ނަރަކައިން ކާންބޯން ލިބޭނެ ތަކެއްޗާއިމެދު ވިސްނައިލަމުހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ނަރަކައިން ކާންބޯން ލިބޭނެ ތަކެއްޗާއިމެދު ވިސްނައިލަމުހެއްޔެވެ؟

މިރޭގެ ދަރުސް ފަށަމުން ކުޑަކުޑަ ކަމެއްގެ ގޮތުގައި ދެކޭ ވަރަށް ބޮޑު ކަމެއް ފާހަގަކޮށްލާނަމެވެ.  

މިހާރަކަށް އައިސް ގޭބިސީތަކުން އެންމެ ގިނައިން އިވޭ އެއްއަޑަކީ އޯޑަރުކުރި ކޮންމެވެސް ކާއެއްޗެއް ލަސްވެގެން އުޅޭއަޑެވެ. ގިނަ ބައަކު ކަންބޮޑުވަނީ ގޭގައި ކާނެ ބޯނެ އެއްޗެއް ނެތިގެނެއް ނޫނެވެ. އެފަހަރަކު ކާންބޭނުންވާ ބާވަތް ނުލިބިގެންނެވެ.  

ސުވާލަކީ ނަމާދުވަގުތުތައް ޖެހި ފާއިތުވަމުންދާއިރު ނަމާދުނުކުރެވިގެން ކަންބޮޑުވެވޭހެއްޔެވެ؟ އެކަމުގެ ވާހަކަ ދެކެވޭ ހެއްޔެވެ؟ ފަރުޟު 5 ނަމާދު އެނަމާދުތަކުގެ ވަޤުތުތަކުގައި އަދާކުރަން ސަމާލުކަން ދެވޭހެއްޔެވެ؟  

ވިސްނައިލާށެވެ! އަހަރެމެން ކޮންމެ މީހަކީ ވެސް މަރުވާނެ މީހެކެވެ. މަރުގެ މަލާއިކަތާ މަރު ހިއްޕަވަން ވަޑައިގެން ލޮލަށް ފެންނަ ހިސާބުން ތައުބާގެ ދޮރު ބަންދުވެއެވެ. ﷲ ތަޢާލާގެ ރަޙްމަތަށް އެދި މަސައްކަތްކުރުމުގެ ފުރުޞަތު ގެއްލިގެންދެއެވެ. އެ ފުރުޞަތު އޮތީ ދުނިޔޭގައި ހުންނައިރު އެކަންޏެވެ. މަރުހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތާ އެމީހާގެ ލޮލަށް ފެނުމުގެކުރިންނެވެ.  އެހެންކަމުން ކައްވަޅަށް ގެންދަން ލިބެނީ ދުނިޔޭގައި ސަލާމަތުން ހުރެ އެމީހަކު ހޯދި އެއްޗެކެވެ.  

ނަރަކައިގައި ތިބޭއިރު އިންތިހާއަށް ބަނޑުހައިވެއެވެ. އިންތިހާއަށް ކަރު ހިއްކައެވެ. ބޯންލިބޭތަކެތި މޫނާއި ކައިރިކޮށްލުމުން އެއިގެ ހޫނުން މޫނު ފޮޅިގެން ދެއެވެ. ބޯން ލިބެނީ ނަރަކައިގެ އަހުލުވެރިންގެ ގައިން ފައިބާ ހޫނު ކުނި ފާދިޔައެވެ. ކާން ލިބެނީ ކަށިތަކުން ފުރިގެންވާ ޒައްޤުމެވެ. ކަރުން އެތެރެވުމާއިއެކު ގޮހޮރު ފޫއަޅައި ނުކުމެގެންދެއެވެ. އެތެރެހަށި އެކުގައި ވިރިގެންދެއެވެ. ކުރިއަށްވުރެ އެތައް ގުނައަކަށް ހައިހޫނުކަން ބޮޑުވެގެން ދެއެވެ. 

މީސްތަކުންނޭވެ! މިހިރީ ދުނިޔޭގައި ތިބެ ވިސްނަން ޖެހޭނެ ކަންކަމެވެ. ކަންބޮޑުވާންވީ ކާން ބޭނުންވާ ބާވަތް މިއަދު ނުލިބިގެން ނުވަތަ ލިބުން ލަސްވެގެނެއް ނޫނެވެ. ކަންބޮޑުވާންވީ އީމާންކަމާއި ﷲ ތަޢާލާގެ ރަޙްމަތާއި ނުލައި މަރުވާން ޖެހިދާނެ ކަމަށްޓަކައެވެ. 

ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވެއްޖެ މީހާ ވާނީ އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގޭގައެވެ. މޭވާތަކާއި އެމީހަކު ހިތަސް އެރުވި ކޮންމެ އެއްޗެއް ކާންބޯން ލިބޭނެ ސުވަރުގޭގައެވެ. ވީމާ ގަދައަޅައި މަސައްކަތްކުރަންވީ ނިޢްމަތްތަކުން ފުރިގެންވާ ސުވަރުގެ ޙާޞިލުކުރުމަށެވެ!  

ހަމަޤައިމުވެސް ނަރަކައަށް ވަންނަން ޖެހިއްޖެނަމަ ކާނެ ބޯނެ އެއްވެސް އެއްޗަކަށް އޯޑަރެއް ނުކުރެވޭނެއެވެ. ނަރައިކްން ކާން ބޯން ލިބޭނެ ތަކެތި ޤުރްއާނުން އެނގެން އެބައޮތެވެ. ނަމަވެސް ސުވަރުގެ ވަދެވިއްޖެނަމަ ގުޅައި އޯޑަރުކުރާކަށްވެސް ނުޖެހޭނެއެވެ. ބޭނުންވާ ކޮންމެ އެއްޗެއްވެސް ހަމަ ހިތަށް އަރުވައިލުމުން ވަގުތުން ލިބޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން