ޢާއިޝަތު ރަފާޙް ޢަލީ
· ކަމަކާ ހާސްވުމުން:
ﷲ ތަޢާލާ އަޅުގަނޑުމެން އިންސާނުން ހާސްވުމުންވެސް އަދި ދެރަވެ ހިތާމަކުރުމުންވެސް އުފާވުމުންވެސް، އަދި އެހެން ހުރިހާ ޙާލަތެއްގައިވެސް ޢަމަލުކުރަންވީ ގޮތުގެ ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާންކޮށްދެއްވާފައިވެއެވެ. އަދި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ގެ ސުންނަތުގައިވެސް ބަޔާންކޮށްދެއްވާފައިވެއެވެ.
މީގެ އިތުރުން ދެރަކަމެއް ދިމާވިނަމަވެސް އަބަދުވެސް ހަނދާންކުރަންޖެހޭ ކަމެއް އޮވެއެވެ.
ﷲ ތަޢާލާ ޝޫރާ ސޫރަތުގެ 30 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَمَآ أَصَٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ ﴿٣٠﴾
މާނައީ: "ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް عفو ކުރައްވަތެވެ. (30)"
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްކުރައްވާފައިވެއެވެ.
((عن عمر بن الخطاب رضي الله عنه قال: قال رسول الله صلى الله عليه وسلم: ” لو أنَّكم توَكلونَ علَى اللهِ حقَّ توَكلِه لرَرَزَقَكُم كما يرزقُ الطَّيرَ تغدو خماصًا وتروحُ بطانًا “)
މާނައީ: ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޢުމަރު ބުން އަލްޚައްޠާބް رضي الله عنه ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "الله އަށް ވަކީލުކުރުން ޙައްޤުގޮތުގައި ތިޔަބައިމީހުން އެ އިލާހަށް ވަކީލުކުރާނަމަ، އެއިލާހު ދޫނިތަކަށް ރިޒުޤުދެއްވާ ފަދައިން ތިޔަބައިމީހުންނަށްވެސް ރިޒުޤުދެއްވާނެއެވެ. އެ ދޫނިތައް ހެނދުނު ނުކުންނަނީ ހައިކަންމަތީގައެވެ. އަދި ހަވީރު އެނބުރި އަންނަނީ ބަނޑު ފުރައިގެންނެވެ."
އެހެންކަމުން އަޅުގަނޑުމެން މި ޙަދީޘަށް ބަލާލިނަމަވެސް ﷲ ތަޢާލާ އަށް ވަކީލުކުރުމަކީ ވަރަށް މުހިއްމު ކަމެއްކަން އެނގިެންދެއެވެ.
ﷲ ތަޢާލާ އަންފާލް ސޫރަތުގެ 30 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَإِذْ يَمْكُرُ بِكَ ٱلَّذِينَ كَفَرُوا۟ لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ وَيَمْكُرُونَ وَيَمْكُرُ ٱللَّهُ وَٱللَّهُ خَيْرُ ٱلْمَٰكِرِينَ ﴿٣٠﴾
މާނައީ: "كافر ވި މީހުން، ކަލޭގެފާނު ހައްޔަރުކުރުމަށް، ނުވަތަ އަވަހާރަކޮށްލުމަށް، ނުވަތަ ކަލޭގެފާނު ރަށުން ބޭރުކޮށްލުމަށް ރޭވިހިނދު، ހަނދުމަކުރައްވާށެވެ! އެއުރެން މަކަރުވެރި، ނުބައި ރޭވުންތައް ރާވަތެވެ. އަދި اللَّه (އެއުރެންގެ ރޭވުންތައް، باطل ކުރައްވައި، އެއުރެންނަށް ކެހިލިބޭނެގޮތަށް) تدبير ކުރައްވަތެވެ. اللَّه އީ، މަކަރުވެރިންނަށްވުރެ، تدبير ކުރެއްވުން މޮޅު ރަސްކަލާނގެއެވެ. (30)"