ހަނދުމަކޮށްދިނުމެއް!: ކޮންމެ ކަމެއް ކުރަން ފަށަމުންވެސް ބިސްމިﷲ ކިޔަން ދަރިންނަށް ބުނެދީ އާދަކުރުވުމަކީ ބެލެނިވެރިން އިހްމާލްވަމުން އަންނަކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ހަނދުމަކޮށްދިނުމެއް!: ކޮންމެ ކަމެއް ކުރަން ފަށަމުންވެސް ބިސްމިﷲ ކިޔަން ދަރިންނަށް ބުނެދީ އާދަކުރުވުމަކީ ބެލެނިވެރިން އިހްމާލްވަމުން އަންނަކަމެއް!

ހުރިހާ ބެލެނިވެރިންހެން ކާންފަށާއިރު ދަރިންލައްވައި ބިސްމިﷲ ކިޔުއްވައެވެ. އެހެންކަމުން ކުދިންނަށް ހީވެފައި އޮންނަނީ އެއީ ހަމައެކަނި ކާންފަށަމުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެއްވެސް ޙާލެއްގައި އެއީ އެކަން އޮތް ގޮތެއް ނޫނެވެ.    

ބައެއް ބެލެނިވެރިންނަށް ގިނައިން ބެލެނީ ދަރިން ލައްވައި ވަރަށް ބޮޑެތި ކަންތައް ކުރުވޭތޯއެވެ. ކުދިކުދި ކަންކަން ކަމަށްބަލައި ވަރަށް މުހިންމު ކަންކަންވެސް ދޫކޮށްލެވެއެވެ. އެގޮތުން ފާހަގަކުރެވޭ އެއްކަމަކީ ކޮންމެ ކަމެއް ކުރަން ފަށަމުންވެސް ބިސްމިﷲ ކިޔަން ދަރިންނަށް ބުނެދީ އާދަކުރުވުމެވެ. މިއީ ބެލެނިވެރިން އިހްމާލްވަމުން އަންނަކަމެކެވެ.  

މުސްލިމުންނަކީ ކޮންމެ ކަމެއް ކުރަން ފަށަމުންވެސް  بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ ކިޔަންޖެހޭ ބަހެކެވެ. އެހެންކަމުން ގިނަބައަކު ކިޔާ ކަމަށްވެސް ބުނެވިދާނެއެވެ. އަނެއްބައަކު ކުރުކޮށްލައި ހަމައެކަނި (ބިސްމިﷲ) ވެސް ކިޔައެވެ.  

ކޮންމެއަކަސް މިކިޔެނީ "ރަޙްމާން ވަންތަ ރަހީމް ވަންތަ ﷲ ގެ އިސްމް ފުޅުން ފަށައިގަންނަމެވެ."  

ހަމައެކަނި މިވަރަކުން ނުނިމެއެވެ. މިއީ ކީރިތި ޤުރްއާނުގެ ވެސް ފެށުމެވެ. އެނގިގެން މިދަނީ ﷲ ތަޢާލާއީ އެންމެ ދީލަތިވަންތަ އެންމެ އޯގާތެރިވަންތަ ފަރާތް ކަމެވެ. ވީއިރު ރަޙްމާންވަންތަ ރަޙީމްވަންތަ، އެންމެ ދީލަތިވަންތަ، އެންމެ އޯގާތެރިވަންތަކަން ލިބިވޮޑިގެންވާ ﷲ ތަޢާލާ އެއްވެސް އަޅަކަށް ދެރަގޮތެއް މިންވަރު ނުކުރައްވަވާނެކަން ހިތުގެ އަޑިން ޔަޤީންކުރަން ޖެހެއެވެ. ހުރިހާ ވެސް މައްސަލައަކީ އެކަން ޔަޤީން ނުކުރެވިގެން އުޅޭކަމެވެ.  

ހިތާމައަކީ ބިސްމިﷲ ކިޔުން މަދުކަމެވެ. ދުލުން ކީ ނަމަވެސް މާނަ ހިތަށް ނުގެނެވޭކަމެވެ. މާނަ ހިތަށް ގެނެވުނު ނަމަވެސް ހިތުގެ އަޑިން ޔަޤީންކުރެވޭ މިންވަރު ކުޑަވުމެވެ. އިތުބާރު ކުޑަވުމެވެ.  

އެހެން ނުހަދާށެވެ! އެއް ގޮތެއްގައި ސާބިތުވާށެވެ! ﷲ ތަޢާލާ އާއިމެދު ދުލުން ބުނެވޭ ބަހަށް ހިތުގެ އަޑިން ޔަޤީންކަން ބާއްވާށެވެ! ރަޙްމާންވަންތަ ރަޙީމް ވަންތަ ﷲ ތަޢާލާގެ ރަޙްމަތަށް ޔަޤީންކުރާށެވެ! އެކަން ނުކުރެވޭ މީހަކަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ! އެކަން ކުރެވޭ މީހާ ހުންނާނީ އަބަދުވެސް ހިތްހަމަޖެހިގެންނެވެ.  

މިފަދަ ކަންކަމަކީ ކުދިންގެ އެންމެ ޅަފަތުގައި އާދަކުރުވުން އެންމެ މުހިންމު ކންތައްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ވީމާ ފަށަމުން ބުނިފަދައިން މިފަދަ ކަންކަމަށް ދަރިން އަހުލުވެރިކުރުވަން އެންމެ ޅަފަތުގައިވެސް މަސައްކަތްކުރަން ފަށަންވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން