ﷲ ތަޢާލާއަށްޓަކައި ބައިވެރިޔާ ދެކެ ލޯބިވާނަމަ ޖެހޭ މައްސަލަތައް މަދުވެ ކައިވެނި ރޫޅައިލަންޖެހޭ ޙާލަތަކަށް ނުދާނެ!- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ﷲ ތަޢާލާއަށްޓަކައި ބައިވެރިޔާ ދެކެ ލޯބިވާނަމަ ޖެހޭ މައްސަލަތައް މަދުވެ ކައިވެނި ރޫޅައިލަންޖެހޭ ޙާލަތަކަށް ނުދާނެ!- އިން ޝާ ﷲ

ޙަދީޘްފުޅުގައި އޮތީ މިފަދައިންނެވެ.  

"އީމާންކަމުގެ ފޮނިކަން ޙާޞިލުކުރެވޭނީ ﷲ އަށްޓަކައި މީސްތަކުން ދެކެ ލޯބިވާ މީހަކަށެވެ!" (ޞަހީޙް ބުޚާރީ: 5694) 

ވީމާ ދެމަފިރިން ވެސް އެކަކު އަނެކަކު ދެކެ ލޯބިވާންވީ ހަމަ ﷲ އަށްޓަކައެވެ. އެއިރުން ހިތްދަތިކަމުގައި އުޅޭކަށް ނުޖެހޭނެއެވެ. ދެބަސްވެ ކައިވެނި ރޫޅާކަށް ނުޖެހޭނެއެވެ. 

މިއަދު އެންމެ ބޮޑު މައްސަލައަކަށްވެގެން މިއުޅެނީ ﷲ އަށްޓަކައި ލޯބިނުވެވޭތީއެވެ. ދެމަފިރިންގެ މެދުގައި ތަފާތު މައްސަލަތައް ޖެހެމުންދާ އެންމެ ބޮޑު އެއް ސަބަބަކީ ވެސް ހަމަ އެއީއެވެ. މިހެން ބުންނަންޖެހޭ ސަބަބުތައް ބައިވަރެވެ. މިސާލަކަށް ބަލާނަމަ އެންމެ ގިނައިން ޖެހޭ މައްސަލައަކީ އެކަކު އަނެކަކަށް ބޭވަފާތެރިވުމާއި އަޅައިނުލުމާއި އެހީތެރިނުވުން ކަމުގައި ޤަބޫލުކުރަން އެބަޖެހެއެވެ. 

ދެމަފިރިން އެކަކު އަނެކަކު ދެކެ ލޯބިވަނީ ﷲ ތަޢާލާއަށްޓަކައި ކަމަށްވާނަމަ މިބުނިފަދަ އެއްވެސް ކަމެއް ނުހިނގާނެއެވެ. ބޭވަފާތެރިއެއް ނުވާނެއެވެ. އަޅާލައި އެހީތެރި ނުވެއެއްވެސް ނުތިބޭނެއެވެ. އެހެނީ ﷲ ތަޢާލާއަށްޓަކައި ލޯބިވާނަމަ ކޮންމެ ކަމެއްވެސް ކުރާނީ އެކަލާނގެ އަންގަވާފައިވާ ގޮތަށް ކަމުގައިވާތީއެވެ! 

އަހުރެންގެ އަމިއްލަ ތަޖުރިބާއަށް ބަލައިވެސް ބުނަމެވެ. ޒަވާޖީ ޙަޔާތް ކާމިޔާބުކޮށް އެންމެ އުފަލުގައި ދިރިއުޅެމުންދަނީ ﷲ ތަޢާލާއަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވާ ދެމަފިރިންނެވެ. އެކަމުގެ ފައިދާ އެންމެ ބޮޑަށް ފެނިގެންދަނީ އެކަކު ބަލިވުން، އެއްދާންކުރުމުގައި އެކަކު ބަލިކަށިވުން ފަދަ ކަންކަން ކުރިމަތިވުމުންނެވެ. ކުރިން ހުރި ރީތިކަން ގެއްލުން ފަދަ ކަންކަން މެދުވެރިވުމުންނެވެ. 

މިބުނި ފަދަ ޙާލަތެއް ދިމާވިނަމަވެސް ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވަނީ ﷲ ތަޢާލާއަށްޓަކައި ކަމުގައިވާނަމަ އެއީ އެއްވެސް މައްސަލައަކަށް ނުހަދާނެއެވެ. ވީމާ އުފާވެރި ދިރިއުޅުމަކަށް އެދޭނަމަ ދެމަފިރިން އެކަކު އަނެކަކު ދެކެ ލޯބިވާންވީ ހަމައެކަނި ﷲ ތަޢާލާއަށްޓަކައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން