އޭނަ މިހެންބުނި، އެހެން ބުނި، އެވެނިކަމެއް ކުރި، މިވެނިކަމެއް ކުރި ކިޔައި މީހުންގެ ވާހަކަ ހިފައިގެން ހިނގާ މީހުންނަށް އެކުރެވެނީ ކިހައި ބޮޑު ފާފައެއްކަން ވިސްނޭބާވައެވެ! ނުވިސްނޭނަމަ އަޑުއަހާށެވެ!
އިސްލާމް ދީނަށް ބަލައިފިނަމަ ޣީބަ ބުނުމަކީ ޙަރާމްކަމެކެވެ. ޣީބަބުނުމަށްވެސް ނުބައިކަން ބޮޑު ފާފައެއް ވެއެވެ. އެއީ ނަމީމާއެވެ. ނަމީމާއަކީ މީހަކު ވާހަކައެއް ބުނުމުން އަނެކާގެ ގާތަށް ގޮސް ފިތުނަ އުފައްދަން މަސައްކަތްކުރުމެވެ. އެކަމަށް ދެއްވަވާ ޢަޛާބް މާގަދަފަދަވާނެއެވެ.
އެކަން އެހެންއެވާ ގޮތަކީ މީހަކު ޣީބަ ބުނިނަމަވެސް އެވާހަކަ ނުފަތުރާނަމަ އެކަމުގެ ސަބަބުން އިތުރު ފިތުނަ ނުއުފެދިފައި އެވާހަކަ ހިފައިގެން އަނެކާގެ ގާތަށް ގޮސް އެވާހަކަ ދެއްކުމުން އުފެދޭ ފިތުނަ ބޮޑުވެގެންދާތީއެވެ.
މިހިރީ އަހަރެމެން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަންކަމެވެ. މީހަކު އެހެން މީހެއްގެ ނުބައި ވާހަކައެއް ދެއްކިނަމަވެސް އެވާހަކަ ހަމަ އެއްވެސް މީހެއްގެ ގާތުގައި ނުބުނާށެވެ. އަދި އެބާވަތުގެ ވާހަކަ ދައްކާނަމަ އަޑުވެސް ނުއަހާށެވެ. އެމީހަކާއި ދިމާއަށް ތިމާ ގާތުގައި އެބާވަތުގެ ވާހަކަ ނުދައްކަން ބުނާށެވެ.
އެފަދަ ވާހަކަ ދައްކާ މީހުންނަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދޭށެވެ. އަޑުއިވުނުކަމަށްވެސް ނުހަދާށެވެ. އެއިރުން ތިބާ ގާތުގައި އެބާވަތުގެ ނުބައި ވާހަކަތައް ދެއްކުން ހުއްޓާލައިފާނެއެވެ. އެގޮތަށް ކަންތައް ކުރަންޖެހޭ ސަބަބަކީ އެބާވަތުގެ ވާހަކަތައް އަޑުއެހުމަކީވެސް ފާފައަކަށްވާތީއެވެ.
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން