ހަނދުމަކޮށްދިނުމެއް!: ﷲ ގެ މިންވަރުފުޅަށް އިތުބާރުކުރުމުގެ ކުޅަދާނަކަން ދެއްވެވުން އެދިގެންނާ ﷲ ގެ ރަހްމަތް ތިމާއާއެކު ލެހެއްޓެވުން އެދިގެން ކުރެވިދާނެ ދުޢާއެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ހަނދުމަކޮށްދިނުމެއް!: ﷲ ގެ މިންވަރުފުޅަށް އިތުބާރުކުރުމުގެ ކުޅަދާނަކަން ދެއްވެވުން އެދިގެންނާ ﷲ ގެ ރަހްމަތް ތިމާއާއެކު ލެހެއްޓެވުން އެދިގެން ކުރެވިދާނެ ދުޢާއެއް-

ކޮންމެ މީހަކަށްވެސް ކޮންމެ ކަމެއްވެސް މެދުވެރިވާނީ އެކަމެއް ވުމަށް ﷲ ތަޢާލާ މިންވަރު ކުރެއްވެވުމުންނެވެ. އެކަން ހިތުގެ އަޑިން ޤަބޫލުކުރެވޭ ނަމަ އެމީހަކު އަބަދުވެސް ހުންނާނީ އުފަލުގައެވެ. ހާސްވެ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ.  

މީސްތަކުން މާޔޫސްވެ ބަލިކަށިވަމުން މިދަނީ ﷲ ތަޢާލާގެ މިންވަރުފުޅަށް އިތުބާރުކުރުމުގެ ކުޅަދާނަކަން ކުޑަވަމުންދާތީއެވެ. މުޖުތަމައުތަކުގައި އަދި ފަރުންގެ މެދުގައިވެސް މިއަދު އެންމެ ގިނަ މައްސަލަތައް އުފެދޭ ސަބަބަކީވެސް ހަމައެއީއެވެ. ޤަޞްދުގައި ތިމާކުރި ކަމަކަކުން ކުރިމަތިވި ކަމެއް މެނުވީ އެހެން ކޮންމެ ކަމެއް ކުރިމަތިވުމުގައިވެސް ތިމާގެ އެއްވެސް އަމިއްލަ ބާރެއް ނެތްކަން ޤަބޫލުކުރެވެނީ މިއަދު ވަރަށް މަދު މީހަކަށެވެ.  

މިސާލަކަށް އިންސާނާއަށް ﷲ ތަޢާލާ ދެއްވެވި އިޚްތިޔާރުގެ ތެރެއިން ވަޅިއެއް ނަގައި އަނެއް އަތުގައި އަޅައި ކަނޑާލައިފިނަމަ އެއީ އެމީހަކު އަމިއްލައަށް ލިބިގަތް އަނިޔާއެކެވެ. އެޙާލަތުގައި އެއީ ﷲ ތަޢާލާގެ މިންވަރުފުޅު ކަމަކަށް ނުބުނެވޭނެއެވެ. ނަމަވެސް ދިމާވާ އެކްސިޑެންޓެއްގައި ތިމާގެ އެއްވެސް ބާރެއް ނެތި އެފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ އެއީ ﷲ ތަޢާލާ މިންވަރުކުރެއްވެވި ކަމެކެވެ.  

ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ކަމަކާއިމެދުވެސް މިމޭރުމުން ފިކުރުކުރާށެވެ! އެހާލަތު މިންވަރުކުރެއްވެވި ﷲ ތަޢާލާއަށް ވަކީލުކުރާށެވެ! އަދި އެހާލަތަކުން އަރައިގަނެވުން ވަނީވެސް ހަމަ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންކަން ޔަޤީންކުރާށެވެ!  

ކުރިމަތިވާ މައްސަލަތަކާއި ދަތިތަކުން އަރައިގަތުމަށްޓަކައި އެންމެ މުހިންމު ކަމަކީ ﷲ ތައާލާއަށް ވަކީލުކުރުމުގެ ބާރު އެމީހަކަށް ލިބިފައިވުމެވެ. އެބާރު އެކި މީހުންގެ ކިބައިގައި ހުންނާނީ އެކިވަރަށެވެ. އެބާރުލިބުންވަނީ އެމީހާގެ ކިބައިގައި އީމާންކަން ހުންނަ މިންވަރެއްގެ މައްޗަށެވެ. ވީމާ ﷲ ތަޢާލާގެ މިންވަރުފުޅަށް އިތުބާރުކުރުމުގެ ކުޅަދާނަކަން ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! އަދި އެބާރުލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!  

އެކަން ޙާޞިލުކުރެވޭނީ ފާފަކުރުމުން މީހާ ދުރުހެލިވެ ހެޔޮ ޢަމަލުކުރުން ގިނަކުރި މިންވަރެއްގެ މައްޗަށެވެ.  

"ޔާ ﷲ! އިންބަ ﷲ ގެ މިންވަރުފުޅަށް ވަކީލުކޮށް އިތުބާރުކުރުމުގެ ބާރު މިއަޅާއަށް މިންވަރުކުރައްވަވާނދޭވެ! އިނބަ ﷲ މިންވަރުކުރެއްވެވި ކަމަކުން މެނުވީ މިއަޅާއަށް އެއްވެސް ރަޙްމަތެއް ނުވެއެވެ. މިއަޅާއަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނދޭވެ! އަދި އިނބަ ﷲ މިއަޅާއަށް މިންވަރުކުރައްވަވާ ރަޙްމަތް މިއަޅާ އާއިއެކު ލަހައްޓަވާނދޭވެ!" އާމީން 

މިފަދަ ޢިބާރާތްތަކުން ކޮންމެ ދުވަހަކުވެސް ދުޢާކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން