ބައިވެރިޔާ ބަލިޙާލުގަ އުޅެންޖެހުމުން ނުބަލައި ނިކަމެތިކޮށްލުމަކީ އަނިޔާވެރިވުން! ކުރިއަށް އޮތީ ޖަވާބުދާރީވާންޖެހޭނެ ދުވަސްކަން ދަންނާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ބައިވެރިޔާ ބަލިޙާލުގަ އުޅެންޖެހުމުން ނުބަލައި ނިކަމެތިކޮށްލުމަކީ އަނިޔާވެރިވުން! ކުރިއަށް އޮތީ ޖަވާބުދާރީވާންޖެހޭނެ ދުވަސްކަން ދަންނާތި!

ދެމަފިރިންގެ ޢުމުރުން 50 އަހަރުން މައްޗަށް ދިއައީއެވެ. ކައިވެންޏަށް 30 އަހަރަށްވުރެ ގިނަވީއެވެ. އަނބިމީހާ ތިބާގެ 5 ދަރިން ވިހައިފިއެވެ. މިއަދު އޭނާގެ ސިފަވަނީ ބަދަލުވެފައެވެ. ޒުވާންއިރުހުރި ރީތިކަން ގެއްލިފައެވެ. ހަކުރު ބައްޔާއި އެހެންވެސް ބަލިތަކުގައި އުޅެންޖެހިފައެވެ. ކުރަންޖެހުނު މަސައްކަތް ބުރަކަމުން މައިބަދައިގެ ބަދަތަކުގައި ރިއްސައެވެ.  

މިޙާލަތުގައި ބައެއް ފިރިން ބޭނުންވަނީ އެބަލިކަށި އަނބިމީހާ ދޫކޮށްލައި ޒުވާން އަންތބަކު ހޯދާށެވެ. އެފަދަ ފިރިން ނިކަން ބުނެބަލާށެވެ! އަނބިމީހާ ދެކެ ލޯބިވާކަމަށްބުނެ މިހައިތަނަށް ހަދަމުން އައީ ތެދެއްކަން ﷲ ތަޢާލާގެ ޙަޟްރަތުގައި ޘާބިތުކޮށްދެވޭނެ ހެއްޔެވެ؟ އަނބިމީހާގެ ހަށިގަނޑުގެ ބޭނުން ކުރަމުން، އޭނާލައްވައި އެހައި ބުރަކޮށް މަސައްކަތްކުރުވަމުން އައީ އަމިއްލަ މަންފާއަށް ނޫންކަން ޘާބިތުކޮށްދެވޭނެ ހެއްޔެވެ؟  

ހަމަ މިފަދަ ސުވާލެއް އަންހެނުންނަށްވެސް ކޮށްލާނަމެވެ. ކުރިން މިބުނިހައި ދުވަހު އެކުގައި ދިރިއުޅެ، ތިބާ އުފަލުގައި ގެންގުޅުނު ފިރިމީހާ މިއަދު އުޅެނީ ބަލިޙާލުގައެވެ. އާމްދަނީ ހޯދަން މަސައްކަތެއް ނުކުރެވެއެވެ. ތިބާއަށް ބޭނުންވާ ކަންކަން ކޮށެއް ނުދެވެއެވެ. މާނައަކީ ތިބާގެ ބޭނުންތައް ފުއްދައެއް ނުދެވެއެވެ. އޭނާ ބެލެހެއްޓުން މިއަދު ތިބާއަށްވަނީ ބުރައަކަށްވެފައެވެ. އެހެންވެ މިއަދު ތިބާ ބޭނުންވަނީ އޭނާގެ ކިބައިން ސަލާމަތްވެ އެެހން ދިރިއުޅުމެއް ފަށާށެވެ! އެހެންކަމަށްވާއިރު ފިރިމީހާދެކެ ލޯބިވާކަމަށްބުނެ މިހައިތަނަށް ހަދަމުން އައީ ތެދެއްކަން ﷲ ތަޢާލާގެ ޙަޟްރަތުގައި ޘާބިތުކޮށްދެވޭނެ ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގައި ހުރެ ތިމާ ކުރާ ކޮންމެ ޢަމަލަކަށްވެސް ﷲ ތަޢާގެ ޙަމްރަތުގައި ޖަވާބުދާރީވާންޖެހޭނެއެވެ. ބައިވެރިޔާ ބަލިޙާލުގައި ޖެހުމުން އެއްލައިލުމަކީ އިސްލާމްދީނުގައި އޮތްގޮތެއް ނޫނެވެ. އެއީ އަނިޔާވެރިވުމެވެ. އެކަންކަމަށް ސުވާލުކުރެވޭނެ ދުވަސް ކޮންމެ މީހަކާއިވެސް ބައްދަލުކުރާނެއެވެ. އެކަން ދަނެގެން ކަންކަންކުރާށެވެ!  

ޢުމުރުން ދުވަސްވުމުން ނުވަތަ އެނޫން ގޮތަކުން ނަމަވެސް ބައިވެރިޔާ ބަލިޙާލުގައި ޖެހޭ ދުވަހު ނުބަލައި އެއްލައިލުމުގެ ބަދަލުގައި އޭނާއަށް ހެޔޮކޮށް ހިތައި ބެލެހެއްޓުމަކީވެސް އަޅުކަމެކެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނެ ކަމެކެވެ. ފުރުޞަތުގެ ބޭނުން ހިފައި ސުވަރުގެ ހޯދަން މަސައްކަތްކުރާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން