އިންސާނާ މަރުވުމާއި ގުޅުންހުރި ކަންކަން ދެނެގަންނަން މީހަކަށް މެޝިންތަކާއި ސްކޭންތައް ގުޅައިގެން ތިއްބައި އެނގުނީ ވިދާލި ވިދުވަރެއްފަދައިން އޭނާގެ މާކުރީގެ މާޒީން ކަންތައްތަކެއް ކުޑަކުޑަ އިރުކޮޅަކަށް އޭނާގެ ސިކުނޑިއަށް ނުވަތަ ވިސްނުމަށް އައިކަމެވެ.
ސުވާލަކީ އައީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ސައިންސްވެރިން ، ޑޮކްޓަރުން އެކަން ހާމައެއް ނުކުރިއެވެ. އެއްގޮތަކީ އެމީހުންނަށް ނުއެނގުމެވެ. ދެވަނަ ސަބަބަކީ އެއީ ޢޭނާއަށް ކުރެވިފައިފާފަތަކަކަށްވުމުން އެކަންކަން ހާމަކުރަން ބޭނުންނުވުމެވެ. ކޮންމެ ގޮތެއްވީނަމަވެސް 2022 ވަނަ އަހަރު ވަނީ އެކަން ދެނެގަނެވިފައެވެ.
އަހުރެންނަށް އެނގެނީއެއް ނޫނެވެ. ނަމަވެސް އަހުރެންގެ ވިސްނުމަށް އަންނަ ކަމެއް ބުނެލާނަމެވެ. މަރުވުމުގެ ވަޤުތު އެމީހަކާއި އޭނާގެ ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުންނާއި ދެމެދު ކުރެވޭ މުޢާމަލާތުތަކުގެ ސަބަބުން މިފަދަ ކަމެއް ހިނގައިފާނެއެވެ. އޭނާއަކީ ކޮންގޮތަކަށް ދުނިޔޭގައި އުޅުނު މީހަކުކަން މަލާއިކަތުން ބަޔާންކުރެއްވެވުމުން އޭނާގެ މާޒީގެ ހަނދާންތައް އައުމަކީ އެކަށީގެންވާ ކަމެކެވެ.
އަހުރެންނަށް ވިސްނޭ ގޮތުން އޭނާއަކީ ހެޔޮލަފާ މީހަކުނަމަ ހަނދާނަށް އަންނާނީ މާޒީއެއް ނޫނެވެ. މަލާއިކަތުން އޭނާއަށް ދެއްވަވާ އުފާވެރި ޚަބަރުގެ ސަބަބުން އޭނާއަށް އެދެވޭނީ އަވަހަށް ﷲ ތަޢާލާ އޭނާއަށް ދެއްވަވާ ނިޢުމަތްތައް ލިބިގަތުމަށެވެ. އަވަހަށް ﷲ ތަޢާލާގެ ޙަޟްރަތާއި ބައްދަލުވުމަށެވެ. ވީމާ އެވަޤުތު މާޒީގެ ހަނދާންތައް އައުމަކީ ދުރުކަމެކެވެ.
ﷲ ތަޢާލާ އަހުރެންނަށް ދެއްވެވި ބުއްދީގެ ބޭނުންކޮށްގެން އަހުރެން މިބަޔާންކުރީ އަހުރެންގެ ވިސްނުމެވެ. އެއްވެސް ޙާލެއްގައި ވަކިކަމެއް ވަކިގޮތަކަށް ކަނޑައަޅައި ބުނީއެއް ނޫނެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން