ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ތިމާއަކީ ފަރުޟް 5 ނަމާދާއި އެހެންވެސް ފަރުޟްތައް އަދާކުރެވޭ މީހަކު ނަމަ ތިމާއަކީ ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކު ކަމަށެވެ. ނަމަވެސް އެވަރަކުން އަދި ތިބާއަކީ ﷲ ތަޢާލާ ދެކެ ފުރިހަމަ ގޮތުގައި ލޯބިވާ މީހަކަށް ނުވެވޭނެއެވެ.
އެވަރުން ތިބާވާނީ ތިމާގެ މައްޗަށްހުރި ފަރުޟުތައް އަދާކުރާ މީހަކަށެވެ. ﷲ ތަޢާލާ ދެކެ ލޯބިވާނަމަ ސުންނަތް ޢަމަލުތައް ކުރުން ގިނަކުރަންވާނެއެވެ. މިޘާލަކަށް ބުނާނަމަ ފަރުޟްވާ މިންވަރަށް ޒަކާތް ދެއްކުމަކީ ކުރަންޖެހޭ ކަމެކެވެ. ﷲ ތަޢާލާ ދެކެ ލޯބިވާނަމަ ޒަކާތުގެ އިތުރުން ކޮންމެވެސް މިންވަރެއް ޞަދަޤާތް ކުރާށެވެ! ހަމައެފަދައިން ފަރުޟު 5 ނަމާދުކުރުމާއިއެކު ވީހާ ގިނައިން ސުންނަތް ނަމާދުތައް ކުރަމުން ގެންދާށެވެ.
ނިކަން ވިސްނައިލަބަލާށެވެ! ކިރިޔާ ބަނޑުބޮޑުވާވަރަށް ކާއެތިކޮޅެއް ދެއްވެވިޔަސް ވާނީ ރިޒުޤް ދެއްވެވި ކަމަށެވެ. އެހެންކަމާއިއެކުވެސް އަހުރެމެންނަށް ރިޒުޤް ދެއްވަވާ މިންވަރު ގިނަކަން ނިކަން ދެކިބަލާށެވެ! ޝުކުރުވެރިވާން ނުޖެހޭނީ ކީއްވެގެން ހެއްޔެވެ؟
ލޮބުވެތި އެކުވެރިންނޭވެ! ތިމާއަށް ދެއްވަވާ ނިޢުމަތްތައް ގިނަވާވަރަކަށް ޝުކުރުވެރިވުން ގިނަކުރާށެވެ! އަޅުކަން ކުރުމުގައި ހީވާގިވާށެވެ! އަބަދުވެސް ތިބެންޖެހިފައި މިވަނީ އިތުރު ކަންތައްތަކަކަށް އެދިއެދިއެވެ. ޝުކުރުވެރިވާ އަޅުންނަށް ނިޢުމަތްތައް އިތުރު ކުރައްވަވާނެ ކަމަށް ވަޙީކުރައްވަވާފައި އޮތުމުން އެނގެނީ ޝުކުރުވެރިވާ މީހާގެ ބޭނުންތައް ފުއްދަވައި ދެއްވެވުމުގައި ދީލަތިވެވޮޑިގަންނަވާނެ ކަމެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން