ނަބިއްޔުންނާއި ރަސޫލުން- 1

ކިޔުމަށް ހޭދަވާނީ 6މ 43ސ
ނަބިއްޔުންނާއި ރަސޫލުން- 1

ޢަލީ އިޙްޞާން ފިރާޤް

 

ނަބީ ނެގިފައިވަނީ ނަބަޢު މިބަހުންނެވެ. މީގެ މާނައަކީ ޚަބަރު ނުވަތަ މަޢުލޫމާތެވެ. އެހެންކަމުން ނަބިއްޔުންނަކީ އަރަހުށި މާތްﷲ ގެ ޙަޟްރަތުން ޚާއްޞަ ޚަބަރުތަކެއް ނުވަތަ މަޢުލޫމާތުތަކެއް ލިބިވަޑައިގަންނަވާ ބޭކަލުންނެވެ. މި މަޢުލޫމާތު ނުވަތަ ޚަބަރު އެބޭކަލުންނަށް ލިބިވަޑައިގަންނަވަނީ ވަޙީގެ ޒަރިއްޔާއިންނެވެ. 

ޢަރަބިބަހުގައި ރަސޫލު އޭ ކިޔެނީ މެސެޖު އުފުލައި އަމާނާތްތެރިކަމާއެކު އެ މެސެޖު ރައްދުކޮށްދޭ މީހާއަށެވެ. އެހެންކަމުން ރަސޫލުބޭކަލުންނަކީ މީސްތަކުންނަށް ތެދުމަގު ބަޔާންކޮށް ދެއްވުމަށްޓަކައި މާތްﷲ ގެ ޙަޟްރަތުން ރިސާލަތު ލިބިވަޑައިގަންނަވާ ބޭކަލުންނެވެ. މި މެސެޖު ނުވަތަ ރިސާލަތު އެބޭކަލުންނަށް ލިބިވަޑައިގަންނަވަނީ ވަޙީގެ ޒަރިއްޔާއިންނެވެ. 

އަރަހުށި މާތްﷲ ގެ ޙަޟްރަތުން ނަބިއްޔުންނާއި ރަސޫލުންނަށް ލިބިވަޑައިގަންނަވާ ޢިލްމަށް ވަޙީ އޭ ކިޔައެވެ. މައިގަނޑު ގޮތެއްގެ ނަބިއްޔުންނާއި ރަސޫލުންނަށް ވަޙީ އަންނަނީ ތިންގޮތަކަށެވެ. އެ ގޮތްތަކުގެ ވާހަކަ ޝޫރާ ސޫރަތުގެ 51 ވަނަ އާޔަތުގައި އަރަހުށި މާތްﷲ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

۞ وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ اللَّهُ إِلَّا وَحْيًا أَوْ مِن وَرَاءِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِيَ بِإِذْنِهِ مَا يَشَاءُ ۚ إِنَّهُ عَلِيٌّ حَكِيمٌ ﴿٥١﴾‏

وحى އަކުން (އެބަހީ: إلهام އަކުން، ނުވަތަ ހުވަފެނަކުން) ނުވަތަ ފަރުދާއެއްގެ އަނެއްފަރާތުން، ނުވަތަ ملائكة އަކު ފޮނުއްވައި، އެކަލާނގެ إذن ފުޅާއެކު، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް وحى ކުރެއްވުމުންމެނުވީ، އެއްވެސް آدم ގެދަރިޔަކަށް اللَّه ބަސް وحى ކުރެއްވުމެއް ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މަތިވެރިވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. 

ރަސޫލުންގެ ތެރެއިން ބައެއްބޭކަލުންނަށް އަރަހުށި މާތްﷲ އެއްވެސް މެދުވެރިއަކާ ނުލައި ބަސްވަޙީ ކުރެއްވިއެވެ. އޭގެ ތެރޭގައި ބަނީއިސްރާއީލުންގެ ގާތަށް ފޮނުއްވުނު ސަލާމްލެއްވު މޫސާގެފާނު ހިމެނިވަޑައިގަންނަވައެވެ. އެވާހަކަ ބަޔާން ކުރައްވަމުން ނިސާ ސޫރަތުގެ 164ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

وَرُسُلًا قَدْ قَصَصْنَاهُمْ عَلَيْكَ مِن قَبْلُ وَرُسُلًا لَّمْ نَقْصُصْهُمْ عَلَيْكَ ۚ وَكَلَّمَ اللَّهُ مُوسَىٰ تَكْلِيمًا ﴿١٦٤﴾

ކުރިން އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވާފައިވާ رسول ންނާއި، ކަލޭގެފާނަށް އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކިޔައިދެއްވާފައިނުވާ رسول ން، ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. މެދުވެރިއެއްނެތި موسى ގެފާނަށް اللَّه ބަސް وحى ކުރެއްވިއެވެ. 

ރަސޫލުންނާއި ނަބިއްޔުންގެ ވަރަށް ގިނަ އެއްގޮތްކަންތައްތަކެއް ހުރެއެވެ. އެގޮތުން އެބޭކަލުންނަށް ވަޙީ ބާވައިލައްވައެވެ. އެދެބައިގައި ހިމެނޭބޭކަލުންގެވެސް މަޤުޞަދަކީ އެއް މަޤުޞަދެކެވެ. އެއީ މީސްތަކުންނަށް މާތްﷲ ގެ ހިދާޔަތު ބަޔާންކޮށްދެއްވުމެއެވެ. އެކަލާނގެ ދީން  މީސްތަކުންނަށް އުނގައްނަވައިދެއްވުމެވެ. އެބޭކަލުންގެ ހުންނަ އަޚުލާޤީ ސިފަތައްވެސް އެއްގޮތެވެ. 

ކަން މިހެން ހުރުމާއެކުގައިވެސް ރަސޫލުންނާއި ނަބިއްޔުންނަކީ ތަފާތު ބައެކެވެ. ޚުދު އަރަހުށި މާތްﷲ އެބޭކަލުންނަށް މުޚާޠަބު ކުރައްވައިފައިވަނީ ވަކިވަކީންނެވެ. އެއް އާޔަތެއްގައި ރަސޫލުންނާއި ނަބީބޭލުންގެ ވާހަކަ ގެންނަވައިފައިވަނީ އެބޭކަލުންގެ މެދުގައި ފަރަގެއް ވާކަމުގެ މޭރުން ދޭހަވާ ގޮތަކަށެވެ. ޙައްޖު ސޫރަތުގެ 22 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. 

وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلَا نَبِيٍّ إِلَّا إِذَا تَمَنَّىٰ أَلْقَى الشَّيْطَانُ فِي أُمْنِيَّتِهِ فَيَنسَخُ اللَّهُ مَا يُلْقِي الشَّيْطَانُ ثُمَّ يُحْكِمُ اللَّهُ آيَاتِهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ ﴿٥٢﴾‏

އެބޭކަލަކު ކިޔަވައިވިދާޅުވެއްޖެހިނދު، އެބޭކަލެއްގެ ކިޔަވައި ވިދާޅުވުމުގެ ތެރެޔަށް، شيطان އާ، އޭނާގެ ވަސްވާސްތެރިކަން ވައްދާފައިވާ ބޭކަލަކު މެނުވީ، ކަލޭގެފާނުގެކުރިން އެއްވެސް رسول އަކު، އަދި ނަބިއްޔަކުވެސް، ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، اللَّه، شيطان އާ ވައްދާ ވަސްވާސްތެރިކަން ނެތިކުރައްވަތެވެ. ދެން اللَّه، އެކަލާނގެ آية ތައް ثابت ކޮށްދެއްވަތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ. 

ރަސޫލުބޭކަލުންނަކީ އަރަހުށި މާތްﷲ ގެ ޙަޟްރަތުން އާ ރިސާލަތެއް ލިބިވަޑައިގަންނަވާ ބޭކަލުންނެވެ. ނަބީބޭކަލުންނަކީ އެބޭކަލުންގެ ކުރީން ފޮނުއްވުނު ރަސޫލުންގެ ރިސާލަތު ބަޔާންކޮށްދެއްވުމަށް ފޮނުއްވާ ބައެކެވެ. އެހެންކަމުން ކޮންމެ ރަސޫލަކީ ނަބިއްޔެކެވެ. އެހެނީ އެ ރަސޫލާ އެބޭކަލަކަށް ލިބިވަޑައިގަންނަވާ ރިސާލަތު ނަބީބޭލުން ފަދައިން މީސްތަކުންނަށް ބަޔާންކޮށްދެއްވައެވެ. ނަމަވެސް ކޮންމެ ނަބިއްޔަކީ ރަސޫލެއްނޫނެވެ. އެހެނީ ނަބީބޭކަލުންނަށް އާ ރިސާލަތެއް ލިބިވަޑައިނުގަންނަވާތީއެވެ. 

- އަދި ނުނިމޭ

 

މިއަދު އޮންލައިން