ނަމާދަށް ސަފުހަދާއިރު އެތުރިލުމަކުން ނުފުދެއެވެ! ސަފުތައް ބަރާބަރަށް ސީދާކުރަން ޖެހެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 36ސ
ނަމާދަށް ސަފުހަދާއިރު އެތުރިލުމަކުން ނުފުދެއެވެ! ސަފުތައް ބަރާބަރަށް ސީދާކުރަން ޖެހެއެވެ!

ނަމާދަށް ސަފުހަދަން ފަސޭހަކޮށްދިނުމުގެ ގޮތުން މިސްކިތްތަކުގައިވަނީ ރުނގު ދަމައިފައެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ފައިތިލައިގެ ކޮންމެވެސް ދިމާއަކުން ރޮނގަށް އަރާނަމަ ސަފުސީދާކުރެވުނީ ކަމަށެވެ. ނަމަވެސް އެގޮތަށް ފައިތިލަ އެމީހަކު ބޭނުންވާހައި ގޮތަކަށް ބެހެއްޓުމުން ސަފުތައް ސީދަލެއް ނުވެއެވެ. 

ތިރީގައިވާ ލިޔުމަކީ ނަމާދަށް ހަދާސަފުތައް ސީދާކުރަން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ބާރުފުޅު އެޅުއްވެވި މިންވަރު އެނގިގެންދާ ލިޔުމެކެވެ. 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. 

ނަމާދުގެ ސަފުތައް ސީދަލަށް ހެދުމަށް ރަސޫލުﷲ صلى الله عليه وسلم ނުހަނު ބާރު އަޅުއްވާފައިވެއެވެ. އަދި އެކި ޞީޣާތަކުން އެކަލޭގެފާނު صلى الله عليه وسلم އެފަދައިން އަމުރުކުރައްވާފައިވެއެވެ. 

ރާއްޖޭގައި ކުރީގައި ނަމާދަށްސަފުތައް ހަދާ އުޅުނުގޮތާ އަޅާކިޔާއިރު މިއަދު ހެދޭ ސަފުތައް ފުރިހަމައެވެ. އަދި ވަރަށް ގިނަ މިސްކިތްތަކުގެ އިމާމުން އެކަމަށް ބާރު އަޅާލެއް ބޮޑުކަންވެސް އުފަލާއެކު ފާހަގަކުރަންޖެހެއެވެ. ނަމަވެސް ރާއްޖޭގައި މިސްކިތްތަކުގެ އިމާމުން ސަފަށްގޮވާއިރު ޢަރަބި ޢިބާރާތްތައް ނުބައިކޮށް ކިޔޭކަން ވަރަށް ގިނައިން ފާހަގަކުރެވެއެވެ. ގިނަފަހަރު އެހެންވުމަށް މެދުވެރިވެފައިވަނީ މިޢިބާރާތްތައް ދަސްވެފައި ހުންނަނީ އެހެން އިމާމުން ކިޔާ ޢިބާރާތްތައް އަޑުއަހައިގެން ކަމަށްވުންވެސް އެކަށީގެންވެއެވެ. އެގޮތުން މިލިޔުމުގައި މި ހިމަނާލަނީ ރަސޫލުﷲ صلى الله عليه وسلم ގެ ސުންނަތުން ޘާބިތުވާ، އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ ބައެއް ޢިބާރާތްތަކެވެ. ދަށު ރޮނގު ދެމިފައި އެވަނީ އެޢިބާރާތްތަކުގައެވެ. މިލިޔުމުގައި ވާރިދުވެފައިވާ ޢިބާރާތްތައް ނޫން އެހެން ޢިބާރާތްތައްވެސް އެކަލޭގެފާނު އަރިހުން ޘާބިތުވެފައިވެއެވެ. 

1. عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- (( سَوُّوا صُفُوفَكُمْ فَإِنَّ تَسْوِيَةَ الصَّفِّ مِنْ تَمَامِ الصَّلاَةِ )). [رواه مسلم / كتابالصلاة / بابتسوية الصفوف… / رقم١٢٤- (٤٣٣)]

އަނަސް ބުން މާލިކު رضي الله عنه ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.  "ސަފުތައް ސީދާކުރާށެވެ. ފަހެ ހަމަކަށަވަރުން ސަފު ސީދާކުރުމަކީ ނަމާދު ފުރިހަމަވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ." 

2. عَنْ أَنَسٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((سَوُّوا صُفُوفَكُمْ فَإِنَّ تَسْوِيَةَ الصُّفُوفِ مِنْ إِقَامَةِ الصَّلَاةِ)). [رواه البخاري / كتابالأذان / بابإقامة الصف من تمام الصلاةرقم٧٢٢]

ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަނަސް رضي الله عنه ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ސަފުތައް ސީދާކުރައްވާށެވެ. ފަހެ ހަމަކަށަވަރުން ސަފުތައް ސީދާކުރުމަކީ ނަމާދު ޤާއިމުކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ." 

3. وعن النُّعْمَانَ بْنَ بَشِيرٍ رضي الله عنهما قال : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُسَوِّي صُفُوفَنَا حَتَّى كَأَنَّمَا يُسَوِّي بِهَا الْقِدَاحَ ، حَتَّى رَأَى أَنَّا قَدْ عَقَلْنَا عَنْهُ ثُمَّ خَرَجَ يَوْمًا فَقَامَ حَتَّى كَادَ يُكَبِّرُ ، فَرَأَى رَجُلا بَادِيًا صَدْرُهُ مِنْ الصَّفِّ ، فَقَالَ : (( عِبَادَ اللَّهِ ، لَتُسَوُّنَّ صُفُوفَكُمْ أَوْ لَيُخَالِفَنَّ اللَّهُ بَيْنَ وُجُوهِكُمْ )) . [رواه مسلم / كتابالصلاة / بابتسوية الصفوف… / رقم١٢٨]. 

އައްނުޢުމާނު އިބްނު ބަޝީރު رضي الله عنه އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ދުނިދަނޑިތަކެއް އެއްވަރުކުރައްވާ ފަދައިން ރަސޫލުﷲ صلى الله عليه وسلم އަޅުގަނޑުމެންގެ ސަފުތައް އެއްވަރުކުރައްވަވައެވެ. އެއީ އެކަލޭގެފާނުގެ އަރިހުން އަޅުގަނޑުމެންނަށް އެކަން ވިސްނިއްޖެކަން އެކަލޭގެފާނަށް ފެނިވަޑައިގަންނަވަންދެނެވެ. ދެން އެއަށްފަހު އެއްދުވަހަކު އެކަލޭގެފާނު ނުކުމެވަޑައިގަތެވެ. ފަހެ ނަމާދަށް ހުއްޓިވަޑައިގެން ތަކުބީރު ކިޔުއްވަވަން އުޅުއްވަނިކޮށް ސަފަށްވުރެ ބޭރަށް މީހެއްގެ މޭ ނުކުމެފައިވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. ފަހެ ޙަދީޘްކުރެއްވިއެވެ "ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ސަފުތައް ސީދާކުރާހުށިކަމެވެ. ނޫންނަމަ ﷲ ތިޔަބައިމީހުންގެ މޫނުތައް ބައިބައިކުރައްވަފާނެއެވެ. 

ވީމާ ސަފުތައް ސީދަލަށް ހެދުމަށް ޖަމާާޢަތުގައި ނަމާދުކުރާ ކޮންމެ މީހަކުވެސް ސަމާލުވާންޖެހެއެވެ. ހަމައެފަދައިން އެކަމަށް އިމާމުން ބާރު އަޅާ ހަނދުކޮށްދޭންޖެހެއެވެ. ދުޢާއަކީ އަޅަމެންގެ އަޅުކަންތަކާއި އަދި އެންމެހާ ޢަމަލުތައް ﷲ ތަޢާލާ ރުއްސަވާ ގޮތަށް ބައްޓަންކުރުމުގެ ތައުފީޤުދެއްވުމެވެ.

 

- ޝައިޚް އިމްރާން މުޙައްމަދު ޢަލީ

 

 

މިއަދު އޮންލައިން