އަޅުގަނޑުމެންގެ ކައިވެންޏަށް އަދި މިވީ އެންމެ 15 ވަރަކަށް ދުވަހެވެ. ދިރިއުޅެނީ އަޅުގަނޑުގެ މައިންބަފައިންނާއި އެކުގައެވެ. އަޅުގަނޑު ހިނައިގަންނަ ތަނުންވެސް މަންމަ ކަމަކަށް ބޭނުންވެއްޖެނަމަ ގޮވައެވެ. ދެންވާގޮތަކީ ހިނައިގަތްކަން މަންމައަށް އެނގިދާނެތީ އެކަން ފޮރުވަން ނުނުކުމެ މަޑުކުރަން ބޭނުންވަނީއެވެ. އެކަމަކު އެއިރުން މަންމަ ހުންނަނީ ލަސްވެފައެވެ. އެއީވެސް އަޅުގަނޑު ބޭނުންވާ ގޮތެއް ނޫނެވެ.
ހިނައިގަންނަން އަޅުގަނޑު އަވަސްވެގަންނަ އެންމެ ބޮޑު ސަބަބަކީ ރޭއަޅުކަންކުރަން ހޭލައި ހިނައިގަތުމަށްވުރެ ހިނަގަނެގެން ނިދުމުން ފަސޭހަވާތީއެވެ. އެހެންވީމާ މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިޜީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ހިނައިގެންފިނަމަ ގޭގެ ބައަކަށް އެނގިދާނެތީ ބައެއް އަންހެނުން ހިނައިގަންނަން ލަދުން ދަމުނަމާދުނުކޮށް އެބަ ނިދައެވެ. ލޮބުވެތި ކަނބަލުންނޭވެ! ޢަމަލު ތިއަކުރެވެނީ ރަނގަޅަކަށް ނޫނެވެ. ތިއަ ހެދެނީ ބޮޑު ގޯހެކެވެ.
ގޭގެ އެންމެންނަށް އެނގުނަސް ދަންވަރު ހިނައިގަންނަން ލަދުނުގަންނާށެވެ! ތިބާކުރި 2 ޢަމަލަކީވެސް އަޅުކަމެކެވެ! ކުރަންތިއަ އުޅެނީވެސް އަޅުކަމެކެވެ! ރޭއަޅުކަމަކީވެސް އެންމެ މަތިވެރި އަޅުކަމެވެ!
މިބުނާ ބަހުގެ މާނައަކީ ދެމަފިރިން އެއްދާން ކުރުމަކީވެސް އަޅުކަމެކެވެ. ހިނައިގަތްކަން އެއީވެސް ކުރިއަޅުކަމެކެވެ. ހިނައިގަނެގެން ކުރަންތިއައުޅެނީވެސް އަޅުކަމެކެވެ މިބުނި ބަހުގެ މާނައަކީ ތިއައުޅެނީ ތަހައްޖުދު ނަމާދުކުރާށެވެ!
އެހެންވީއިރު ލަދުގަންނަންވީ ކާކުދެކެހެއްޔެވެ؟ ކޮންކަމަކާއިހެއްޔެވެ؟ ލަދު ގަންނަންވީ، ދެރަވާންވީ އަދި ބިރުވެތިވާންވީވެސް ހިނައި ނުގަނެ ދަމުނަމާދު ނުކޮށް ނިދާފައި އޮތުމަށެވެ. ފަތިސްނަމާދު ނުކުރުމަށެވެ.
ވިސްނައިލާށެވެ! ކައިވެނިކުރުމަށްފަހު ދެމަފިރިން ކުރާނެ ކަންކަން އެންމެންނަށްވެސް އެނގޭނެއެވެ. ވީމާ އެކަން ނުކުރާކަން ދައްކަން އުޅުމުގެ ބޭނުމެއް ނެތެވެ. ކުރިކަން ސިއްރުކުރަން އުޅުމުގެ ވެސް ބޭނުމެއް ނެތެވެ.
މިބާވަތުން ނަބޭޙަތް ދިނުމުން ޝައިޚް ތިއަދައްކަނީ ކޮންކަހަލަ ވާހަކައެއްތޯ ސުވާލު އުފައްދާނެ މީހުންވެސް ތިބޭނެއެވެ. ނަމަވެސް ނިކަން ބުނެބަލާށެވެ! މިވާވަހަ ދައްކަން ލަދުން ތިބެގެން މިކަންކަން އަންގައިދީ އިޞްލާޙްކުރާނީ ކާކުހެއްޔެވެ؟ ޙަޤީޤަތް ނުއެނގި އިޞްލާޙްކުރަން އެނގޭނީވެސް ކިހިނަކުން ހެއްޔެވެ؟ އެހެންވީމާ މިބާވަތުގެ ވާހަކަތައް ދައްކަން މަޖުބޫރުވަނީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން