ބިލާލްގެފާނަށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ ޚަބަރު ލިބިވަޑައިގެންނެވި ޢަމަލު- ކޮންމެ މީހަކަށްވެސް ކުރެވެން އޮތް ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ބިލާލްގެފާނަށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ ޚަބަރު ލިބިވަޑައިގެންނެވި ޢަމަލު- ކޮންމެ މީހަކަށްވެސް ކުރެވެން އޮތް ޢަމަލެއް!

ފަށަމުން ފުރަތަމަވެސް ބުނެލަން އޮތީ ބިލާލްގެފާނަށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ ޚަބަރު ދުނިޔޭގައި ހުންނަވަނިކޮށް ލިބިވަޑައިގެންނެވި ޢަމަލުކުރަން މައިންބަފައިންވެސް މިއަދު ހަނދާންނެތް ވާހަކައެވެ. ވަރަށް މަދު ބެލެނިވެރިއަކު ނޫނީ އެ ޢަމަލު ނުކުރާކަމެވެ. ވީމާ އެ ޢަމަލުކުރަން ފުރަތަމަ މަސައްކަތްކުރަންވީ މައިންބަފައިންނެވެ. 

ދަރިންނަށް ކަންކަން ބަލައިގަންނަން އެންމެ ފަސޭހަވާނީ މައިންބަފައިން އެކަމެއްކޮށް ނަމޫނާ ދައްކާނަމަ ކަމުގައިވާތީއެވެ. 

ބިލާލުގެފާނު ދިރިހުންނަވަނިކޮށް އެކަލޭގެފާނަށް ސުވަރުގެ ލިބިވަޑައިގެންނެވި ކަމުގެ ޚަބަރު ލިބިވަޑައިގެންނެވި ގޮތުގެ ވާހަކަ: 

ވާހަކަ ފެށެނީ ރަސޫލް () ގެ އިސްރާ އާއި މިޢްރާޖް އަރާވަޑައިގެންނެވި މަތިވެރި ދަތުރުފުޅާއި ހަމައިންނެވެ. އެދަތުރުފުޅުގައި ރަސޫލް () އަށް ސުވަރުގެ އިން ބިލާލުގެފާނުގެ ފައިވާންޕުޅުގެ އަޑުފުޅު އިވިވަޑައިގެންނެވިއެވެ. 

ރަސޫލް () އަސް ބިލާލުގެފާނުގެ ފިޔަވަޅުފުޅުގެ އަޑުފުޅު ޔަޤީންކުރައްވަވަން ވަރަށް ފަސޭހަފުޅެވެ. އެއީ ރަސޫލް () ދިރިއުޅުއްވި ގަނޑުވަރުކޮޅު މަސްޖިދުއްނަބަވީ އާއި އިންވެގެން ހުރެފައި ކޮންމެ ނަމާދެއްގެ ބަންގި ގޮވަން ބިލާލްގެފާނު ވަޑައިގަންނަވާ އަޑު ރަސޫލް (ޞޢވ) އަށް އަބަދު އިވިވަޑައިގަންނަވާތީއެވެ. ފަތިސް ނަމާދު ވަގުތަކީ ޢާންމުކޮށް އަޑުތައް މަޑު ވަގުތަކަށްވެފައި އެ ވަގުތުގައިވެސް ބިލާލްގެފާނު މިސްކިތަށް ވަޑައިގަންވާ އަޑުއިވިވަޑައިގެންފައިވާލެއް ގިނަކަމުންނެވެ. 

ކޮންމެއަކަށް މިފަދަ މަތީ ދަރަޖައެއް ބިލާލުގެފާނަށް ލިބިވަޑައިގަތުމުން އެއީ ކޮން ހެޔޮ ޢަމަލެއް ކުރައްވަވާތީތޯ ރަސޫލް () ބިލާލްގެފާނާއި ސުވާލުކުރެއްވެވިއެވެ. ބިލާލްގެފާނު ދެއްވި ޖަވާބު ރަނގަޅަށް އަޑުއަހާށެވެ. 

"ތިމަންކަލޭގެފާނު އަބަދު ހުންނަވަނީ ވުޟޫމަތީގައެވެ. ފާޚާނާ ކުރައްވަވައިފިނަމަ ވުޟޫކުރައްވަވައި އަބަދުވެސް ދެރަކްޢަތް ނަމާދެއް ކުރައްވަވަމެވެ." 

ލޮބުވެތި ބެލެނިވެރިންނޭވެ! ފަށަމުން ބުނިފަދައިން މައިންބަފައިން ވެސް މިޢަމަލުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ކޮންމެ ފަހަރަކު ވުޟޫގެ 2 ރަކްއަތް ނުކުރެވުނު ނަމަވެސް ވީހާގިނައިން ވުޟޫކުރާށެވެ! ވުޟޫމަތީގައި ހުންނަން ހިތްވަރުކުރާށެވެ! މިފަދަ ވާހަކަތައް ދަރިންނަށް ކިޔައިދީ އެކުދިންގެ މެދުގައި ވުޟޫ ކުރުމުގެ ރޫޙެއް އުފެއްދިއްޖެނަމަ އެކަމުގެ ފައިދާ އެކުދިންގެ މުޅި ޢުމުރުގައިވެސް ކުރާނެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން