ފައިދިގުމަކުނުގެ ޙާލަތުގަ ދިރިއުޅޭ މީހުން ގިނަވެއްޖެ! އަމިއްލަ ގެއާ ޢާއިލާތެރޭގަ ބާރުގަދަ މީހާ އެހެން މީހުންނަށް އަނިޔާވެރިވާއިރު ވިސްނާލުން ވަރަށް މުހިންމު ފިލާވަޅެއް!: ޑރ. އާދަމް ޝަމީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
ފައިދިގުމަކުނުގެ ޙާލަތުގަ ދިރިއުޅޭ މީހުން ގިނަވެއްޖެ! އަމިއްލަ ގެއާ ޢާއިލާތެރޭގަ ބާރުގަދަ މީހާ އެހެން މީހުންނަށް އަނިޔާވެރިވާއިރު ވިސްނާލުން ވަރަށް މުހިންމު ފިލާވަޅެއް!: ޑރ. އާދަމް ޝަމީމް

ބާރުގަދަ މީހާ އެހެން މީހުންގެ މައްޗަށް ވެރިވެގަނެ އެހެން މީހުންނަށް ދެރައާއި ގެއްލުންދީ ނިކަމެތިކުރަމުން ގެންދިއުމުގެ މައްސަލަތައް ގިނަވަމުން އަންނަ ކަމުގެ ޝަކުވާއަކީ އެންމެ ގިނައިން ލިބޭ އެއް ޝަކުވާއެވެ. ބައެއް ޢާއިލާތަކުގައިވެސް އަދި ބައެއް ދެމަފިރިންގެ މެދުގައިވެސް މިފަދަ ކަންކަން މެދުވެރިވެ އެތައް ބައަކަށް އެކަމުގެ ގެއްލުން ލިބެމުން އަންނަކަން އެއީ ހިތާމަކުރަންޖެހޭ ކަމެކެވެ. 

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ޢިބްރަތަކަށް ފުދޭނެއެވެ. އިން ޝާ ﷲ 

މަކުނު އެސޮރުގެ ގެ ބިނާކޮށްފައިވާގޮތް: 

މަކުނުގެ ގެ ވަރަށް ނިކަމެތި. އެއީ ކީއްވެގެންތޯ؟ ސަބަބަކީ، އެސޮރުގެ ގެ އެސޮރު ބިނާކުރަނީ އެއްވެސް ކަހަލަ ހަޔާތުގެ އުފާވެރިކަން ލިބޭ އެއްވެސް އަސާސްއެއްގެ މައްޗަކަށް ނޫން. އެސޮރުގެ ގެ ބިނާކުރަނީ ލޯބީގެ މައްޗަކަށް ނޫން. ޤަދަރުގެ މައްޗަކަށް ނޫން. އަޅާލުމާއީ އޯގާތެރިކަމުގެ މައްޗަކަށް ނޫން. އިޙްތިރާމްގެ މައްޗަކަށް ނޫން. އެސޮރުގެ ގެ ބިނާވެފައި އޮންނަނީ އެމީހަކާއެމީހެއް. ބޮޑުއެތި ކުޑައެތި ކާލާގޮތަށް. އަނިޔާވެރިކަން، އަމިއްލަ އެދުމުގެ މައްޗަށް. އެއަށްވުރެ ނިކަމެތި ގެއެއް އޮންނާނެތޯ؟ 

ޢިލްމީ ދިރާސާތަކުން ދައްކާގޮތުގައި މަކުނު އެސޮރުގެ ގެ ހަދާއިރު ބައެއް މަކުނު، ފިރިހެން މަކުނާއި އަންހެން މަކުނު ބައްދަލުވުމަށްފަހު އަންހެން މަކުނު ފިރިހެން މަކުނު މަރާލާފަ އޭތީގެ ކާއެއްޗަކަށް ހަދާލާފަ އެސޮރު ކާލައިގެން ދެން އޭނަ ބިސް އަޅަންދަނީ. ސުބުޙާނަﷲ. ބައްޕަގެ ދުވަސް ދުއްވާލީ ފުރަތަމައިނުންވެސް. އޭނައަށް މިހާރު ބިސްއަޅަން ތައްޔާރު ވެވުނީ، ބައްޕަގެ ބޭނުން ކެނޑުނީ. އެހެންވީމަ ބައްޕަ މަރާލައިފަ، ފިރިމީހާ ކާލައިގެން ދެން ބިސްއަޅަން ވަންނަނީ. މަކުނުގެ ވަރަށް ގިނަ ވައްތަރުތަކުގަ މި އަނިޔާވެރިކަން ވަރަށް ފާޅުގަ ސާފުކޮށް ފެންނަން އެބައޮތް.

މަކުނުގެ ދިރިއުޅުމުގަ ދެން އަންނަ ބަޔަކީ ބިސްއެޅުމަށްފަހުގަ މަންމަ މަކުނު ވަރަށް ގިނަ ފަހަރު މަރުވޭ، ނުވަތަ ދިރި ހުރެއްޖެނަމަ ކުދި މަކުނުތައް ވިހައިގެން ނުކުންނަގޮތަށް މަންމަ ގަޔަށް އަރާ މަންމައަށް ހަމަލާދީ، އެ ކުދި މަކުނުތަކުގެ ކާ އެއްޗެއްކަމުގަ މަންމަ ހަދާލަނީ. އެހެނީ އެސޮރުމެންނަށް ބޭރަށް ގޮސް ކާއެއްޗެހި ހޯދައިގެން ކެއުމުގެ ދަތިކަމާއި ބިރުވެރިކަން އޮންނާނެ. އެހެންވީމަ ކުދި މަކުނުތައް ވިހައިގެން ނުކުންނަގޮތަށް މަންމަ ކާލަނީ. އަދި މަކުނު ބިސްއަޅާފަ އިންނަ އެ ބޮކްސް ނުވަތަ އެ ބޭގް، އެ ދަބަސްތެރޭގަ އެ އެއްޗެހިތައް ވިހައިގެން ނުކުންނައިރު ވަރަށް ބައިބޯ. ވަރަށް ޖާގަ ކުޑަ. ކާ އެއްޗިއްސަށް ވަރަށް ދަތި. އެހެންވީމަ މަންމަ ކާލުމަށްފަހުގަ އެކަތި އަނެކަތި ހަމަލާދީ ކާން ފަށާ. އެގޮތަށްގޮސް ވަރަށް މަދު މަކުނެއް ސަވައިވް ވަނީ، ސަލާމަތް ވަނީ. ހުރިހާ އެއްޗެހި އެކަތި އަނެކަތީގެ އަތުން ހަލާކުވެގެން ދަނީ. ފިރިހެން އަންހެން، އަންހެން ފިރިހެން ކާލަނީ. 

އަނިޔާވެރިކަން، ރަޙުމު ކުޑަ، އެއްވެސް ކަހަލަ ބިނާއެއް ނެތް. އެއްވެސް، އެއްވެސް ކަހަލަ އުފެއްދުމެއް ނެތް ކަހަލަ ރަޙްމެއް ހަމްދަރްދީއެއް ނެތް. އާއިލާއެއް އެ އަސާސްއެއްގެ މައްޗަށް ބިނާވާންޖެހޭ އެއްވެސް އުސޫލެއް އަސާސްއެއް ނެތް މަކުނުގެ ގެއަކު. އެހެންވެ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ --- "އެންމެ ނިކަމެތި ގެއަކީ އަންކަބޫތް ގެ ގެއޭ." އެހާވެސް ނިކަމެތި ގެއެއް އެގެއަކީ. 

ލޮބުވެތި އަޚުން، އަޅުގަނޑުމެން މިއަދު ވިސްނާލާ ފިކުރު ކުރަންވީ މިއަދު އަޅުގަނޑުމެންގެ ގެތަށް ވަނީ  ކޮން ހާލެއްގަތޯ. އަޅުގަނޑުމެންގެ ގެއާ އަންކަބޫތްގެ ގެއާ ވައްތަރުވާ ބައެއް ކަންތައްތް ހުރިތޯ. ހުރެއްޖެނަމަ އަޅުގަނޑުމެންނަކަށް ބާއްޖަވެރި ދިރިއުޅުމެއް، އުފާވެރި ޙަޔާތެއް، ޞާލިހު ގެއެއް ބިނައެއް ނުކުރެވޭނެ.

 

- ޑރ. އާދަމް ޝަމީމްގެ ދަރުސަކުން

 

މިއަދު އޮންލައިން