ޘަޢްބާން ރަޟިއަﷲ ތަޢާލާ އަންހުގެ ކިބައިން ރިވާވެގެންވެއެވެ.
"އެކަލޭގެފާނު ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްއާ ސުވާލުކުރައްވަނީ އެކަލޭގެފާނު ސުވަރުގެ ވައްދަވާނެ ޢަމަލުތަކާ ބެހޭގޮކުން ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްއާ ސުވާލުކުރެއްވުމުން ހަދީޘްކުރައްވަނީ ގިނަ ގިނައިން ސަޖިދަ ކުރާށޭ. ހަމަކަށަވަރުން ތިބާ ﷲއަށްޓަކައި ސަޖިދައެއް ކޮށްފިކަމުގައިވަނީނަމަ އެއިން ކޮންމެ ސަޖިދައެއްގެ ސަބަބުން ﷲ ސުބްޙާނަހޫ ވަތަޢާލާ ތިބާގެ ދަރަޖަ އުފުއްލަވާނޭ. އަދި އޭގެ ސަބަބުން ތިބާގެ ފާފަތަކުން ފާފައެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ފުއްސަވާ ދެއްވާނެ.
އާދެ! ﷲ އަށްޓަކައި ސަޖިދައެއްކޮށްފިކަމަށް ވަނީނަމަ އެމީހެއްގެ ދަރަޖަ އުފުއްލެވުމާއެކީގައި އަދި އެމީހުންގެ ކުށްފާފަތަކުގެ ތެރެއިން ފާފައެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ފުއްސަވާ ދެއްވާނެކަން މިހަދީޘްގައި މިވަނީ ބަޔާންކޮށްދެއްވާފައެވެ!
ސަޖިދަކުރުން ގިނަކުރަން އެދޭ މީހާ ފަރުޟު ނަމާދުތަކުގެ އިތުރުން ސުންނަތް ނަމާދުތައް ކުރުން ގިނަކުރާށެވެ! ރަމަޟާން މަސް ނިމުނުކަމުގައިވީނަމަވެސް ވިތުރި ކުރުމާއި ތަހައްޖުދު ނަމާދުކުރުމުގައި ދެމިތިބޭށެވެ!
ރަވާތިބު ސުންނަތް ކުރަން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ! އެހެނީ ރަވާތިބު ސުންނަތް ކުރާ މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށް ދެއްވަވާނެކަން ޞަޙީޙް ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން