މިސްކިތާއި ޖެހިގެން ނުވަތަ ކައިރީގައި ހުންނަ ގޭގޭގައި ދިރިއުޅޭ މީހުންނަށް މިސްކިތުގެ ޖަމާޢަތުގައި ކުރާ ނަމާދުގެ އަޑު ސާފުކޮށްއިވޭނަމަ އެއަޑަށް ގޭގައި ތިބެގެން ނަމާދުކުރެވިދާނެތޯ؟
މިސުވާލު ކިޔުންތެރިން ކުރައްވަނީ މިސްކިތްތަކާއި އިންވެގެން ހުންނަ ގެތަކަށް މިސްކިތުގައި ކުރާ ނަމާދުގެ އަޑު ރަނގަޅަށް އިވޭތީއެވެ. މިމޭރުމުން ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ.
މިސްކިތުގެ ޖަމާޢަތުގައި ބައިވެރިވިކަމަށްވާނީ މިސްކިތުގައި ނުވަތަ މިސްކިތް ފުރިފައިވާނަމަ މިސްކިތުގެ ސަފުތަކާއި ގުޅިގެންދާގޮތަށް ސަފުހަދައިގެން ނަމާދުކުރުމުންނެވެ. ފިރިހެނުންނަށް އޮތީ ގޭގައި ނަމާދުކުރުމެއް ނޫނެވެ. މިސްކިތުގެ ޖަމާޢަތަށް ގޮސް ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމެވެ.
އަންހެނުންނަށް އޮތީ ގޭގައި އެކަނި ތިބެ ނަމާދުކުރުމެވެ. އަންހެނަކަށް އެކަނިހުރެ ނަމާދުކުރާއިރު ފަސޭހައީ މިސްކިތުގައި ކުރާ ނަމާދުގެ ފަހަތުން ނަމާދުކުރަންނަމަ އެކަން ކުރެވިދާނެއެވެ. އެއީ މައްސަލއެއް ނޫނެވެ. ނަމަވެސް އެއީ ޖަމާޢަތުގައި ބައިވެރިވުން ކަމަށް ނުވާނެއެވެ. ކުރިން ބުނި ފަދައިން އަންހެނުންނަށް އޮތީވެސް ގޭގައި އެކަނި ތިބެ ނަމާދުކުރުމެވެ.
--މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް