ބައިވެރިޔާއަށް ކުރެވޭ ކުށަކަށް މާފުކޮށްފައި އެވާހަކަ ކިތަންމެ އިތުބާރުކުރެވޭ މީހެއްގެ ގާތުގައިވެސް ދައްކައިފިނަމަ ލިބޭނެ ދެރަ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ބައިވެރިޔާއަށް ކުރެވޭ ކުށަކަށް މާފުކޮށްފައި އެވާހަކަ ކިތަންމެ އިތުބާރުކުރެވޭ މީހެއްގެ ގާތުގައިވެސް ދައްކައިފިނަމަ ލިބޭނެ ދެރަ މާބޮޑުވާނެ!

މިރޭ މިފަށަނީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކު އެކަމަކަށް ސަމާލުކަންދީ އިޞްލާޙްކުރަންޖެހިފައިވާ ވަރަށް މުހިންމު ކަމެއްގެ ވާހަކައިންނެވެ. އެއީ ޙަޔާތުގެ ބައިވެރިޔާއަށް  ކުރެވުނު ކަމަކާއި ގުޅިގެން އޭނާއަށް މާފުކުރުމަށްފަހު އެކަމުގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުދެއްކުމުގެ މުހިންމުކަމެވެ.  

މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭކަމެކެވެ. ބައެއް މީހުން އެމީހުންގެ ބައިވެރިޔާޢަށް ކުށެއް ކުރެވިއްޖެނަމަ މާފުކުރުމަށްފަހު އެކަމުގެ ވާހަކަ މީހުންގެ ގާތުގައި އެބަދައްކައެވެ. ކިތަންމެ އިތުބާރުކުރެވޭ މީހުންގެ ގާތުގައި ނަމަވެސް އެފަދަ ވާހަކައެއް ދައްކައިފިނަމަ ގިނަ ފަހަރު އޮންނަނީ އެކަން ބޭޒާރުވެފައެވެ.

ބޭޒާރުވާ ވަގުތަކީ އެކަން ރައްދުވާ މީހާ އިންތިހާއަށް ދެރަވެ އަދި ރުޅިގަދަވާނެ ވަގުތެކެވެ. ސަބަބަކީ އެއްވެސް މީހަކީ އެމީހަކަށް ކުރެވޭ ކުށް އިތުރު އެއްވެސް މީހަކަށް އެނގެން ބޭނުންވާނެ މީހެއް ނޫނެވެ. ޚުދު ތިމާވެސް އެކަމަކަށް ނުއެދޭނެއެވެ. ތިމާގެ އެފަދަ ކަމެއްގެ ވާހަކަ އެހެން މީހަކަށް އެނގިއްޖެނަމަ ތިމާއަށް ކުރެވޭނެ އިޙްޞާޞްތައް ހިތަށް ގެންނާށެވެ! އެއިރުން މިދެއްކި ވާހަކަތައް ޤަބޫލުކުރެވޭނެއެވެ.  

ހަނދާނުގައި ބަހައްޓާށެވެ! ބައިވެރިޔާގެ އިތުރުންވެސް އެއްވެސް މީހަކަށް މާފުކުރުމަށްފަހު އެކަމުގެ ވާހަކަ އެއްވެސް މީހެއްގެ ގާތު ނުދައްކާށެވެ! އެކަން އެކުގައި ހިތުން ފުހެލާށެވެ! ނޫންނަމަ މާފުކުރުމުން ލިބެން އޮތް ޘަވާބު ނުލިބި ގެއްލިގެން ހިނގައިދާނެ ކަމަށްޓަކައެވެ. ޙަޤީޤީ މާފުކުރުމަކީ އެއީއެވެ! މާނައަކީ މާފުކުރުމަށްފަހު އެކަން ހަނދާން ނައްތައިލަންވާނެއެވެ. ޙަޤީޤީ މާފުކުރުމަކީ އެއީއެވެ.  

ހިތްމައްޗަށް ގެންނާށެވެ! ބޮޑެތި ފާފަތައް ކުރުމަށްފަހުގައިވެސް ތައުބާވުމުން އެމީހެއްގެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވަތެވެ. ތައުބާވެ ތައުބާވުންމަތީގައި ދެމިހުރެއްޖެނަމަ އެމީހަކީ ފާފަނުކުރާ މީހެއްފަދަ މީހެކެވެ.  

އަހަރެމެންވެސް ޢަމަލުކުރަން މަސައްކަތްކުރަންވީ ހަމައެގޮތަށެވެ. މީހަކަށް މާފުކުރުމަށްފަހު އެކަން ހިތުގައި ނުބާއްވާށެވެ! ހިތުގައި ބާއްވާނަމަ ޙަސަދަވެރިކަމަށް ބަދަލުވެގެން ހިނގައިދާނެއެވެ. އެހެންވެއްޖެނަމަ އެއީ ލިބިގެންދާނެ މާބޮޑު ދެރައެކެވެ. އެހެނީ ހިތްތައް ޠޯހިރުކުރަން ކުރަންޖެހޭ ފުރަތަމަ ކަމަކީ ޙަސަދަވެރިކަމުން ހިތް ސަލާމަތްކުރުމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން