ތިމާ ކިތަންމެ އަވަހަކަށް ނަމާދުކޮށް ނިންމަން ބޭނުންވިނަމަވެސް ޖަމާޢަތުގައި ނަމާދުކުރާނަމަ ނަމާދު ނިމޭނީ އިމާމް ސަލާމްދިނުމުންނެވެ. އެހެންކަމަށްވާއިރު އަވަސް އަރުވާލަން މަސައްކަތްކުރުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް ކުރާ ނަމާދު ނަމާދަކަށްވާނީ ނަމާދުކުރަން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ދަސްފުޅުކޮށްދެއްވަވާފައިވާ ގޮތަށް ނަމާދުކުރުމުންނެވެ.
މިވާހަކަ ދައްކަން މިޖެހެނީ ބައެއް މީހުންގެ ޢަމަލުތައް ހުންނަ ގޮތުންނެވެ. އެއީ މިހާރަކަށް އައިސް ނަމާދުކުރަމުން ގެންދާއިރު މީސްތަކުންގެ ކެތްތެރިކަން ކުޑަވެ، ސްޕީޑް އަވަސްވެފައިވާވަރުން އިމާމަށްވުރެ ކުރިން ސަޖިދައިން ތެދުވާ މީހުންވެސް ވަރަށް ގިނައެވެ. އެފަދަ މީހުން ބިރުވެތިވާންވީ މި 2 ހަދީޘްފުޅަށެވެ!
"ބަލަ އިމާމަށްވުރެ ކުރިން އިސް އުފުލާ މީހާ، މާތް ﷲ އޭނާގެ ބޯ ހިމާރެއްގެ ބޯހެން ބަދަލުކުރައްވަވައިފާނެ ކަމަށް ބިރު ނުގަންނަނީބާވައެވެ!" ( ޞަހީޙް މުސްލިމް: 647)
އިތުރު ޙަދީޘްފުޅެއްގައި ވެއެވެ!
"ނަމާދުގައި އިމާމަށްވުރެ ކުރިން ތިމާގެ ބޯ އުފުލާ މީހާ، ﷲ އޭނާގެ ސޫރަ ހިމާރެއްގެ ސޫރައަށް ބަދަލު ކުރައްވަވައިފާނެ ކަމާއިމެދު އަމާންކަން ހޯދައިގެން ހުންނަނީ ހެއްޔެވެ؟ ނުވަތަ ހިމާރުގެ މޫނުހެން ތިމާގެރ މޫނު ބަދަލުވެދާނެކަމުގެ އަމާންކަން ހޯދާފައި ވަނީ ހެއްޔެވެ؟" (ޞަޙީޙް މުސްލިމް: 648)
މިފަދައިން އަމލުކުރާ މީހުންގެ ސޫރަ މިދުނިޔޭގައި ވަގުތުން ބަދަލު ނުކުރެއްވެވުމަކީ މިފަދައިން މެދުވެރި ނުވާނެ ކަމުގެ ދަލީލެއް ނޫނެވެ! ޤިޔާމަތް ދުވަހު މަޙްޝަރު ކުރައްވަވާނެ ޙާލު އެނގެނީ ކިހިނަކުން ހެއްޔެވެ؟ ހިމާރެއްގެ ސޫރައިގައި ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ހުންނަން ޖެހިދާނެ ޙާލަތަށް ބިރުވެތިވާށެވެ! ކެތްތެރިވެލައި އިމާމް މީހާ ތަކްބީރު ފަށަން ކިޔާ އަލިފަށް ފުންމައިގެން ނުތެދުވެ އިމާމް މީހާ ތެދުވަން ކިޔާ ތަކްބީރު ނިމެންދެން މަޑުކޮށްލާށެވެ! ﷲ އަކްބަރުގެ ރ ގެ އަޑުއިވުމުން ތެދުވާށެވެ!
---އިސްލާމީ ތިލަފަތުގެ ދަރުސަކުން