ވިސްނާލަން ޖެހޭ ކަމެއް!: ބުއްދިވެރިޔަކީ ކާކުތޯ؟ މިއީ ބުއްދިވެރިއެއްބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ވިސްނާލަން ޖެހޭ ކަމެއް!: ބުއްދިވެރިޔަކީ ކާކުތޯ؟ މިއީ ބުއްދިވެރިއެއްބާ؟

މައްޝޫރު ތިއޮރިޓިކަލް ފިޒިސިސްޓެއް ކަމުގައިވާ ސްޓީވަން ހޯކިންގްސް އާ ކުރެވުނު އިންޓަވިއު އެއްގައި އޭނަ ބުނެފައިވަނީ ސުވަރުގެ ނުވަތަ މަރުވުމަށްފަހު އަންނަ ޙަޔާތެއް އެއީ ނުވާ އެއްޗެއް ކަމުގައި. އަދި އެއީ ކުށް ޚިޔާލީ ވާހަކަތަކެއް ކަމުގަ.  

އާދެ! އޭނާއަށް ލިބިފައިވާ ބުއްދިއާއި ޢިލްމުގެ ސަބަބުން އޭނާއެކޭ ޖާހިލިއްޔަ ޒަމާނުގަ ޢަރަބިންގެ ތެރޭގަ އުޅުނު ތަނެއްދޮރެއް ނުދަންނަ މުޝްރިކެކޭ އެއްވެސް ތަފާތެއް ނެތް.  

ސްޓީވަން ހޯކިންގްސް އަށް ލިބިފައިވާ ބުއްދީގެ ސަބަބުން އޭނާ ޖާހިލިއްޔަ ޒަމާނުގެ ކާފިރުންނަށްވުރެ ވިސްނުމާ ތޫނުފިލިކަމުގެ ގޮތުން ހަމަ އެންމެ ތަންފުކެއްވެސް މައްޗަކަށް ނުޖެހުނު. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކާފިރުންނާ ބެހޭގޮތުން ވަޙީ ކުރައްވަނީ އެބައިމީހުންނަށް ކަމުގެ ޙަޤީގަތް އެނގޭ ދުވަހު އެބައިމީހުން ބުނާނެ ކަމުގައި -- " ކާފަރުން އެދުވަހު ބުނާނެކަމުގަ، އަހަރެމެންނަކީ އަޑުއަހާ އަދި ބުއްދީގެ ބޭނުން ކޮށްއުޅުނު ބަޔަކު ކަމުގައި ވީނަމަ ނަރަކަވަންތަވެރިންގެ ގޮތުގަ މިއަދު ވާކަށް ނުޖެހުނީހެވެ." އެދުވަހުން އެބައިމީހުންގެ އަމިއްލަ ދޫތަކުން އެއްބަސްވާނެ އެބައިމީހުންނަކީ ބުއްދީގެ ބޭނުންކޮށްއުޅުނު ބައެއް ނޫންކަމަށް. ނަރަކަ ބަލަހައްޓަވާ މަލާއިކަތް ބޭކަލުން އެދުވަހުން ކާފަރުންނާ ސުވާލުކުރުމުން، ކާފަރުން އެއްބަސްވާނެ އެބައިމީހުންނަކީ ވިސްނާ ފިކުރުކޮށްއުޅުނު ބައެއް ނޫންކަމަށް.

އާދެ، ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް މި ބުއްދީގެ ނިޢުމަތް ދެއްވީ އޭގެ ބޭނުން ހެޔޮގޮތުގައި ހިފާ ވިސްނާ ފިކުރު ކުރުމަށް. އެކަލާންގެ ވަޙީކުރައްވަނީ --- " ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަބައިމީހުންގެ މައިންގެ ބަނޑުތަކުން ތިޔަބައިމީހުން ނެރުއްވީ އެއްވެސް އެއްޗެއް ނޭންގޭ ޙާލުގައެވެ." -- " އަދި އެއަށްފަހު ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ބުއްދީގެ ނިޢުމަތް އެކަލާންގެ ދެއްވީ ތިޔަބައިމީހުން ޝުކުރުވެރި ވުމަށްޓަކައެވެ."  ޝުކުރުވެރި ވުމަށްޓަކާ އެކަލާންގެ އެންގެވިގޮތަށް މި ޙަޔާތް ވޭތުކުރަންވީ. އިވުމާއި ފެނުމުގެ ނިޢުމަތް ބޭނުންކޮށްގެން މަޢުލޫމާތުތައް ހޯދާ، އަދި ބުއްދީގެ ނިޢުމަތް ބޭނުންކޮށްގެން އެ މަޢުލޫމާތުތަކާ ދޭތެރޭ ވިސްނާ ފިކުރު ކުރާ މީހަކަށް ޔަޤިންވެގެންދާނެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެންގެވިގޮތަށް މި ޙަޔާތް ވޭތުކޮށްގެން ނޫނީ މިޙަޔާތާ ވަކިވުމަށްފަހުގައި އެމީހަކަށް ކާމިޔާބެއް ނުލިބޭނެކަން. 

އާދެ، އެހެންކަމުން ޙަޤީގީ ބުއްދިވެރިންނަކީ ކޮބައިކަން ބަޔާންކުރައްވަމުން އަމީރުލް މުޢުމިނީން ޢުމަރު ބުނުލް ޙައްޠާބު ރަޟިޔަﷲ ޢަންހު ވިދާޅުވަނީ -- " ޙަޤީގީ ބުއްދިވެރިއަކީ އޭނަގެ ހަވާ ނަފްސުގެ މައްޗަށް ގަދަވެގަނެ އަދި ދުނިޔޭގެ ޙަޔާތާ ވަކިވުމަށްފަހު އަންނަން އޮތް ދުވަހަށްޓަކާ ތައްޔާރުވާ މީހާއެވެ. --- "އަދި ނުކުޅެދުންތެރިއަކީ އޭނަގެ ހަވާ ނަފްސު އެދޭހާ ކަމެއް ކުރުމަށްފަހު ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތައް ބޮލާލާ ޖެހުމަށްފަހު، އެކަލާންގެ ނަޙީ ކުރެއްވިހާ ކަމަކަށް އަރައިގަތުމަށްފަހު، އެކަލާންގެ ޙަޒްރަތުން ރަނގަޅު ޢަޖުރެއް ލިބޭނެކަމަށް އުއްމީދުކުރާ މީހާއެވެ. 

- ޝައިޚް މުޙައްމަދު ޣާލިބް 

ދަރުސްގެ ވީޑިއޯ:

 

 

މިއަދު އޮންލައިން