ކީރިތި ޤުރްއާން ކިޔެވުމަކީ ކުރަން ބޭނުންވާ ކޮންމެ ކަމަކަށްވެސް މަގުފަހިވެ ބަރަކާތް ލައްވަވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކީރިތި ޤުރްއާން ކިޔެވުމަކީ ކުރަން ބޭނުންވާ ކޮންމެ ކަމަކަށްވެސް މަގުފަހިވެ ބަރަކާތް ލައްވަވާ ކަމެއް!

ކީރިތި ޤުރްއާން ކިޔެވުމުން ﷲ ތަޢާލާ ބަރަކާތް ނުލައްވަވާނެ ކަމެއް ނެތެވެ. ބައްޔަކުން ޝިފާޢަށް އެދިގެން ކިޔެވުމުން ޝިފާ ދެއްވަވާނެތެވެ. ބަލި ފަސޭހަނުވެއްޖެނަމަ އެކަމަކީ އެމީހަކަށް ލެއްވެވި ރަޙްމަތަކަށްވެގެންދާނެއެވެ. އަހުރެމެން ބޭނުންވި ގޮތް ނޫން ގޮތަކަށް ކަންކަން ނިމުމަކީ ބަރަކާތް ނުލެއްވެވުމެއް ނޫނެވެ. އަހުރެމެންނަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ ކަމަށްވުމުންނެވެ. 

ލޮބުވެތި އެކުވެރިންނޭވެ! ކޮންމެ ކަމަކަށް އެދިގެންވެސް ޤުރްއާން ކިޔަވާށެވެ. އެކަމެއްގައި ހަމަ ކުރިން މިބުނި މަގުން ބަރަކާތް ލައްވަވާނެތެވެ. މިއީ ކީރިތި ޤުރްއާނުގެ އެތައް އާޔަތަކުން އެނގެން އޮތް ޙަޤީޤަތެކެވެ. 

ލޮބުވެތި އެކުވެރިންނޭވެ! ބައެއް މީހުން ޤުރްއާން ކިޔަވަނީ ކިޔަވަން އެއުޅޭ ތަނެއް ކިޔަވައި އަވަހަށް ނިންމައި ނުލެވިގެން ތެޅިފޮޅެމުން ކުރާ ކަމެއްގެ ގޮތުގައެވެ. އެއީ ޤުރްޢާން ކިޔަވަން އޮތް ގޮތެއް ނޫނެވެ. ކިޔަވަންވާނީ ލަސްލަހުންނެވެ. އެމީހަކަށް ކިޔެވުނުހައި ރިވެތިކޮށެވެ. 

ޢަޖުމަ ބަލައިލަންވެސް ކޮންމެ ދުވަހަކު މުޞްޙަފުން އެންމެ ގަނޑެއް ނަމަވެސް ކިޔަވަންފަށައިބަލާށެވެ! އަދި މާނައާއި ތަފްސީރުން މިންވަރެއް ކިޔަވަން ފަށައިބަލާށެވެ! ތަފްސީރު ކިޔުމަކީ ކީވަރަކަށް އިތުރަށް ކިޔަން ޝައުޤުވެރިވެވޭނެ ކަމެކެވެ. އެކަން ގިނަ ބއަކަށްވަނީ ތަޖުރިބާކުރެވިފައެވެ. އެކަމުގެ ފައިދާ ގިނަބައަކު ދަނީ ޙާޞިލުކުރަމުންނެވެ. 

ކިޔަވަން ފަށާތަނުން ބޮޑެތި ބަދަލުތަކެއް ނުފެނިދާނެއެވެ. ނަމަވެސް ދުވަސްކޮޅެއްވާއިރަށް ބޮޑެތި ބަދަލުތައް ފެންނަންފަށާނެއެވެ. ކުރިން ޙާޞިލު ނުކުރެވިގެން އުޅެންޖެހުނު އެތައް ކަންތައްތަކެއް ޙާޞިލުކުރެވެން ފަށާނެއެވެ. އެކަމުގެ ފައިދާ އެމީހަކަށް ކުރަންފަށާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން