ތިމާމެންނަށް ދެއްވަވާ ދަރިންނަށް އަނިޔާކުރުމަކީ އެންމެ ބޮޑުފާފައެއް ނެތްކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ތިމާމެންނަށް ދެއްވަވާ ދަރިންނަށް އަނިޔާކުރުމަކީ އެންމެ ބޮޑުފާފައެއް ނެތްކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އެންމެ ބޮޑު އެއް ހިތާމައަކީ ދަރިންނަށް އެކިޒާތުގެ އަނިޔާކުރެވޭކަމެވެ. އެއީ ކުރެވޭ ވަރަށް ދެރަކަމެކެވެ. އެފަދަ ކަންކަން ބައިވެރިޔާގެ ކިބައިން ފެންނަނަމަ ފުރަތަމަ ކަމަކަށް އޭނާއަށްޓަކައި ހެޔޮދުޢާކުރައްވާށެވެ! އެހާލަތުން އޭނާ އާއި މުޖުތަމަޢުއަށް ރައްކައުތެރިކަން ދެއްވެވުން އެދި ދުޢާކުރައްވާށެވެ!

އެފަދަ މީހުންގެ ސަމާލުކަން ލިބޭނެ ވަގުތަކަށް ވިސްނައިގެންހުރެ ތިރީގައިވާ ޙާދިސާގެ ވާހަކަ ވިދާޅުވެދެއްވާށެވެ! އެއީ ޙަދީޘްފުޅެކެވެ. ޝައްކުކުރަން އޮތް ވާހަކައެއް ނޫނެވެ. ވީމާ ފައިދާކުރާނެކަމަށް ބަލައި އުންމީދުކުރަމާތޯއެވެ! އިން ޝާ ﷲ 

ކިޔައިދެއްވާށެވެ!: 

އެއީ ޞަހާބީ ބޭކަލެކެވެ. އެހެން ހުންނަވާފައި ކީރިތި ކުރައްވަވަން ފަށްޓަވައެވެ. ކީރިތިކުރައްވަމުން ގޮސް ހޭފުޅު ނެތޭވަރަށް ކީރިތި ކުރައްވަވައެވެ. މިކަމުގެ ވާހަކަ ރަސޫލް () އަށް ޞަޙާބީން ދެންނެވުމުން އޭނާ ގެންނަވައި އެކަހެރިކުރައްވަވައި އެކަމުގެ ސިއްރާއިމެދު ސުވާލުކުރެއްވެވިއެވެ. 

އޭނާ ދެންނެވިއެވެ. 

"މިއީ އަޅުގަނޑު އެކަކަށްވެސް ކިޔައިނުދީ ސިއްރުކޮށްފައިވާ ވާހަކައެކެވެ. ނަމަވެސް ރަސޫލް () ސުވާލުކުރެއްވެވީތީ މިދަންނަވަނީއެވެ. މިއީ އަޅުގަނޑު އިސްލާމްވުމުގެ ކުރިން ކުރެވިފައިވާ ކަމެއްގެ ވާހަކައެވެ. 

އަޅުގަނޑަށް އަންހެން ދަރިއަކު ލިބުނެވެ. ލިބުމާއިއެކު އެއިރުގެ ޘަޤާފަތާއިއެއްގޮތަށް ދަރިފުޅު މަރައިލަން ބޭނުންވިއެވެ. ނަމަވެސް އެކަން އެހައި އަވަހަކަށް ނުކުރެވުނެވެ. ދަރިފުޅު ހެދިބޮޑުވެ ބާލިޣްވާ ޢުމުރަށް އެޅުމުން ޘަޤާފަތް އެކަންކުރަން އަޅުގަނޑަށް މަޖުބޫރުކުރިއެވެ. 

ދަރިފުޅު ރީތިކޮށް ނަލަހައްދައިގެން ގެންދަން އަޅުނު ވަގުތު އަނބިމީހާ އަޅުގަނޑުގާތު ވަރަށް ސިއްރުން ވާހަކައެއް ބުންޏެވެ. "އިތުބާރު ނަގައިނުލާށެވެ!" (މާނައަކީ ދަރިފުޅު ފާފައެއް ކޮށްފާނެކަމަށް ޝައްކުކޮށް މަރައިނުލާށެވެ!" 

އަޅުގަނޑު ދަރިފުޅު ގޮވައިގެން ޖަންގަލި ސަރަހައްދަށްގޮސް ބޮޑު ފެންވަޅަކަށް ދަރިފުޅު ވައްޓައިލީމެވެ. އެންމެފަހުވަގުތުވެސް އެކަން ކުރާނީތޯ ނުވަތަ ނުކުރާނީތޯ ވިސްނީމެވެ. ނަމަވެސް އަޅުގަނޑުގެ މައްޗަށް ބާރުގަދަވީ ކާބަފައިންގެ އާދަކާދައެވެ. އަޅުގަނޑު، ދަރިފުޅު ވަޅަށް ވައްތާލަން އުޅުނު ވަގުތު ދަރިފުޅަށް އެކަން ވިސްނި ބާރުއަޑުން ބުނަންފެށިއެވެ. "އިތުބާރު ނަގައިނުލާށެވެ!" ވަޅުތެރެއަށް ވެއްޓެމުން ދިއައީ ވެސް އެހެން ގޮވަމުންނެވެ. 

އަޅުގަނޑުގެ ކަންފަތުގައި މިހާރުވެސް ދަރިފުޅުގެ އެއަޑު ގުގުމަނީއެވެ. އެއަޑުތައް އިވެން ފެށުމުން ރޮވެނީއެވެ. މިޙާލަތު މެދުވެރިވަނީއެވެ." 

ޞަޙާބީގެ ވާހަކަތައް ކިޔައިދީ ނިމުނުއިރު ރަސޫލް () އަށްވަނީ ކީރިތިކުރެއްވެވިފައެވެ. ތުނބުޅިފުޅުން ކަރުނަފޮދު ފައިބައެވެ. ހަދީޘްފުޅު ކުރެއްވެވިއެވެ. "އިސްލާމްވުމުގެ ކުރިން ކުރި ކުށަކަށް އަދަބު ދެއްވަވާނެނަމަ ފުރަތަމަ ފަށްޓަވާނީ ތިބާ ޤަތުލުކުރެއްވެވުމުންނެވެ!" 

- ބިލާލް އަސްއަދުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން