ވަކީލްކޮށް މިންވަރަށް އީމާންވުމަކީ ޢުމުރު ދިގުކުރައްވަވާ ކަމެއް ކަމަށް ބުނެފިނަމަ އެކަމުގެ ދަލީލުތައް ދައްކަން ބުނާނެ ބައަކު އުޅޭނެއެވެ. އާޔަތާއި ޙަދީޘް ދައްކަންވެސް ބުނާނެއެވެ.
އަހުރެން މިކަމަށް ދަލީލު މިދައްކަނީ ސައިންސްވެރިންގެ ހޯދުންތަކުންނެވެ. ސައިންސްވެރިން ކޮށްފައިވާ އެތައް ބައިވަރު ދިރާސާތަކުން އެނގޭ ގޮތުގައި ފިކުރުބޮޑުވުމަކީ (ފިކުރު ބޮޑުވެ މާބޮޑަށް ވިސްނުމަކީ) ކޮލޮސްޓްރޯލް ލެވެލް މަތިވާ ކަމެކެވެ. އެކަމުގެ ސަބަބުން ހިތް ހުއްޓެއެވެ. ސްޓްރޯކްވެސް ޖެހެއެވެ. މިކަންކަމުގެ ސަބަބުން ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދެއެވެ.
އަދި އިންތިހާއަށް ފިކުރުކުރާ މީހުންގެ ކޮލޮސްޓްރޯލްލެވެލް މަތިވުމުން ބޭސް ކެއިނަމަވެސް ބޭހުގެ އަސަރުކުރުންވެސް ކުޑަވެއެވެ. ވަކިހިސާބަކުން ބޭހަށް ނުގުޑާކަމަށް ޑޮކްޓަރުން ބަލައި ޑޯޒްމަތިކުރަމުންގޮސް އެންމެ މަތީ ޑޯޒްދިނަސް އޮންނަނީ ނުގުޑައިފައެވެ.
ކިތަންމެ ބޮޑަށް ތަޤްވާވެރިވާން މަސައްކަތްކުރިނަމަވެސް ކަންކަން ކުރިމަތިވުމުން ވިސްނޭނެއެވެ. ނަމަވެސް ވަކީލްކުރާ އަދި މިންވަރަށް އީމާންވާ މީހަކުނަމަ އެކަމަކަށް ވިސްނަމުން ގޮސް އަމިއްލަ ނަފްސް ހަލާކުގެ ތެރެއަށް ވައްޓައެއް ނުލާނެއެވެ. އެވަރުވިޔަކަ ނުދޭނެއެވެ. އަމިއްލައަށް ހިތްވަރުލިބިގަންނާނެއެވެ.
ވަކީލް ކުރުމަށާއި މިންވަރަށް އީމާންވުމަށް އަދި ކެތްތެރިވާން މަސައްކަތްކުރަން ދީނުގައި އެހައި ބޮޑަށް ބާރު އަޅުއްވަވާފައިވަނީ މިފަދަ ސަބަބުތަކަށްޓަކއެވެ. ސައިންސްވެރިންގެ ހޯދުންތަކުން އެނގެމުން މިއަންނަނީ އެކަންކަމުން ދުނިޔޭގައިވެސް ކުރާ ފައިޑާގެ ބޮޑުކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން