ހިތާމަތަކާ ހިތްދަތިކަން އަދި އަތްމަތިދަތިކަން ފަދަ މުޞީބާތްތައް މުސްލިމުންނަށް ކުރިމަތިވަނީ ﷲ ތަޢާލާ އެމީހަކު ދޫކޮށްލެއްވެވުމަކުން ނޫން! އެމީހަކު ދެކެ ލޯބިވެވޮޑިގަންނަވާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ހިތާމަތަކާ ހިތްދަތިކަން އަދި އަތްމަތިދަތިކަން ފަދަ މުޞީބާތްތައް މުސްލިމުންނަށް ކުރިމަތިވަނީ ﷲ ތަޢާލާ އެމީހަކު ދޫކޮށްލެއްވެވުމަކުން ނޫން! އެމީހަކު ދެކެ ލޯބިވެވޮޑިގަންނަވާތީ!

ތިމާ ދެރަވާނެ ނުވަތަ ކަންބޮޑުވާނެ ކަންކަން ކުރިމަތިވުމުން ބައެއް މީހުންނަށް ފުރަތަމަވެސް ވިސްނެނީ ތިމާ މިހާރު މިވަނީ ﷲ ތަޢާލާގެ ރަހްމަތުން މަޙްރޫމްކުރައްވަވާފައި ކަމަށެވެ. ނަމަވެސް މިއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ.

މިޘާލަކަށް ބުނާނަމަ ކައިވެނި ރޫޅިދާނެއެވެ. ޢާއިލާގެ އެންމެ ލޯބިވާ މީހަކު މަރުވެސްވެދާނެއެވެ. ބަލިވެސް ވެދާނެއެވެ. އަތްމަތިވެސް ދަތިވެދާނެއެވެ. ހީވެސްނުކުރެވޭފަދަ އެތައްކަންތައްތަކެއް އެއްފަހަރާވެސް ކުރިމަތިވެދާނެއެވެ.

މިފަދަ ކަންކަން މެދުވެރިވަނީ ﷲ އެމީހަކު ދޫކޮށްލެއްވެވުމަކުން ނޫނެވެ. އެއީ ﷲ ތަޢާލާ އާއި ކުއްތަންވުމަށް އިތުރަށް މަސައްކަތްކުރަން ދެއްވަވާ މެސެޖެކެވެ. ފުރުޞަތެކެވެ. މެސެޖު ރަނގަޅު ގޮތުގައި ލިބިގަންނާށެވެ! ފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާށެވެ!

މެސެޖު ރަނގަޅު ގޮތުގައި ލިބިގަތުމަކީ އަދި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ﷲ ތަޢާލާ އާއި ކުއްތަންވުމަށް ކުރާ މަސައްކަތް އިތުރުކުރުމެވެ. ކުރެވޭ ފާފަތަކާއިމެދު ވިސްނައި ހިތާމަކުރުމެވެ. ކުރެވޭ ފާފަތައް ފާހަގަކޮށް އެކަންކަން ކުރުން ހުއްޓައިލުމެވެ. ތައުބާވެ އިސްތިޣްފާރުކުރުން ގިނަކުރުމެވެ.

ﷲ ތަޢާލާގެ ޙަޟްރަތުން ވާގި އެދިއެދި ހުރި އެއްވެސް މީހަކު ﷲ ތަޢާލާ ދޫކޮށެއް ނުލައްވަވާނެތެވެ! އެހެނީ ﷲ ތަޢާލާ އާއި ކުއްތަންވުމަށް އަހަރެމެން މަސައްކަތްކުރުމުން އަހަރެމެންނަށް ވުރެ މާބޮޑަށް ﷲ ތަޢާލާ އެމީހަކާއި ކުއްތަންވެ ވޮޑިގަންނަވަތެވެ.

މިބުނިފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާގެ މެސެޖު ފުރިހަމަ ގޮތުގައި މާނަކޮށް ޢަމަލުކުރުމެވެ! ސުވަރުގޭގައި މެނުވީ ހިތްދަތިކަމާއި އެހެނިހެން ދަތިތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެއީ ސުވަރުގެ ދިއުމަށް ކުރާ މަސައްކަތުގައި ގިރާކުރަން ޖެހޭ ހަރުފަތްތަކެވެ. ގިރާކުރެވޭނީ ކެތްތެރިންނަށެވެ! ސުވަރުގެ ލިބުން ވަނީ ކެތްތެރިންނަށެވެ! ވީމާ ކެތްތެރިވާން ގަދައަޅައި މަސައްކަތްކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން