ކައިވެނި ނުކުރެވިގެން ނުވަތަ ވަޒިފާއެއް ނުލިބިގެން ނުވަތަ އެނޫންވެސް ދުނިޔަވީ ބޭނުމެއް ޙާޞިލުކުރަން އަޅުކަންކުރަން ފެށުން- ވިސްނާލަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ކައިވެނި ނުކުރެވިގެން ނުވަތަ ވަޒިފާއެއް ނުލިބިގެން ނުވަތަ އެނޫންވެސް ދުނިޔަވީ ބޭނުމެއް ޙާޞިލުކުރަން އަޅުކަންކުރަން ފެށުން- ވިސްނާލަންޖެހޭ ކަމެއް!

ދުނިޔެއިން ކަމެއް ޙާޞިލުކުރުމުގެ ބޭނުމުގަ އަޅުކަންކުރަން ފެށުމަކީ ކޮންކަހަލަ ކަމެއްތޯ؟

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.  

އަހަރެން ދެކޭ ގޮތުގައި ﷲ ތައާލާއަށް އުރެދި އަޅުކަން ނުކޮށް ހުރެފައި ވަކިކަމެއް ޙާޞިލުކުރަން ބޭނުންވުމުން އަޅުކަންކުރަން ފެށުމަކީ ﷲ ތަޢާލާއަށް އަޅުކަންކުރާހިތުން އަޅުކަން ކުރަން ފެށުން ކަމަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. އެހެނީ ﷲ ތައާލާއަށް އަޅުކަންކުރުމަކީ ﷲ ތައާލާއަށް ލޯބިވެ، އަދި ބިރުވެތިވެގެން ކުރަން ޖެހޭ ކަމެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް ބޭނުންވުމުން ކުރަން ޖެހޭނެ ކަމެއް ނޫނެވެ. 

"ލޯބިވެރިޔާ ބޭނުންވެގެން، ތަނަވަސްކަން ބޭނުންވެގެން ނުވަތަ އެނޫންވެސް ކަމަކަށް ބޭނުންވެގެން އަޅުކަން ކުރަން ފަށާ މީހާއަށް ގާތީ ކާމިޔާބުނުވުން" ކަމަށް މިބުނަނީ އެހެންވެގެންނެވެ. 

ވިސްނައިލަންވީ ކޮންމެ ފަދަ ވަގުތަކު ކޮންމެ ފަދަ މުޞީބާތެއް ނުވަތަ ތަކްލީފެއްވެސް ކުރިމަތިވެދާނެ ކަމަށެވެ. އެހެންކަމުން އަބަދުވެސް ހުންނަންވީ ދުޢާ ކުރަން ދެ އަތް އުފުލައި ލެވޭނެ ޙާލަތުގައެވެ. 

ދެއަތުގައި ބަރު ޗޭނެއް ޖަހައިގެން ހުރެ ދެއަތް އުފުލަން އުޅުނު ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. ދެއަތް ފަސޭހަކަމާއިއެކު އުފުލައިލެވޭނީ ދެއަތް މިނިވަންކޮށް އޮވެގެންނެވެ. އެއީ ﷲ ތައާލާ އެންގެވި ގޮތުގައި ދިރިއުޅެމުންގެންދިއުމެވެ. އަޅުކަން ކުރުން މަތީގައި ސާބިތުވެ ހުރުމެވެ. 

ބައެއް މީހުން އަޅުކަން ކުރަން ފަށަނީވެސް ﷲ ތަޢާލާގެ ޙަޟްރަތުން ކަމަށް ބޭނުންވުމުންނެވެ. މިސާލަކަށް ވަޒީފާއެއް ލިބުން، ލޯބިވެރިޔާ އާއި ކައިވެނިކުރެވުން ނުވަތަ ބަލިމަޑުކަމަކާއި ކުރިމަތިލާން ޖެހުމުން، މާލީ ދަތިކަމެއް ކުރިމަތިވުން ފަދަ ކަމަކުން އަރައިގަތުމަށެވެ. 

ނަމަވެސް އެއީ އެއްވެސް ޙާލެއްގައި މުސްލިމުންނަށް އަމަލުކުރަން އޮތް ގޮތެއް ނޫނެވެ. އެހެނީ އެއިރުން ﷲ ތައާލާ މީސްތަކުން ދުނިޔެއަށް ފޮނުއްވެވި މަޤްޞަދު ގެއްލިގެން އެބަދެއެވެ. އެހެނީ ﷲ ތައާލާގެ ވަޙީ ބަސްފުޅުގައި ވަނީ މިފަދައިންނެވެ. "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ." (އައްޛާރިޔަ: 56) 

ވީމާ ﷲ ތައާލާޢަށް އަޅުކަންކުރަން ދުނިޔެއަށް ފޮނުއްވެވި ބައަކު ﷲ ތަޢާލާގެ އަމުރުފުޅު ދޫކޮށްލައި ބޮޑާވެ އެކަން ނުކޮށް ތިބެފައި ތިމާއަށް ބޭނުމެއް ޖެހުމުން ހަމަ ކުއްލިއަކަށް އަޅުކަން ކުރަން ފެށީމާ އެވަނީ ކިހިނަކުން ހެއްޔެވެ؟ އަމިއްލަ ސިކުނޑިން ވިސްނައިލުމަށްފަހު ނިކަން ބުނެބަލާށެވެ! 

މީސްތަކުންނޭވެ! ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން އެކަލާނގެއަށް ދުޢާ ކުރާ އަޅުތަކުންގެ ދުޢާ ކޮންމެ ވަގުތަކުވެސް ޢިޖާބަ ކުރައްވަވަތެވެ! އެހެންނަމަވެސް އަހަރެމެން ވިސްނަން ޖެހޭނީ ކުރިން ކުރަން އޮތް ކަމެއް އެންމެ ފުރަތަމަ ކުރުމަށެވެ. އެކަން ކުރެވޭނީ ﷲ ތައާލާ އަހަރެމެން ދުނިޔެއަށް ފޮނުއްވެވި މަޤްޞަދު މަތީގައި ސާބިތުވެގެންނެވެ. ކުރިން ބަޔާންކުރި އާޔަތުގައިވާ ފަދައިން ﷲ ތަޢާލާއަށް އަޅުކަންކުރުމުގައި ސާބިތުވެ ދެމިތިބެގެންނެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މުސްލިމުންނަށް އޮތީ މިއާޔަތުގައިވާ ފަދައިން އަބަދުވެސް ﷲ ތަޢާލާއަށް އަޅުކަންކުރުންމަތީގައި ދެމިތިބުމެވެ. އެފަދައިން ތިއްބައި ތިމާމެންނަށް ކަމަކަށް ބޭނުންވުމުން އަޅުކަންކުރުން އިތުރުކުރުމާއި އިސްތިޣްފާރުކުރުން ފަދަ ކަންކަމުގައި ހޭދަކުރާ ވަގުތު ގިނަކުރުމެވެ. އެފަދައިން ޢަމަލުކުރާ މީހުންގެ ދުޢާ ﷲ ތައާލާ ޢިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން