކުރަންޖެހިދާނެކަމެވެ. އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ކުރިމަތިލާންޖެހިދާނެ ޙާލަތަށެވެ.
ބުނެލަން ބޭނުންވަނީ ވަރަށް ގިނައިން ބުނެވޭ ވާހަކައެކެވެ. އެއީ ޙަޔާތުގެ ބައިވެރިއަކަށް ތަޤްވާވެރިން އިޚްތިޔާރުކުރުމުގެ މުހިންމުކަމުގެ ވާހަކައެވެ. އެކަމުގެ މުހިންމުކަން ވަޒަންކުރެވޭނީ ދަތިޙާލެއްގައި ދިރިއުޅެންޖެހޭ ވަގުތުގައެވެ. މުސްލިމުން އަބަދުވެސް ތިބެންޖެހޭނީ އެފަދަ ޙާލަތަކަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސް