މަންމަގެ ދުޢާ ދަރިންނަށް މުހިންމުވާ ފަދައިން ބައްޕަގެ ދުޢާވެސް މުހިންމެވެ! ދަރިންނަށްޓަކައި މަންމައާ ބައްޕަވެސް ދުޢާކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
މަންމަގެ ދުޢާ ދަރިންނަށް މުހިންމުވާ ފަދައިން ބައްޕަގެ ދުޢާވެސް މުހިންމެވެ! ދަރިންނަށްޓަކައި މަންމައާ ބައްޕަވެސް ދުޢާކުރާށެވެ!

އަޅުގަނޑަށް އެނގިފައިވާ ގޮތުގަ ދަރިންނަށްޓަކައި ދުޢާކުރަނީ މަދު ބައްޕައިންނެވެ. ދަރިންނަށްތަކައި ދުޢާކުރުން އޮންނަނީ ހަމައެކަނި މައިންނަށް ކުރަންޖެހޭ ކަމަކަށް ހަދައިފައެވެ. އެއީ އެކަން އޮންނަންޖެހޭ ގޮތްތޯ؟ 

މިފަދަ ސުވާލުތައް ކިޔުންތެރިން ކުރައްވާތީ ދަންނަވަމެވެ. ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

ބައްޕައަކު އޭނާގެ ދަރިފުޅަށްޓަކައި ކުރާ ދުޢާ ﷲ ތަޢާލާ ޢިޖާބަކުރައްވަވާ ކަމަށްވެސް ޙަދީޘްފުޅުގައި އޮވެއެވެ. އަދި އަނިޔާ ލިބިފައިވާ މީހާ އަނިޔާއިން ސަލާމަތްކޮށްދެއްވެވުން އެދި ކުރާ ދުޢާ ﷲ ޢިޖާބަ ކުރައްވަވައެވެ. ރޯދަވެރިޔާގެ ދުޢާ ޢިޖާބަކުރައްވަވައެވެ. 

ވީމާ ރޯދަވެރިއެއްގެ ހައިޞިއްޔަތުންވެސް އަދި ބައްޕައެއްގެ ހައިޞިއްޔަތުން ދަރިންނަށްޓަކައިވެސް ދުޢާކުރަން އެބަ ޖެހެއެވެ. ވީމާ ރޯދަވީއްލާ ވަގުތުގައި ދުޢާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭން އެބަ ޖެހެއެވެ. 

ރަމަޟާންމަހު ދުޢާކުރުމާއި ބެހޭ ގޮތުން އާޔަތެއް ﷲ ތައާލާ ބާވައިލެއްވެވުމުގައިވެސް ޙިކުމަތެއް އޮންނާނެއެވެ. ރަމަޟާން މަހުގެ ރޯދަ ފަރުޟުކުރެއްވެވި ކަމުގެ އާޔަތާއި ޖެހިގެން ދެން ބާވައިލެއްވެވި އާޔަތުގައި ވަނީ: 

"އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލު ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަން ރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކޮށްފިނަމަ ދުޢާ ކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إއީމާންވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ." (އަލްބަޤަރާ: 186) މިފަދައިންނެވެ. 

ވީމާ ދުޢާކުރުމަކީ އަޅުކަމެކެވެ. ދުޢާކުރުމުގައި ﷲ ތަޢާލާގެ އިސްފުޅުތަކުން ދެންނެވުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. 

"އެންމެރިވެތި ނަންފުޅުތައް މިލްކް ވެގެންވަނީ، ﷲ އަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިއަބައިމީހުން އެކަލާނގެ ޙަޟްރަތަށް ދޢާުރާށެވެ! އަދި އެކަލާނގެ ނަންފުޅުތަކާމެދު، ޙައްޤު މަގުން އެއްކިބާވެ އުޅޭމީހުން، ތިއަބައިމީހުން ދޫކޮށްލާށެވެ! އެއުރެން ކޮށްއުޅުނު ކަންތަކަށް އެއުރެންނަށް ޖަޒާ ދެއްވާހުށްޓެވެ." (އަލްއަޢްރާފް: 180) 

ވީމާ އެ އިސްމްފުޅުތަކުން އަޅުގަނޑުމެން ﷲ ތަޢާލާއަށް ދުޢާ ދަންނަވަން ޖެހެއެވެ. އެއިރުން ﷲ ތަޢާލާ އަޅުގަނޑުމެންގެ ދުޢާ ޢިޖާބަ ކުރައްވަވާނެތެވެ. އިން ޝާ ﷲ 

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން ކުރާ ދުޢާ ﷲ ތަޢާލާ ޢިޖާބަ ކުރައްވަވައި އަޅުގަނޑުމެންގެ ޤުރްއާން ކިޔެވުމާއި އުރާއަޅުކަން ﷲ ޤަބޫލުފުޅުކޮށްދެއްވެވުމެވެ. 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން

 

 

 

މިއަދު އޮންލައިން