ފުރަތަމަ ކަމަކަށް މިކިޔައިޑޭ ވާހަކައަށް ރަނގަޅަށް ވިސްނައިގެން އަޑުއަހާށެވެ.
އެއީ ޢުމުރުން 50 އަހަރުން މަތީގެ މީހެކެވެ. އަނބިމީހާދެކެ އިންތިހާއަށް ލޯބިވެއެވެ. ލިބިފައިވާ 5 ދަރިންދެކެވެސް އިންތިހާއަށް ލޯބިވެއެވެ. ދެމަފިރިންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހެއެވެ. އުޅެނީ ނުހަނު ލޯބިންނެވެ.
އެއްދުވަހަކު އެކުވެރިއަކު ސިޙުރުވެރިއެއްގެ ގާތަށް ދިއައިރު ޢޭނާވެސް ދިއައެވެ. އެކުވެރިޔާ އާއި ޢޭނާ އާއި ދެމެދުގައި ވާހަކަދެކެވި އެކުރާ ަކމެއްކޮށް ނިމުނުއިރު ވެސް އޭނާ އަނގައިންވެސް ނުބުނެ އިނީއެވެ.
ސިޙުރުވެރިޔާ ބުންޏެވެ. "ކަލޭގެ މޫނުމަތި ރަނގަޅެއް ނޫނެވެ. ކޮންމެވެސް ކަމެއް އެބައުޅެއެވެ." މިފަދަ ގޮތަކަށް ދައްކަން ފެށުނު ވާހަކަތައް ނިމުނުއިރު ކަމަކުދާކަށް ނެތެވެ. ދެމަފިރިން ދުރުކުރަން ކޮންމެވެސް މީހަކު ސިޙުރުހަދާކަމަށް ވެއްޖެއެވެ. އެކަމުން ސަލާމަތްވާން ފެންފުޅިއެއް ދިނެވެ. ބުނީ އަނބިމީހާއަށް ސިއްރުން ޢޭނާއަށް ބޯންދިނުމަށެވެ.
ގެއަށް އައިސް އެކަންކުރާނެ ގޮތަކަށް ވިސްނަމުން ގޮސް އެންމެ ރަނގަޅު ގޮތެއް ކަމަށް ވިސްނުނީ ކޫލަރަށް އެފުޅި އަޅައިލުމެވެ.
އަނެއް ދުވަހު ހެނދުނު ހޭލެވުނުއިރު ކަމަކުދާކަށްނެތެވެ. އަނބިމީހާ އާއި ފަސްދަރިން ކިރިޔާ ނޭވާލަނީއެވެ. އެމްބިޔުލާންސަށް ގުޅައި އަވަހަށް ހޮސްޕިޓަލަށް ގެންދިއައެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. ސަލާމަތްކުރަން ޑޮކްޓަރުންނަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އަނބިމީހާ ޢާއި 5 ދަރިން ދުނިޔެ ދޫކޮށްފިއެވެ. މީހާ ދުނިޔެއަށް އެކަނިވެރިވީއެވެ.
ލިބުނު ސިހުމާއިއެކު ބުއްދިފިލައިދިއައެވެ. ހަމައަކަށް އެޅުނީ މަހެއްހައި ދުވަސްފަހުންނެވެ. ކުރާނެ ކަމެއް ބުނެވޭނެ އެއްޗެއް ނެތެވެ. ވީކަމެއް އެއޮތީވެނިމިފައެވެ. ޢޭނާގެ ހަނދާނަށް އައީ ސިހުރުވެރިޔާ ދިން ފެންފުޅިއެވެ. އެކަން ތަޙްޤީޤުކުރަން އިތުރަށް ކުރެވޭނެ ކަމެއްވެސް ނެތެވެ. ސިޙުރުވެރިޔާގާތަށް ގޮސް އެވާހަކަދެއްކި ނަމަވެސް ކުރާނެ ފައިދާއެއް ނެތެވެ. އެހެންވެ ޢޭނާ ޤަޞްދުކުރީ އެވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުދައްކައި އަނބިމީހާއަށާއި ދަރިންނަށް ހެޔޮދުޢާކުރުންމަތީގައި ހުންނާށެވެ.
ދުވަސްކޮޅެއްފަހުން އެވާހަކަ ޢިމާމަކަށް ކިޔައިދިނެވެ. އިމާމް ވިދާޅުވިއެވެ. "ވީކަމެއް ތިއައޮތީ ވެނިމިފައެވެ. ކަމުގެ ޙަޤީޤަތް ހޯދޭނެ ގޮތެއް ނެތެވެ. ވީމާ ﷲ ތަޢާލާއަށް ވަކީލުކުރާށެވެ! ސިޙުރުވެރިޔާގެ ގާތަށް ދެވުނުކަމާއި އޭނާގެ ބަސް ޤަބޫލުކުރެވުނުކަމުގެ ފާފައަށް ތައުބާވާށެވެ! އިތުރަށް ދެން ނުވިސްނާށެވެ! ޤަބްދަކާއި ނުލައި ކުރެވޭ ކަމަކަށް ﷲ ތަޢާލާ ޢަޛާބެއް ނުދެއްވަވާނެތެވެ. އިން ޝާ ﷲ. އެކަމަކު 2 ކަމަކުން ޢިބްރަތް ޙާޞިލުކުރާށެވެ. ފުރަތަމަ ކަމަކީ ނުބައި އެކުވެރިންނާއިއެކު އުޅެވޭނަމަ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެކަމެވެ. ދެވަނަ ކަމަކީ ސިޙުރުވެރިންނާއި ވައިވެސް ނުއެޅުމެވެ. ސިޙުރުވެރިން ތިބެނީ އެމީހުންގެ އަމިއްލަ ބާރަކު ނޫނެވެ. އެމީހުން ލައްވައި ޝައިޠޯނާ ކިތަންމެ ބޮޑު ގޯހެއްވެސް ހައްދުވައިފާނެއެވެ. އެކަން އެމީހުންނަށް ރޭކައިވެސް ނުލާނެއެވެ."
މިހާދިށާއަށް ބަލައި އަހުރެން ބުނަން އޮތީ އަހުރެންވެސް އެކަން ވަކި ގޮތަކަށް ނިންމަނީއެއް ނޫނެވެ. ނަމަވެސް ސިޙުރުވެރިޔާގެ ގާތަށް ނުދިއަ ނަމަ، އޭނާ ބުނިބަސް ޤަބޫލުކޮށް ޢަމަލުނުކުރިނަމަ އެކަމާއި ފަހުން ދެރަވާކަށް ނުޖެހުނީހެވެ. އަހުރެންގެ ނަޞޭޙަތަކީ ހަމައެކަކުވެސް އެއްވެސް ކަމަކު ސިޙުރުވެރިއެއްގެ ގާތަށް ނުދިއުމެވެ. އަދި ސިޙުރުވެރިންނާއި ގުޅުން އޮންނަ މީހަކާއިވެސް ގުޅުން ނުބޭއްވުމެވެ. ސިޙުރުވެރިންގެ ކިބައިން އެއްވެސް ޙަޤީޤީ ފައިދާއެއް ކުރާނެ ނަމަ ސިޙުރުވެރިންގެ ގާތަށް ދިއުމަކީ އެހައި ބޮޑު ފާފައެއް ކަމުގައި ލައްވަޥާފައެއް ނުވީހެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން