ޢަލީ އިޙްޞާން ފިރާޤް
ސުލައިމާނުގެފާނުގެ އަރިހަށް މަރުގެ މަލާއިކަތާ ވަޑައިގެންނެވި ވާހަކަ
ޞައްޙަ ނޫން ރިވާޔަތެއްގައި ވާރިދުވެގެން އައިސްފައިވެއެވެ. އެއްފަހަރަކު ސުލައިމާނުގެފާނުގެ މަޖިލިސަށް عزرائيل (މަލަކުލްމައުތުގެފާނު) ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވަޑައިގެން އެ މަޖިލިސްގައި އިންނެވި ސުލައިމާނުގެފާނުގެ ޞަޙާބީއަކާ ދިމާއަށް ވަރަށް ފަރުވާތެރިކަމާއެކު ބައްލަވައިލައްވައިފައި ވަޑައިގެންފިއެވެ. އެމީހާއަށް އެކަން ފާހަގަކުރެވުނުވެސްމެއެވެ. عزرائيل ގެފާނު ވަޑައިގެންނެވުމުން އެމީހާ ސުލައިމާނުގެފާނު ކުރެ އެއީ ކޮންބޭކަލެއްތޯ ސުވާލު ދެންނެވިއެވެ. އެއީ عزرائيل ގެފާނުކަން އެނގުމުން އެމީހާ ދެންނެވިއެވެ.
[އެކަލޭގެފާނު ތިމަންނާއާ ދިމާއަށް ބައްލަވައިލެއްވި ގޮތުން ހީވީ ދެންމެދެންމެ ތިމަންގެ ފުރާނަ ހިއްޕަވާފާނެހެންނެވެ. ތިމަން މިހުރީ އެކަމަނާ ވަރަށް ބިރުގަނެފައެވެ.]
ސުލައިމާނުގެފާނު ވިދާޅުވިއެވެ.
[ދެން ތިޔަހެންވިއްޔާ ނިކަން ބުނެބަލާށެވެ. ތިމަންކަލޭގެފާނު ކަލެއަށްކޮށްދޭންވީ ކޮންކަމެއް ހެއްޔެވެ؟]
އެމީހާ ދެންނެވިއެވެ. [ވައިގެ އެހީގައި ތިމަންނާ އިންޑިޔާއަށް ފޮނުއްވަދެއްވަ ބައްލަވާށެވެ.] ދެން ސުލައިމާނުގެފާނު އެމީހާ އިންޑިޔާއަށް ފޮނުއްވައިދެއްވިއެވެ. އޭގެފަހުން ސުލައިމާނުގެފާނަށް عزرائيل ގެފާނާ ބައްދަލުވެވަޑައިގެންނެވުމުން ސުވާލު ކުރެއްވިއެވެ.
[ކަލޭގެފާނު އެމީހާއާ ދިމާއަށް އެދުވަހު އެފަދަ ގޮތަކަށް ބެއްލެވީ ކީއްވެގެންތޯއެވެ؟]
އަޒްރާއީލުގެފާނު ވިދާޅުވިއެވެ.
[މާތްﷲ ތިމަންކަލޭގެފާނަށް އަމުރުކުރައްވައިފައިވަނީ އެމީހާގެ ފުރާނަ އިރުމަތީ އިންޑިޔާގައި ހިއްޕެވިމަށެވެ. ނަމަވެސް އޭނާ ކަލޭގެފާނާއެކު މި މަޖިލިސްގައި އިންތަން ފެނިގެން ތިމަންކަލޭގެފާނު އަޖާއިބުވީއެވެ. އެފަދަ ގޮތަކަށް ބެލުނީ އެހެންވެގެންނެވެ. ނަމަވެސް އޭނާ މަރަށް ބިރުން ފިލަށް އުޅެގެން ދެވުނީ މަރާ ގާތަށެވެ.] { هذه القصة ذكرها ابن أبي شيبة في المصنف، والثعلبي في تفسيره، وأحمد في الزهد، وابن بطة في الإبانة، والأصبهاني في العظمة، وابن هبة الله في تاريخ دمشق، وأبو نعيم في الحلية{
މިއީ ޞައްޙަ ރިވާޔަތެއްނޫނެވެ. މި ރިވާޔަތުގެ ސަނަދުގެ ބޮޅުފަތި ގޮސް ހުއްޓެނީ شهر بن حوشب އާ ހަމައަށެވެ. މި ބަސްފުޅު މާތް ރަސޫލާގެ ބަސްފުޅެއްގެ ގޮތުގައި ރިވާވެފައެއްނެތެވެ. ފަހަރެއްގައި މިވާހަކައަކީ إسرائيليات ގެ ތެރޭގައި ހިމެނޭ ވާހަކައަކަށް ވެދާނެއެވެ.{https://www.islamweb.net/ar/fatwa}
މި ރިވާޔަތަކީ ޞައްޙަ ނޫން ރިވާޔަތެއްކަމުގައި ވިޔަސް، މަރަށް ފިލަން ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް މަރު އައިސް ތިމާއާ ބައްދަލުކުރާނެކަން ޤުރްއާނުންގެ އާޔަތްތަކުން ޞަރީޙުކޮށް ބަޔާންވެގެންވެއެވެ. ނިސާ ސޫރަތުގެ 78 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
يْنَمَا تَكُونُوا يُدْرِككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُوجٍ مُّشَيَّدَةٍ ۗ...
މާނައީ: [އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ].
عزرائيل އަކީ މަލަކުލްމައުތުގެ އަސްލުނަންފުޅުކަމުގެ މައްޗަށް ދަލީލުލިބޭ އެއްވެސް ޞައްޙަ ޙަދީޘެއް ނުވަތަ ޤުރްއާނުގެ އާޔަތެއްވެސް ނެތެވެ.
الشيخ الألباني ވިދާޅުވެފައިވެއެވެ. މަލަކުލްމައުތުގެފާނަކީ ހުރިހާ ޚަލްޤުތަކުންގެ ފުރާނަ ހިއްޕަވާ މަލާއިކަތާކަމަށް އަހަރެމެން އެންމެ އީމާންވަމުއެވެ. އެކަލޭގެފާނުގެ ނަންފުޅަކީ عزرائيل ކަމުގައި ބުނާބުނުމަކީ އެއްވެސް އަސްލެއްނެތް ވާހަކައެކެވެ. އެވާހަކަ ހިމެނެނީ إسرائيليات ގެ ތެރޭގައެވެ. الشيخ ابن عثيمين ވެސް ހަމަ މިމޭރުމުން މިވާހަކަތައް ބަޔާން ކުރައްވައިފައިވެއެވެ.{https://islamqa.info}