އަންހެނަކަށް ހަނދާންނެތި އިސްތާކީނަށް ނުއަރައި ފަރުޟު ނަމާދެއް ކުރެވުނީއެވެ. އަދި އެކަން ހަނދާންވީ ވިއްދައިގެން ރަވާތިބް ސުންނަތްވެސް ކުރެވުނު ފަހުންނެވެ. އެޙާލަތުގައި އޭނާއަށް އޮތީ އިސްޓާކީނަށް އަރައިގެން އަލުން ނަމާދު ކުރުމެވެ.
އޭނާއަށް އެކަންކުރެވުނީ ޤަޞްދުގައި ކަމަށް ނުވުމުން ފާފަވެރިއެއް ނުވާނެއެވެ. ނަމަވެސް ﷲ ތަޢާލާއަކީ ދީލަތިވަންތަ ކަލާނގެކަމަށާއި ނިވާކުރަން ޖެހޭ މިންވަރަށް ނިވާނުވެ ނަމާދުކުރިޔަސް ޤަބޫލުފުޅު ކުރައްވަވާނެ ކަމަށް ހީކޮށްގެން ނަމާދުކުރުމަކީ ކުރަން ހެޔޮވާނެ ކަމެއް ނޫނެވެ. ނަމާދުކުރަން ޖެހޭނީ އަންގަވާފައިވާ ވަރަށް ނިވާވެ ތިބެގެންނެވެ.
އަދި އެއްވާހަކަ ބުނެލާނަމެވެ. މިސްކިތަށް އެރޭއިރު ބަންދިދީފައިވާނަމަ މަސްޖިދު ސުންނަތް ނުކޮށް ރަވާތިބް ސުންނަތް ކުރާށެވެ. މަސްޖިދު ސުންނަތް ކުރަންވާނީ ކުރިއަށް އެރުނު ނަމައެވެ. ބަންގީގެ ކުރިން މަސްޖިދު ސުންނަތް ކުރާނެ ވަޤުތު ނެތްނަމަ ބަންގިއަށް އިންތިޒާރުކުރާށެވެ! ބަންގިގޮވީމާ ދުޢާކިޔައި ރަވާތިބް ސުންނަތް ކުރަން ހިތުން ނިޔަތްގަންއިރު މަސްޖިދު ސުންނަތާއި ވުޟޫގެ 2 ރަކްޢަތުގެ ޘަވާބުވެސް ދެއްވެވުމަށް އެދިގެން ނިޔަތް ގަންނާށެވެ!
ﷲ ތަޢާލާއީ އިކްލާޞްތެރިކަމާއިއެކު ކުރާ އަޅުކަން ޤަބޫލުފުޅުކުރައްވަވައި ޘަވާބު ދެއްވެވުމުގައި ދީލަތިވަންތަ ރަސްކަލާނގެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން