ހެޔޮކަމެއް ކުރަން ބޭނުންވާ މީހަކަށް އެކަން ކުރެވޭނެ މަގެއް ﷲ ތަޢާލާ ދައްކަވާނެ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ހެޔޮކަމެއް ކުރަން ބޭނުންވާ މީހަކަށް އެކަން ކުރެވޭނެ މަގެއް ﷲ ތަޢާލާ ދައްކަވާނެ!: ޢުމަރު ސުލައިމާން

ހެޔޮކަމެއް ކުރަން ބޭނުންވި ނަމަވެސް އެކަން ތިމާއަށް ނުކުރެވިދާނެތީ ކަންބޮޑުވާ ބައަކު އުޅެއެވެ. އެއީ ހަމައެކަކުވެސް ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ހެޔޮ ކަމެއް ކުރަން ބޭނުންވެގެން އެކަންކުރަން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް އެކަމަށް ﷲ ތަޢާލާ މަގެއް ދައްކަވާނެތެވެ. 

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! އެއްވެސް ހެޔޮކަމަކީ ތިމާއަށް ނުކުރެވޭނެ ކަމެއް ކަމަށް ހީނުކުރާށެވެ! ބޭނުންވާނީ ޢަޒުމާއި ހިތްވަރެވެ. އެކަމަށް މަސައްކަތްކުރުމެވެ. ހެޔޮ ކަންކަން ކުރެވޭނީ ޢިލްމުވެރިންނަށް ނުވަތަ ވަކިފެންވަރެއްގެ ބައަކަށް ކަމަށް ޤަބޫލުކޮށް އެކަންކުރަން މަސައްކަތްނުކޮށް ހުރުމެއް ނެތެވެ. 

ރޭއަޅުކަމަށް ބަލާށެވެ! ހިތުދަސް މީހާ އެމީހަކު ކިޔަވަން ބޭނުންވާ ވަރަކަށް ދިގުކޮށް ކިޔަވަން އޮތްއިރު ނުއެނގޭ މީހާ ކުރު ސޫރަތެއްކިޔުމުންވެސް ފުދެއެވެ. އަދި މުޞްޙަފް ނުވަތަ ފޮތެއް ބަލައިގެންވެސް ކިޔެވިދާނެއެވެ. މިކަމުންވެސް އެނގެނީ ހެޔޮކަމެއް ކުރަން ބޭނުން ކޮންމެ މީހަކަށްވެސް އެކަން ކުރެވޭނެ މަގުތައް ފަހިވެފައިޥާކަމެވެ. 

ދެން އޮތީ ޢާއިލާގެ މީހުންނަށް އެހީތެރިވުން ފަދަ ކަންކަމެވެ. އަތުގައި ތަނަވަސްކަން ނެތްނަމަ ދުޢާކުރާނީއެވެ. އެކަމަށް އެހީތެރިވެދޭން ތިމާއަށް ކުރެވެން އޮތް ކޮންމެ ކަމެއްވެސް ކުރަންވީއެވެ. އެއީ ކިތަންމެ ކުޑަ ކަމެއް ނަމަވެސްމެއެވެ. އެމީހަކު މަސައްކަތް ކުރި މިންވަރަކަށް އެމީހަކަށް ޘަވާބު ދެއްވަވާނެތެވެ. ވީމާ ހެޔޮކަމެއް ކުރަން ބޭނުންވެގެން އެކަން ތިމާއަށް ނުކުރެވޭނެ ކަމަށް ބަލައި މަޑުން ނުހުންނާށެވެ. އެކަން ކުރަން މަސައްކަތްކުރުމަށްވެސް ޘަވާބު ދެއްވަވާނެތީއެވެ. 

- މަޢުލޫމާތު: ޢުމަރު ސުލައިމާންގެ ދަރުސަކުން

 

މިއަދު އޮންލައިން