ބައެއް މީހުންނަކީ އެހެން ހުރިހާ ކަމެއްގެ ކުރިއަށް އެމީހުންގެ ޞިއްޙީ މައްސަލަތައް ނެރޭ މީހުންނެވެ. އެހެންވެ އަތްމަތި ކިތަންމެ ދަތިނަމަވެސް ޑޮކްޓަރަށް ދައްކަން އޮންނަ ދުވަހު ޑޮކްޓަރަށް ދައްކާނެއެވެ. ހަދަން ބުނާ ޓެސްޓްތައްވެސް ހަދާނެއެވެ. އެފަދަ މީހުން އެންމެ ބޮޑަށް ސަމާލުކަންދޭނީވެސް ޑޮކްޓަރުން ދައްކާ ވާހަކަތަކަށެވެ.
ކޮންމެ މުސްލިމަކީވެސް އެމީހެއްގެ ތަޤްވާވެރިކަން އިތުރުކޮށް އެކަމަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންވާނެ މީހެކެވެ. ތަޤްވާވެރިންވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ އެމީހުންގެ ތަޤްވާވެރިކަން އަދިވެސް އިތުރުކުރުމެވެ. އެހެނީ ޞަޙާބީންގެ ޢަމަލުފުޅުތަކާއި ގާތަކަށްވެސް ތަޤްވާވެރިވެވިފައިވާ ހަމައެކަކުވެސް މިހާރު މިދުނިޔޭގައި ނެތުމެވެ. އެކަން ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެއެވެ.
ދެން އޮތީ އަމިއްލަ ދިރިއުޅުމާއި ޢާއިލީ ދިރިއުޅުމެވެ. އަމިއްލަ ދިރިއުޅުމަށާއި ޢާއިލީ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެންނަން ބޭނުންނުވާ ހަމައެކަކުވެސް ނުހުންނާނެއެވެ. ތަނަވަސްކަމާއި އުފާވެރިކަން އިތުރުކުރަން ބޭނުންނުވާ ހަމައެކަކުވެސް ނުހުންނާނެއެވެ. ތިމާއަށް ކިތަންމެ ބޮޑު ތަނަވަސްކަމެއް ދެއްވަވާފައިވީނަމަވެސް "މިވަރުން ފުދޭ" ކަމަށް ޤަބޫލުކުރަނީ ކާކުހެއްޔެވެ؟ ޢާއިލީ ދިރިއުޅުމުގައި އުފާވެރިކަން އިތުރުކުރަން ބޭނުންނުވަނީ ކާކުހެއްޔެވެ؟
މިހުރިހާ ކަމަކަށް ބެލިނަމަވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ޢިޝާ ނަމާދަށްފަހު ވަޤުތު ބޭކާރުނުކޮށް އަވަހަށް ނިދުމެވެ. ދީނުގައި އެކަން އެގޮތަށް ކުރަން އަންގަވާފައި އޮތްކަން ބާއްވާފައި ފުރިހަމަ ޞިއްޙަތަކަށް އެދޭމީހާއަށްވެސް އެއީ ފުރަތަމަ ކުރަންޖެހޭ އެއްކަންތަކެވެ. ފުރިހަމަ ޞިއްހަތެއް ނުލިބި އަޅުކަންކުރާނީވެސް އަދި ތަނަވަސްކަން އިތުރުކުރާނީވެސް އަދި ޢާއިލީ ދިރިއުޅުން އުފާވެރިކުރަން ކުރަންޖެހޭ ކަންކަން ކުރާނީވެސް ކިހިނަކުންހެއްޔެވެ؟
އެހެނަސް މީސްތަކުން މިއަދު އެންމެ ބޮޑަށް ޣާފިލުވެފައިވާ އެއްކަމަކީ އަވަހަށް ނިދުމެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވި ރޭގަނޑުގެ ގިނަ ވަޤުތުތަކެއް ގެންދަނީ ބޭކާރުގޮތުގައި ހޭދަކުރަމުންނެވެ. އަދި ގިނަ ބައަކަށް ނުނިދައި ތިބެގެން ކުރެވެނީވެސް ޝައިޠޯނާ ބުނާ ކަންކަމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ކަންކަމެއް ނޫނެވެ.
މިވާހަކަ ދަރުސްތަކުގައި ދެއްކޭވަރު ގިނަކަމުން ބައެއް މީހުން ކަންބޮޑުވާކަންވެސް އެނގެއެވެ. ނަމަވެސް މިވާހަކަ ދެއްކުން ގިނަކުރަން މިވަނީ މަޖުބޫރުވެފައެވެ. ސަބަބަކީ މިބަޔާންކުރި ކަންކަން ރަނގަޅުކޮށް ހެޔޮ ބަދަލެއް ގެނައުމުގެ ބިންގަލަކީ އަވަހަށް ނިދުމެވެ. ބިންގާ ހަރުދަނާކޮށް، ވަރުގަދަކޮށްގެން ނޫނީ ޢިމާރާތް ވަރުގަދަކުރެވޭނެ ގޮތެއް ނެތެވެ. ވީމާ ތަޤްވާވެރިކަމަށްވެސް އަމިއްލަ ދިރިއުޅުމަށްވެސް ޢާއިލީ ގުޅުމަށްވެސް ހެޔޮ ބަދަލެއް ގެންނަން އެދޭނަމަ ފުރަތަމަކަމަކީ ވަޤުތު ބޭކާރުކޮށް އަވަހަށް ނިދުންކަމުގައި ހަދާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން