ޒަވާޖީ ޙަޔާތް ކާމިޔާބުކުރުމަށް ކުރަންޖެހޭ ކަންކަން ތަރުތީބުކުރާއިރު އެކިމީހުން ތަރުތީބުކުރާނީ އެކި ގޮތަށެވެ. އަހުރެން މިބުނަނީ އަހުރެންގެ ތަރުތީބު ލިސްޓްގައި އެންމެ ކުރިއަށް ލާނެ ކަންތަކެވެ. އެއީ އަނެކާގެ ކިބައިން މާފަށް އެދުމާއި މާފުރުކުރުމަށް ފަސްނުޖެހުމާއި އެކަމަށް އަވަސްވެގަތުމެވެ.
ދިރިއުޅުން ނުވަތަ ޒަވާޖީ ޙަޔާތް އުފާވެރިކުރުމަށްޓަކައި އެކަކު އަނެކަކަށް މާފުކުރުމުގެ މުހިންމުކަމުގެ ވާހަކައަކީ އައުވާހަކައެއް ނޫނެވެ. އެމައުޟޫއަށް ދެވޭ ކޮންމެ ދަރުސެއްގައިވެސް ދެކެވޭ އެންމެ މުހިންމު އެއްވާހަކައެވެ. އަހަރެން ދެކޭ ގޮތުގައި އެކަކު އަނެކަކަށް މާފުކުރުމަކީ ކޮންމެހެން ކުރަންޖެހޭ އަދި އެންމެ މުހިންމު ކަންތަކެވެ! ދެވަނައަކަށް ނޫނެވެ. އެއްވަނައިގައި ހިމަންންޖެހޭނީ އެކަމެވެ.
އަހަރެން ޤަބޫލުކުރާ ގޮތުގައި ހަމައެކަނި މާފުކުރުމަކުން ނުފުދެއެވެ. މާފުކުރަން ހިތްވަރުދީ ދަސްކޮށްދޭންވެސް ޖެހެއެވެ. މާފަށް އެދެން ބުނާނެ ޢިބާރާތްތަކާއި މާފުލިބުމުން ޢަމަލުކުރަންޖެހޭ ގޮތް ދަސްކޮށްދޭންވެސް ޖެހެއެވެ.
އެކަމުގެ ދަލީލަކީ އާދަމްގެފާނަށް ފާފަކުރެއްވެވެވުނު ހިނދު ﷲ ތަޢާލާ އެކަން އެގޮތަށް ކުރައްވަވާފައި އޮތުމެވެ. ﷲ ތަޢާލާ ދަސްފުޅުކުރައްވަވައި ދެއްވެވި އެއްޗެއް މެނުވީ އެނގިވަޑައިނުގެން ސުވަރުގޭގައި ހުންނެވި އާދަމްގެފާނަށް ފާފަކުރެއްވެވުނުހިނދު ފާފަ ފުއްސަވައިދެއްވެވުން އެދިވަޑައިގެން ﷲ ތަޢާލާއަށް ދެންނެވި ދުޢާއަކީ ﷲ ތަޢާލާ އުނގަންނަވައި ދެއްވެވި ދުޢާއެކެވެ. އަދި އެކަމުން އެނގެންދަނީ ފާފަ ފުއްސަވައި ދެއްވެވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރެވެ!
މިއަދު އަހަރެމެންގެތެރޭގައި އެއްވެސް ކަމެއް ޙައްލުނުކުރެވިގެން މިއުޅެނީ ކުށެއް ކުރެވުނު ނަމަވެސް އެކަން ޤަބޫލުނުކުރުމާއި އަދި މާފަށް އެދެން ޖެހުނު ނަމަވެސް މާފަށް އެދުމަކީ ލަދުވެތިކަމެއް ކަމަށް ޤަބޫލުކުރެވޭތީއެވެ. ދިރިއުޅުމުގައި ކުރިމަތިވާ ކުދިކުދި ކަންތައްތައްވެސް ބޮޑެތި މައްސަލަތަކަށްވެ މުޅި ޢުމުރު އެކުގައި އުޅުމުގެ ނިޔަތުގައިކުރާ ކައިވެނި ރޫޅައިލެވޭ ހިސާބަށް ކަންކަން މިދަނީ ހަމަ މާފަށް އެދުމަށާއި މާފުކުރުމަށް ފަސްޖެހެވޭތީއެވެ. އެކަން ބަދަލުކޮށްފިނަމަ ޒަވާޖީ ޙަޔާތުގެވެސް އަދި ދިރިއުޅުމުގައި ކުރިމަތިވާ އެހެން ކަންކަންވެސް ޙައްލުވެ އުފާވެރިކަން ލިބިގެންދާނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން