ބައެއް މީހުންނަށް ހީވެފައި އޮންނަނީ އެމީހަކު ބަލަހައްޓަންޖެހޭ ބައެއް ގާތު ނަމާދުކުރާށޭ ބުނުމުން ފުދޭނެ ކަމަށެވެ. އެހެން ބުނުމުން ޒިންމާއިން ރެކެވޭނެ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެކެވެ.
މުޖުތަމަޢުގެ މީސްތަކުން ނަމާދު ނުކުރާނަމަ އެކަމަށް ޖަވާބުދާރީ ނުވެ މުޖުތަމަޢުގެ އެންމެ އިސް ވެރިންނަށް ސަލާމަތެއް ނުވެވޭނެއެވެ! އެމީހެއްގެ ބެލުމުގެދަށުގައި ތިބި ޢާއިލާގެ މީހުން ނަމާދު ނުކުރާ ނަމަ އެކަމުގެ ޒިންމާ ނުނަގައި ޢާއިލާގެ އެންމެ އިސް މީހާއަށް ސަލާމަތެއް ނުވެވޭނެއެވެ!
ބައެއް މީހުން ދެކޭ ގޮތުގައި އެމީހަކު ނަމާދުކުރުމުން އެ ނިމުނީއެވެ. ނަމަވެސް ނަމާދުކުރުމަކީ އެހައި ފަސޭހަ ގޮތަކަށް ނިމެން އޮތް ކަންކަމެއް ނޫނެވެ. ރައްޔިތުން ވަނީ ޤައުމުގެ ވެރިޔާގެ ބެލުމުގަދަށުގައެވެ. އަދި މުޖުތަމައު މިވަނީ ޢާއިލާތަކަކަށް ބެހި މަސްއޫލިއްޔަތުވެސް ވަކިވަކިކުރެވިފައެވެ. ކޮންމެ ޢާއިލާއަކަށް ވެސް ޒިންމާދާރުވާންޖެހޭ މީހަކު ހުންނާނެއެވެ.
އަދި ކީއްހެއްޔެވެ؟ މިވެނި ޢާއިލާއެއްގެ މިވެނި މީހަކު ނަމާދު ނުކުރާތީ އެކަން އެ ޢާއިލާގެ އެންމެ އިސް މީހާގެ ބޮލުގައި އެޅުވުމަކުން ނުފުދެއެވެ! އެޒިންމާ ޤައުމުގެ އެންމެ އިސް ވެރިޔާ އާއި ހަމައަށް ވާރުތަވެއެވެ. މާނައަކީ ބެލެނިވެރިޔާ އެކަމަށް އިހްމާލުވެފައިވާ ނަމަ އެ މައްސަލަ ނުބެލުމުގެ ޒިންމާ އުފުލަން ޤައުމުގެ ވެރިޔާއަށް ޖެހޭނެއެވެ!
ވީމާ ޤައުމުގެ ވެރިކަން ލިބުމަކީވެސް އަދި ޢާއިލާގެ ވެރިކަން ލިބުމަކީވެސް ހަމައެކަނި ލިބޭ ބާރުތަކަކާއި ތަނަވަސްކަމެއް ކަމަށް ހީކޮށް ޣާފިލު ނުވާށެވެ! މިއަދު މަގުތަކުން މޮޓޯ ކޭޑުގައި ދަތުރުކޮށްފައި ކާރުން ފައިބާއިރަށް ވަށައިގެން އެތައް ބައިވެރު ބޮޑީގާޑުން ބައިތިއްބައިގެން އުޅުނު ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީ ނުވެވިއްޖެ ނަމަ ވަރުގަދަވެގެންވާ ހިލިހިލާތަކުން ތަސްކޮޅު އެޅިފައިވާ ހާލު ދަމާ ގެންގޮސް އެއްލައި ލެވޭނީ ހަމަ ނަރަކައަށެވެ! ބޮޑީގާޑުންނަށްވާނީ ނަރަކައިން ބައްދަލުކުރާނެ ބިރުވެރި ސޫފިތަކެވެ! ނަރަކަ ބަލަހައްޓަވަން ތިއްބަވާ މަލާއިކަތުންނެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން