ކުޅިވަރު ކުޅުނު ނަމަވެސް ނަމާދު ވަގުތުތަކަށް އިޙްތިރާމް ކުރަން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ގޮވާލައްވައިފިއެވެ.
ޑރ. އިޔާޟް ވިދާޅުވީ ކުޅިވަރު ކުޅުމަކީ ކުރަން ވަރަށް ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް ކުޅިވަރު ކުޅުނު ނަމަވެސް ނަމާދު ވަގުތުތަކަށް އިޙްތިރާމް ކުރަންވާނެ ކަމަށެވެ.
މިއީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެއްގެ ގޮތުގައި ގިނަ ބައަކު ފާހަގަކުރަމުން އަންނަ ކަމެކެވެ. ތަފާތު ކުޅިވަރުތައް އިންތިޒާމްކުރާއިރު ނަމާދު ވަގުތުތަކަށް ނުބަލައި އިންތިޒާމް ކުރާތީ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
ޚާއްޞަކޮށް ދެނަމާދު ދޭތެރެއަށް (މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ވަގުތާއި ދެމެދަށް) ކުޅިވަރުތަކާއި ކުޅިވަރުތަކާއި ކުޅިވަރުތައް އިންތިޡާމް ކޮށް ހަރަކާތްތައް ހިންގާތީ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އެހެންކަމާއިއެކުވެސް ދެނަމާދު ދޭތެރޭގައި ކުޅިވަރު ދަނޑުތަކަށް ކުޑަކުދިން ގެންދުވައިގެން ކުޅިވަރުގެ ތަފާތު ޙަރަކާތްތައް ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ.
އުމުރުން ކިތަންމެ ހަގު ނަމަވެސް ނަމާދަށް ސަމާލުކަންދޭން ޖެހެއެވެ. 7 އަހަރުވުމުން ނަމާދުކުރުވަން ފަށަން ޖެހެއެވެ. 10 އަހަރުވުމުން ނަމާދު ނުކުރާނަމަ ހަށިގަނޑަށް ޖިސްމާނީ އަނިޔާ ނުލިބޭނެ ގޮތަށް އަދަބުދީގެންވެސް ނަމާދުކުރުވަން ޖެހެއެވެ. ނުކުރުވައިފިނަމަ މައިން ބަފައިން އެކަމުގެ ޒިންމާ އުފުލަން ޖެހެއެވެ.
ކަންކަން މިހެން ހުރި ނަމަވެސް ރާއްޖޭގެ ބޮޑެތި ސްކޫލުތަކަށް ދެ ނަމާދު ދޭތެރޭގައި ކުދިން ކެންދުވައިގެން ކެޑޭޓް ޙަރަކާތްތައް ކުރިއަށް ގެންދިއުމަކީ ޢާންމު ކަމެކެވެ. ޢިޝާ ނަމާދު ނުކުރެވޭ ގޮތަށް 7.45 އަށް ކުދިން ސްކޫލުތަކަސް ގެންދުވައިގެންވެސް ކެޑޭޓާއި އެހެން ހަރަކާތްތައްވެސް ދަނީ ހިންގަމުންނެވެ.
އިސްލާމް ދީން މަތިވެރިކުރަން ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުދިން ނަމާދުކުރަން ޝައުޤްވެރިކުރުވުމެވެ. ނަމާދު ވަގުތު ޖެހުމުން ނަމާދުކުރުމަށް ވުރެ މުހިންމު ކަމެއް ނެތްކަން ކުދިންނަށް އަންގައިދީ އެގޮތުގައި ތަރުބިއްޔަތު ކުރުމެވެ. ނަމާދު ކުރާ ޖީލެއް އުފެއްދޭނީ މިއަދުގެ ކުޑަކުދިން އެގޮތުގައި ތަރުބިއްޔަތުކޮށްގެންނެވެ.
ނަމާދަށް ފަރުވާކުޑަކުރާ ބެލެނިވެރިންތަކެއް މިއަދު އުފެދިފައި މިވަނީ އެމީހުން ކުޑައިރު އެ ތަރުބިއްޔަތު ނުދިނުމުންނެވެ. ވީމާ މިހިސާބުންވެސް މިކަންކަން އިޞްލާޙު ނުކުރެވޭނަމަ އިސްލާމީ ތަރުބިއްޔަތާއި އިސްލާމް ދީން ކުރިއަރުވާ ވާހަކަ ކިތަންމެ ގިނައިން ދެއްކި ނަމަވެސް މަޤްޞަދު ޙާޞިލުކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ.