ﷲ ތަޢާލާ ދެއްވެވި 2 ލޮލުގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ 2 ލޯ ވެގެންދާނީ އެމީހަކު ސުވަރުގެ ވައްދަވާ އެންމެ ބޮޑު ބާރަށެވެ! ނަމަވެސް މިއަދު ގިނަ ބައަކަށް ލޮލުގެ ބޭނުން ހިފެނީ ނަރަކައަށް ވަނުމަށެވެ. މިއީ ކިހައި ބޮޑު ދެރަކަމެއް ހެއްޔެވެ؟ ވީމާ މިކަން ހިނގާ ގޮތާއިމެދު ވިސްނައިލަމާ ހިނގާށެވެ!
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭނެ އަދި އެންމެ ބޮޑަށް ލޯބިވާނެ އެއް ގުނަވަނަކީ އެމީހާގެ ދެލޮލެވެ. އެއީ ލޮލުގެ ފެނުމާއި ނުލައި ދިރިއުޅުމަކީ ވަރަށް ދަތި އުނދަގޫކަމަކަށްވާނެތީއެވެ. އެހެންކަމަށްވާއިރު އެހޫނު ގަދަ ނަރަކައަށް ތިބާ ކޮއްޕައިލާނެ އެއްޗަކީ ލޯކަމުގައި ހަދަން ހެޔޮވެދާނެހެއްޔެވެ؟
މިއަދު ގިނަ ބައަކު ލޮލުން ފާފަތައް ކުރަނީ ގެއިން ބޭރަކު ނޫނެވެ. ގޭގައި ތިބެގެންނެވެ. އެގޮތުން އެންމެ ގިނަ ބައަކު ފާފަތަކަށްއަރައިގަންނަން ބޭނުން ކުރަނީ އެމީހުންނަށް ﷲ ތަޢާލާ ދެއްވެވި ދެލޮލެވެ.
ގޭގައި ތިބެގެން ފޯނުންނާއި އެނޫންވެސް ގޮތްގޮތުން ﷲ ތަޢާލާ ބެލުން ޙަރާމް ކުރައްވަވާފައިވާ ކަންކަން ބަލަމުން ގެންދާތީއެވެ. ބަރަހަނާ މަންޒަރުތަކާއި ވީޑިއޯތައް ބެލުމުގެ އިތުރުން ވެސް ނުބައި އަމަލުތައް ދެލޮލުން ކުރަމުން ގެންދާތީއެވެ.
މީސްތަކުންނޭވެ! ޒިނޭކުރެވެނީ ހަމައެކަނި ގުނަވަނަކުން ނޫނެވެ! އެހެން މީހުންގެ އަޢުރައަށް ބެލުމަކީ ލޮލުން ކުރެވޭ ޒިނޭއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވެވީ ހަމައެކަނި ޒިނޭ ނުކުރުމަކަށް ނޫނެވެ. ޒިނޭ އާއި ކައިރިވެސް ނުވުމަށެވެ.
"އަދި ތިއަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ." (އަލްއިސްރާ: 32)
ޒިނޭ އާއި ކައިރި ނުވުމަށް ކުރަން ޖެހޭ ކަންކަން ވެސް ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ. އަންނޫރު ސޫރަތުގެ އަންނަނިވި 2 އާޔަތަށް ވިސްނައިލާށެވެ! އަދި އަމަލުވެސް ކުރާށެވެ!
" މުއްމިން ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖް ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، ޠޯހިރު ކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަންނޫރު: 30)
" އަދި މުއްމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖް ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ އަޢުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ މުއުމިނުންނޭވެ! ތިއަަބައިމީހުން އެންމެން ﷲ އަށް ތައުބާ ވާށެވެ! (އެއީ) ތިއަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ." (އންނޫރު: 31)
މި 2 އާޔަތުގައި ބެލުންތައް ތިރިކުރަން ކުރއްވަވާފައި އެވާ އަމުރުފުޅަކީ ހަމައެކަނި މަގުމަތީގައި އެކަން ކުރުމަށް އޮތް އަމުރުފުޅެއް ނޫނެވެ. އެމީހަކު ހުރި ކޮންމެ ތަނެއްގައި ވެސް އަމަލުކުރަން ޖެހޭ އަމުރުފުޅެކެވެ. އެކަނި ކޮޓަރީގައި ހުރެގެންވެސް މެއެވެ.
މީސްތަކުންނޭވެ! ކުރިން ބުނިފަދައިން ކޮންމެ މީހަކުވެސް އެމީހެއްގެ ދެ ލޯ ދެކެ އިންތިހާއަށް ލޯބިވާނެއެވެ. ދެ ލޯ ސަލާމަތުން ބަހައްޓަން ބޭނުންވާނެއެވެ. އެހެންކަމަށްވާއިރު ފުރަތަމަ ކަމަކަށް ތިމާގެ ދެލޮލަށް ސަލާމަތްކަން ދޭށެވެ! ލޯ ލައްވަވައި ފާތައް ނުކުރުވާށެވެ! ތިމާ އެންމެ ލޯބިވާ ދެ ލޯ ބޭނުންކޮށްގެން ފާފަތައް ނުކުރާށެވެ! އެންމެ ލޯބިވާ ދެ ލޮލަކީ ތިމާ ނަރަކައަށް އެއްލައިލެވޭ ސަބަބުކަމަށް ވިއަނުދޭށެވެ! އެކަން ޙާޞިލްކުރެވޭނީ މި ދެ އާޔަތަށް ޢަމަލުކޮށްގެންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން --