މުސްލިމުން އެންމެ ބޮޑު ސަމާލުަކމެއް ދޭންޖެހޭނީ ވަޤުތުޖެހުމާއިއެކު ނަމާދުކުރުމަށް އަވަސްވެގަތުމަށެވެ. ފިރިހެނުންނަށް އޮތީ މިސްކިތުގެ ޖަމާއަތަށް ދިއުމެވެ. އަންހެނުންނަށް އޮތީ ގޭގައި ވީހާއަވަހަކަށް ނަމާދުކުރުމެވެ.
ވަޤުތު ޖެހުމުން ނަމާދުކުރަން އަވަސްވެ ނުގަނެވޭ ސަބަބަކަށް ގިނަ ބައަކަށްވެފައި އޮންނަނީ އެމީހުންގެ ފޯނެވެ. މެސެޖްތަކަށް ޖަވާބުދީފައި ނަމާދުކުރަން ވިސްނާތީއެވެ. މިސްކޯލުތަކަށް ގުޅާލާފައި ނަމާދުކުރަން ވިސްނާތީއެވެ.
ޙައްލަކީ ކޮބައިކަންވެސް ބުނެދޭނަމެވެ. ޙައްލަކީ ވަޤުތު ޖެހުމާއިއެކު ނަމާދުކުރުމަށް އަވަސްވެގަންނަން ބޭނުންވާ މީހާ ވަޤުތު ޖެހުމުގެ އެންމެ މަދުވެގެން 15 މިނިޓްއިރު ފޯނު ދުރުގައި ބޭއްވުމެވެ. ފޯނުގައި އަތްވެސް ނުލުމެވެ.
15 މިނިޓް ކުރިން ފޯނު ބާއްވައި ވުޟޫކޮސް ނަމާދަށް ތައްޔާރުވެއްޖެނަމަ ވަޤުތުވާތާ 15 މިނިޓް ފަހުން ފޯނުގައި އަތްލެވޭވަރުވާނެއެވެ. މިބުނަނީ ނަމާދުކޮށް ނިމޭނެ ވާހަކައެވެ. ވީމާ ފޯނުގައި އަތްނުލައި ހުންނަންޖެހޭނީ އެންމެ ބައިގަޑިއެއްހައިއިރުއެވެ. އެވަޤުތުކޮޅު ފޯނުގައި އަތްނުލުމަކުން، މެސެޖްތަކަށް ޖަވާބު ނުދިނުމަކުން އެއްވެސް ދެރައެއް ނުލިބޭނެއެވެ. ކުރާނީ ފައިދާއެވެ.
ޔަޤީންކުރާށެވެ! ބަންގިއަށް ވަޤުތުން ޢިޖާބަދޭ މީހަކަށް ވެވިއްޖެނަމަ ލައްވަވާނެ ރަޙްމަތް މާބޮޑުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން