ވަކިދުވަހަކު އުފަންވުމަކުން އަދި ވަކިދުވަހަކު މަރުވުމަކުން ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ވަކިދުވަހަކު އުފަންވުމަކުން އަދި ވަކިދުވަހަކު މަރުވުމަކުން ކުރާނެ ފައިދާއެއް ނެތް!

މިވެނި ދުވަހަކު މަރުވުމުން މިވެނި ނިޢްމަތެއް ދެއްވަވާނެ ކަމަށް ބަލައި ވަކި ދުވަހެއްގައި މަރުވުމަށް ނުއެދޭށެވެ. އެހެނީ ފުރަތަމަކަމަކަށް މަރުވުމަށް އެދުމަކީ ހުއްދަކަމެއް ނޫނެވެ. އަދި ކޮންމެ ދުވަހަކު މަރުވި ނަމަވެސް މަރުވުމަށްފަހު އެމީހަކަށް ކަންކަން މިންވަރު ކުރައްވަވާނީ އެމީހަކު ދުނިޔޭގައި ހުރެ ކޮށްފައިވާ އަމަލުތަކުގެ މައްޗަށެވެ. ﷲ ތަޢާލާއަށް އީމާންވެ ކިޔަމަންތެރިކަން އަދާކޮށްފައިވާ މިންވަރެއްގެ މައްޗަށެވެ.

މަސައްކަތްކުރަންވީ ވީހައި ގިނަ ހެޔޮ ޢަމަލުކުރުމަށެވެ. ކައްވަޅުގެ ޢަޛާބުން ސަލާމަތްވާން މަސައްކަތް ކުރުމަށެވެ. ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައި މަރުވި ނަމަވެސް އެމީހަކަށް ޙައްޤުވާ ނިޢްމަތްތައް ﷲ ތަޢާލާ ދެއްވަވާނެތެވެ. ޛައްރެއްގެ މިންވަރުވެސް އުނި ނުކުރައްވަވާނެތެވެ.

މުފްތީ މެންކް ވިދާޅުވެފައިވާ މި ބަސްފުޅަކީ ވަރަށް މުހިންމު ނަޞޭޙަތެކެވެ. މިސްނައިލަންވީ މުލްކް ސޫރަތުގެ 2 ވަނަ އާޔަތަށެވެ.

" އެކަލާނގެއީ ތިއަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާން ކުރެއްވެވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ޢަޒީޒް ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ." (އަލްމުލްކް: 2)

މިއާޔަތުގައި ދިރިހުރުމުގެ ވާހަކައިގެ ކުރިއަށް ގެންނަވާފައި އެވަނީ މަރުވުމުގެ ވާހަކައެވެ. އެއީ ވަރަށް މުހިންމު ސަބަބަކަށްޓަކައެވެ. މަރުވާނެ ކަމާއި އިމްތިހާނުން ފާސްވާން ޖެހޭނެކަން ބަޔާން ކުރެއްވެވުމުގެ ގޮތުންނެވެ. އިމްތިހާން ކުރެއްވެވުން ނުވާނަމަ އެމީހަކު ބޭނުންވާހައި ގޮތަކަށް އުޅެންވީ ނޫން ހެއްޔެވެ؟

މީސްތަކުންނޭވެ! ތައްޔާރުވާންވީ މަރަށެވެ! ކިތަންމެ ބޭނުން ނުވި ނަމަވެސް މަރުވާނެއެވެ. ނޭނގެނީ މަރާއި ކުރިމަތިލާން ޖެހޭނީ ކޮން ދުވަހކު ކޮން ވަގުތަކު ކަމެވެ.

އަހަރެމެން އުންމީދުކުރަންވީ ވަކި ވަކި ދުވަހެއްގެ ވަކި ވަގުތެއްގައި ދަރިފުޅު އުފަންވުމަކަށް ނޫނެވެ. އަދި ވަކި ދުވަހަކު މަރުވުމަކަށްވެސް ނޫނެވެ. ވަކި ދުވަހަކު ނުވަތަ ވަކި ވަގުތެއްގައި އުފަންވުމުން ނުވަތަ މަރުވުމުން ވަކި ކަންތައްތަކެއް ނުވަތަ ވަކި ކަމެއް މިންވަރުކޮށްދެއްވަވާނެ ކަމަށް އޮތް ބަސްފުޅެއް ޤުރްއާނަކު ނެތެވެ. އެއްވެސް ޞަޙީޙް ޙަދީޘްފުޅަކުން ފެންނާކަށް ނެތެވެ.

---އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން